ކ. މާލެ
|
30 ނޮވެންބަރ 2021 | އަންގާރަ 16:51
ރައީސް ޔާމީން މިނިވަން ވުމާއި ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުން އުފާފާޅުކުރަނީ
ރައީސް ޔާމީން މިނިވަން ވުމާއި ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުން އުފާފާޅުކުރަނީ
ރާއްޖެއެމްވީ
ރައީސް ޔާމީނުގެ ޚިޔާނާތް
ގިސްލަމުން ހިނިތުން ވަމުން ދިވެހިންނަށް އޮތް އިންސާފު
 
އިންސާފު ގާއިމު ވެއްޖެ ކަމުގެ އިހްސާސް ނުކުރެވޭ ރައްޔިތަކަށް ޖުޑިޝަރީ މިނިވަން ވުމުން ލިބޭ އުފަލެއް ނެތް
 
އަނިޔާއާ ވައްކަމާ ޚިޔާނާތާ ކޮރަޕްޝަނާއިގެން ކެތް ނުވެގެން އުޅުނު ރައްޔިތުންނަށް މި ލިބުނީ އިންސާފުތޯ ރައްޔިތުން ސުވާލު އުފައްދާ

ރައީސް ޔާމީނުގެ 5 އަހަރުގެ ދައުރު ފެއްޓެވީ ދައުލަތުގެ ހައްގުގައި މުސާރައިގެ އެއްބައި ވެސް ނުނަންގަވާނެ ކަމަށް ވިދާޅުވަމުންނެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފުލް މުސާރަ ހަމައަށް ނަންގަވަން ފެއްޓެވީ ދިރިއުޅުމުގެ ދަތިކަން ބޮޑުވެގެންނެވެ. ދަރިންގެ ގޮތުގައި ވަކިން ދިރިއުޅުއްވާ ބޭފުޅުން ކުލި ދައްކާނެ ގޮތެއް ނެތިގެން ކަމަށް ވިދާޅުވިއެވެ. އާނއެކެވެ. އަތުގައި އެއްޗެއް ނެތި މާބޮޑަށްވެސް ދަތިވީއެވެ. ވެރިކަމަށް ވަޑައިގަތަކަސް އެއީ ވިޔަފާރިވެރި މަހުޖަނެއް ނޫނެވެ. ހަމަ މުސާރަ ނެގުން އައިބެއް ނޫނެވެ. އަތްމަތި ދަތިވީމަ ވާނީވެސް އެހެންނެވެ.

ދުވަސްކޮޅަކުން އިވެންފެށި އަޑަކީ ފަޅުތަކާ ރަށްރަށާ، ގޮއިފާލައްބަޔާއި ހިންނަތަކަށް ދަންދެން ވިއްކާ ނެގިހާ ލާރިތައް ކަޅު ދަބަސްތަކުގައި އުފުލި ވާހަކަ އެވެ. ހަރާމެއް ހަލާލެއް ނުބެލޭ ވާހަަކައެވެ. އެމްއެމްޕީއާރުސީއަކާ ޒިޔަތަކާ އަހުމަދު އަދީބެއްގެ ވާހަކައެވެ. އިރުކޮޅަކުން ބަލާލިއިރު ކަމަކުދާކަށް ނެތެވެ. ހެންވޭރުގައި މާސިންގާ ބާލުޚާނާއެއް ހުރެގެން ހަމަ މައްޗަށް އަރަނީ އެވެ. އެއްކަލަ އަތްމަތި ދަތި ރައީސްގެ މިލްކިޔާތު ހުރެގެން އުސްވެ ފުފެނީއެވެ. އެކައުންޓްގައި ސަތޭކަ މިލިއަނަށްވުރެ ފައިސާ ގިނައެވެ.

ވައްކަމާއި ކޮރަޕްޝަނާއި އަނިޔާ އޮބިނޯވެގެން ރައްޔިތުން ވެރިކަން ބަދަލު ކޮށްފިއެވެ. އެސްއޯއެފް އާއި އެމްއެމްޕީއާރުސީއާއި އެޗެކާއި މިޗެކާއި އެނަމްބަރު އެކައުންޓާ ކިޔަމުން ދެއްކި އެއްވާހަކަ ތަކަކުން އެއްބަޔަކު އެތިބީ ދިގު މުއްދަތަށް ޖަލު ހުކުމުގައެވެ. އެއިން މީހެއްގެ އެކައުންޓަކު 100 މިލިއަނެއް ނެތެވެ. ގަތް ބިމެއް އުސްކުރި ބިނާއެއް ނެތެވެ. އެކައްޗެއް ވެސް އަތުގައި ނެތިގެން މުސާރަކޮޅު ނެންގެވި މީހާގެ އަތުގައި ކުއްލިއަކަށް އެހުރިހާ އެއްޗެއް ހުރެމެ ކުށެއް ނެތް މީހެއްގެ ގޮތުގައި ރައީސް ޔާމީނު މިނިވަން ވެއްޖެއެވެ.

އެމްޑީޕީ މީހުން ދައްކަނީ ޖުޑިޝަރީ މިނިވަންވި ވާހަކަޔާއި ސަރުކާރުން ޝަރީޢަތަށް ނުފޫޒު ނުފޯރުވާ ވާހަކައެވެ. އިންސާފު ގާއިމުވެއްޖެ ކަމުގެ އިހްސާސް ނުކުރެވޭ ރައްޔިތަކަށް ޖުޑިޝަރީ މިނިވަން ވުމުން ލިބޭ އުފަލަކީ ކޮބައިހެއްޔެވެ. އެހެންވިއްޔާ ބުނެބަލާށެވެ. ރިހާކުރު ފުޅި ވަގަށް ނެގި މީހާ ހުރީ ޖަލުގައެވެ. އެފުޅީގައި ހުރީ ކިހިނެއް ކޮން ގޮތަކަށް ކޮންރަށެއްގައި ކެއްކި ރިހާ ކުރެއްތޯ ދައުލަތުން ކޯޓުގައި ސާބިތު ކޮއްދޭކަށް ނުޖެހެއެވެ.

އަނިޔާ އާއި ވައްކަމާއި ޚިޔާނާތާ ކޮރަޕްޝަނާއިގެން ކެތް ނުވެގެން އުޅުނު ރައްޔިތުންނާއި ގައުމަށް މިލިބުނީ އިންސާފު ކަމަށް ގަބޫލު ކުރެވޭ ހެއްޔެވެ؟ ކުރިއަށް އޮތީ ކުރިއެވެ. ދައްކަވަން ހުރިތަނެއް ދާނީ ދައްކަވަމުންނެވެ. ރޭވެ އަލިނުވިލެނީސް މިތުރުންނަށް ވަނީ ވަކި ކަންކަމެއްގައެވެ. ގިސްލަމުން ހިނިތުންވުމަަކީ މިވަގުތު މިގައުމަަށް އޮތް އިންސާފެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
67%
0%
0%
0%
0%
33%
ކޮމެންޓް
30 ނޮވެންބަރ 2021 | އަންގާރަ 17:44
ހަމީދު
ވަރަށް ރަގަޅު ލިއުމެއް.