ކ. މާލެ
|
30 ނޮވެންބަރ 2021 | އަންގާރަ 16:41
ރައީސް ޔާމީން މިނިވަން ވުމާއި ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުން އުފާފާޅުކުރަނީ
ރައީސް ޔާމީން މިނިވަން ވުމާއި ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުން އުފާފާޅުކުރަނީ
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ޔާމީން މިނިވަންވުމަކީ ސަރުކާރުގެ ނާކާމިޔާބީއެއް ނޫނެވެ. ވަރަށް ބޮޑު ކާމިޔާބީއެކެވެ.
 
ރައީސް ޔާމީނުގެ ކޮރަޕްޝަނުގެ މައްސަލަތައް އަދިވެސް ކޯޓަށް ވެއްދިދާނެ
 
ފަނޑިޔާރުގެއިން ރިއާޔަތް ކުރަނީ ހުށައެޅޭ ހެއްކާއި ގަރީނާތަކަށް

ޚިޔާނާތުގެ ކަޅު ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެފައިސާ ދޮވެ ހުދުކުރުމުގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ވަނީ އަންގާރަދުވަހު ބާތިލްކޮށްފައެވެ. އެތައް ބަޔަކު ތިބީ ހުކުމް އަންނަ ގޮތެއްގެ އިންތިޒާރުގައި ނޭވާ ހިފަހައްޓާލައިގެންނެވެ. ޝަރީއަތުގެ މަރުހަލާގައި ދެފަރާތުގެ ވަކީލުންގެ ބަހުސްތަކާއި ހުއްޖަތުގެ މައްޗަށް ރިއާޔަތްކޮށް ވަރަށް ގިނަ ބަޔަކު ތިބީ ހުކުމް އަތުވެދާނެ ގޮތެއްގެ ތަސްވީރުވެސް ކުރަހާލައިގެންނެވެ. އެއްބަޔަކަށް ހުކުމުގެ ސަބަބުން ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ. އަނެއް ބަޔަކު ވަނީ އުފަލުން ފޮޅިފައެވެ. ކޮންމެއަކަސް މިއީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ދުރުމިވެސް ވަރަށް ބޮޑަށް އަމާޒުވެގެން ދިޔަ ޝަރީއަތެކެވެ. ރާއްޖޭގެ ފަހުގެ ތާރީޚުގައި ނިމިގެންދިޔަ މިޒާތުގެ އެންމެ ބޮޑު ޝަރީއަތޭވެސް ބުނެވިދާނެއެވެ. އެހާވެސް ބޮޑަށް އާންމުންގެ ސަމާލުކަން މި ޝަރީއަތަށް އޮތީ ހުއްޓިފައެވެ.

ރައީސް ޔާމީނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ސްޕްރީމް ކޯޓުން ބާތިލް ކުރުމާއެކު އެމަނިކުފާނު ވަނީ މިނިވަންވެފައެވެ. ހުކުމް އައީ ރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ހަރުގަނޑުގައި ހިމެނޭ އެންމެ މަތީ ކޯޓުން ކަމަށްވުމާއެކު މި ނިޔާ އިސްތިއުނާފު ކުރެވޭނޭ މަގެއްވެސް ނެތެވެ. އެހެންވީމާ ހަގީގަތުގައިވެސް މިފަހަރު ރައީސް ޔާމީން މިނިވަންވެވަޑައިގަތީއެވެ. ގެއަށް ވަޑައިގަތީއެވެ. އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަތީއެވެ. ހަމައެހެންމެ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ދޮރުވެސް އަލުން ހުޅުވިގެން ދިޔައީއެވެ. މިކަމަކީ ރައީސް ޔާމީނަށް ހަގީގަތުގައިވެސް ތާއީދުކުރާ އެމަނިކުފާުނުގެ ސަޕޯޓަރުންނަށް ނުހަނު ބޮޑު އުފަލެކެވެ. އެހެންނަމަވެސް 2023 ވަނަ އަހަރުގެ ރިޔާސީ ޓިކެޓްގެ އުންމީދުގައި ނުސީދާކޮށް އެކިކަހަލަ ކެމްޕޭނު ކުރައްވަމުން ވަޑައިގެންނެވި ޕީޕީއެމް-ޕީއެންސީގެ ބައެއް ބޭފުޅުންނަށް މިހާރު މިއޮތީ އެހެން ވިސްނުމެއް އިޚުތިޔާރު ކުރައްވަން ޖެހިވަޑައިގެންފައެވެ.

ރައީސް ޔާމީން މިނިވަންވެވަޑައިގަތީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމާމެދު ސުވާލު އުފައްދައި ހުށަހެޅި ނުކުތާގައި އެމަނިކުފާނާ އެއްކޮޅަށް ފަނޑިޔާރުންގެ ރައުޔު އައުމުންނެވެ. އެފައިސާއަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމާމެދު ޝައްކު އުފެދުނީ ފައިސާ ޖަމާކުރި ކަމަށް ބުނާ ޗެކު ނަމްބަރުތައް ދިމާނުވާތީއެވެ. އޭގެ މާނަޔަކީ ރައީސް ޔާމީނުގެ އެކައުންޓަށް ކަޅު ފައިސާ ވަދެފައި ނެތުމެއް ނޫނެވެ. ފައިސާ ދޮވެ ހުދުކޮށްފައި ނެތުމެއްވެސް ނޫނެވެ. ރައީސް ޔާމީން ހުދު ފޮތިކޮޅަކަށް ބަދަލުވެގެން ދިޔުމެއްވެސް ނޫނެވެ. އޭގެ މާނަޔަކީ ރައީސް ޔާމީނަށް ކުރެވުނު ހުކުމުގައި އިޖުރާތުގެ ބައެއް މައްސަލަތަކާއި އެނޫންވެސް ބައެއް މައްސަލަތައް ހުރިކަން ހާމަވުމެވެ. ޕްރޮސެކިއުޝަނުގެ ފަރާތުން ހަދަންޖެހޭ ހޯމްވާކް އެންމެ ރަގަޅަށް ހެދިފައިނުވާކަން ހާމަވެގެން ދިޔުމެވެ. މިކަންކަން ހާމަވީމާ ރައީސް ޔާމީނު މިނިވަންވެވަޑައިގަތީއެވެ.

ސްޕްރީމް ކޯޓުން ރައީސް ޔާމީނުގެ ޖަލު ހުކުމް ބާތިލް ކުރިކަމުގައި ވިޔަސް ޚިޔާނާތުގެ މި މައްސަލަ އައު ހެކިތަކާއެކު އަލުން އައު ކޭހެއްގެ ގޮތުގައި ކޯޓަށް ވެއްދުމުގެ ފުރުސަތު ދައުލަތަށް އެބައޮތެވެ. ސްޕްރީމް ކޯޓުގެ ހުކުމުގައި އެ ދޮރު ވަރަށް ބޮޑަށް އޮތީ ހުޅުވައިދީފައެވެ. ފައިސާ އަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށް ބަޔާންކޮށްފައި ވުމުން އެކަން ދައުލަތަށް ސާބިތު ކުރެވެން ޖެހޭނެ ކަމަށް ހުކުމުގައި ވެއެވެ. ކްރިމިނަލް ކޯޓާއި ހައިކޯޓުން ކުރިން ކޮށްފައިވާ ހުކުމް ބާތިލު ކުރުމަށް ފެނިވަޑައިގަންނަވާ ކަމަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރުން މިފަހަރު ނިންމެވިޔަސް ތަހުގީގީ އިދާރާތަކުން ބަލަމުންދާ ފައިސާތަކެއް އަމިއްލަފުޅަށް އިންވެސްޓު ކުރެއްވުމަކީ ގާނޫނީ ވެރިކަމަށް ނުބައްލަވައި އަމިއްލަ މަސްލަހަތު އިސްކުރެއްވުމެއް ކަމަށް ފަނޑިޔާރުން ބުރަވެވަޑައިގަތެވެ. ވީމާ މިއީ ބެލޭނެ މައްސަލައެއް ކަމަށާއި ދައުލަތަށް އެހައްގު ދެންވެސް އަދިވެސް ލިބިގެންވާކަމަށް ވަނީ ނިންމަވައިފައެވެ. ސުވާލަކީ ދައުލަތުގެ ފަރާތުން އެކަން އެމަގުން ކުރައްވާނެތޯ ނުވަތަ ނޫންތޯއެވެ. އޭގެ ޖަވާބު ލިބިގެންދާނީ ކުރިއަށް އޮތް ދުވަސްތަކުގައެވެ.

ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ ހަގީގަތް ހޯދުމަށް އަދިވެސް ތަހުގީގުކޮށް އެފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއް ނަމަ ދައުލަތަށް އެފައިސާ ނެގުމުގެ އިޚުތިޔާރު ބޮޑުތަނުން ހުޅުވިފައި އެބައޮތެވެ. އެދޮރު ބަންދެއް ނުވެއެވެ. އެއީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްނަމަ އެ ފައިސާއާއި އެ ފައިސާ އިންވެސްޓްކޮށްގެން ހޯދާފައިވާ ފައިދާއެއްވިޔަސް ދައުލަތަށް ނެގުމުގެ އިޚުތިޔާރު ލިބިގެންވެއެވެ. އެހެން އެކަން ނުކުރެވޭނެއެކޭ އަދި ކޮށްގެން ނުވާނެޔެކޭވެސް ސްޕްރީމް ކޯޓުގެ ނިޔާގައި ވިދާޅުވެފައެއް ނުވެއެވެ. ރައީސް ޔާމީނު މިނިވަންވުމުގެ ހުކުމުގެ ސަބަބުން އެމަނިކުފާނު ހުދު ކާފޫރުކޮޅަކަށް އަދި ނުވެޔޭ ބުނަން ޖާގަ ލިބެނީ މިހެންވެއެވެ. އަޅުގަޑު ގަބޫލުކުރާ ގޮތުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ދެންވެސް މިކަމާއި ގުޅިގެން ހޯދުންތައް ހޯދައި ވިސްނުންތައް ވިސްނައި ކަންކަން ކުރަންޖެހޭ މުއައްސަސާތަކުން އެކަން ކުރާނެއެވެ. ކުރާންވެސް ޖެހޭނެއެވެ. މިއީ އަދި ނިމުމެއް ނޫނެވެ. މިހާރު މިވީގޮތުން މިއީ ފެށުމެކެވެ. ވަރަށް ޝައުގުވެރި ކުރަނިވި ކަންކަން ކުރިއަށް އޮތްތަނުގައި ފެނިގެން ދާނެއެވެ.

ދެންއޮތީ ސްޕްރީމް ކޯޓުގެ ނިޔާ ނުވަތަ ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އަޅާލި ތަފާލެއްތޯ ބެލުމެވެ. މިއީ ސަރުކާރަށް ކުރިމަތިވި ނާކާމިޔާބީއެއްތޯ ބެލުމެވެ. އަޅުގަޑު ހިތުން މިއީ ސަރުކާރަށް ނާކާމިޔާބީއެއް ނޫނެވެ. މިއީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. ސަރުކާރުން ފަނޑިޔާރުގެޔަށް އުނދުޅި ބާނައިގެން ހުކުމްތަކަށް ނުފޫޒު ނުފޯރުވާކަމާއި ފަނޑިޔާރުގެޔަކީ މުޅިންވެސް މިނިވަން މުސްތަގިއްލު ތަނެއްކަން ކިތަންމެހައިވެސް ރީއްޗަށް މުޅި ދުނިޔެއަށް ފެނިގެން ހިނގައްޖެއެވެ. ފަނޑިޔާރުގޭގެ މުސްތަގިއްލުކަމާ ދޭތެރޭ ކުޑަ ޝައްކެއް އޮތަސް އެޝައްކު ފިލައިގެން ހިނގައްޖެއެވެ. އިދިކޮޅު ފަރާތްތަކުންވެސް އެހަގީގަތް ގަބޫލުކޮށްފިއެވެ. ސިޔާސީ ފިކުރަކަށް އެހެން ފިކުރަކަށް ފަނޑިޔާރުގެއިން ރިއާޔަތް ނުކުރާ ކަމާއި ރިއާޔަތް ކުރަނީ ހުށައެޅޭ ހެއްކާއި ގަރީނާޔަށްކަން ސާބިތުވެގެން ހިނގައްޖެއެވެ. މިސަރުކާރު ވެރިކަމަށް އައީ ފަނޑިޔާރުގެ މިނިވަންކޮށް ސިޔާސީ ނުފޫޒުން ސަލާމަތްކުރުމުގެ ވައުދަކާއެކުގައެވެ. އެވައުދު ފުއްދައިފިކަމާއި ފަނޑިޔާރުގެ މިނިވަންވެފައިވާކަން ހާމަވުމަކީ ނާކާމިޔާބީއަކަށް ވާނެ ބާވައެވެ؟ ނޫނެކެވެ. ނުވާނެއެވެ. އެކަންވާނީ ހަމަ ހަގީގަތުގައިވެސް ވަރަށް ބޮޑު ކާމިޔާބީއަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
9%
27%
0%
9%
9%
45%
ކޮމެންޓް