ކ. މާލެ
|
30 ނޮވެންބަރ 2021 | އަންގާރަ 07:05
ޑަބްލިޔުއެޗްއޯ
ޑަބްލިޔުއެޗްއޯ
ގެޓީ އިމޭޖަސް
އޮމިކްރޯން ވޭރިއަންޓް
އޮމިކްރޯން ވޭރިއަންޓްގެ ނުރައްކާ ބޮޑު: ޑަބްލިޔުއެޗްއޯ
އޮމިކްރޯން ވޭރިއެންޓް ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރުމުގެ ބިރު އެބައޮތް
އޮމިކްރޯން ވޭރިއެންޓް އިތުރަށް ދެނެގަތުމަށް ދިރާސާތައް ހެދި އެ މައުލޫމާތު ގައުމުތަކާ ހިއްސާ ކުރަމުން ގެންދާނެ

ދެކުނު އެފްރިކާއިން ފެނިފައިވަ އޮމިކްރޯން ވޭރިއެންޓްގެ ނުރައްކާ ވަރަށް ބޮޑު ކަމަށާއި، އެހެންކަމުން ގައުމުތަކުން އެކަމަށް ތައްޔާރުވުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިން އެ ޖަމްއިއްޔާގެ މެމްބަރު ހުރިހާ ގައުމަކަށް ގޮވާލައިފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މިކަމަށް ގޮވާލީ، މެމްބަރު 194 ގައުމަށް ފޮނުވި ޓެކްނިކަލް އެޑްވައިސްގައެވެ. ޑަބްލިޔުއެޗްއޯއިން ބުނެފައިވަނީ، އަލަށް މިހާރު ފެނިގެންއުޅޭ އޮމިކްރޯން ވޭރިއެންޓް ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރުމުގެ ބިރު އެބައޮތް ކަމަށެވެ.

އެހެންކަމުން، ދުނިޔޭގެ ބައެއް ހިސާބުތަކުގައި ކޮވިޑްބަލި ވަރަށް ބޮޑަށް އިތުރުވެ، އޭގެ ސަބަބުން ހީވެސް ނުކުރާވަރުގެ ގެއްލުންތަކެއް ލިބިގެން ހިނގައިދާނެ ކަމަށެވެ.

ޑަބްލިޔުއެޗްއޯއިން ވަނީ، ހައިރިސްކް ގްރޫޕްތަކަށް ވެކްސިޖެހުން އަވަސްކުރުމަށް މެމްބަރު ގައުމުތަކަށް ގޮވާލާފައެވެ. ހަމަ އެއާއެކު ބަލީގެ ހާލަތު ގޯސްވިޔަނުދިނުމަށް އެކަށައަޅާފައިވާ ފިޔަވަޅުތަކަށް ތައްޔާރުވެ ތިބުމަށްވެސް ޓެކްނިކަލް އެޑްވައިސްގައި ބުނެފައިވެއެވެ.

ޑަބްލިޔުއެޗްއޯއިން ބުނެފައިވަނީ، އަލަށް ފެތުރެމުންދާ އޮމިކްރޯން ވޭރިއެންޓް އިތުރަށް ދެނެގަތުމަށް ދިރާސާތައް ހެދޭނެ ކަމަށާއި، އެ މައުލޫމާތުތައް ގައުމުތަކާ ހިއްސާ ކުރަމުން ގެންދާނެ ކަމަށެވެ.

އޮމިކްރޯން ވޭރިއެންޓުގެ 30 މިއުޓޭޝަންސް މިހާތަނަށް ފެނިފައިވާއިރު، މިވަގުތަށް ހޯދިފައިވާ މައުލޫމާތުތަކުން މި ވޭރިއެންޓްގެ ބައެއް މިއުޓޭޝަންސްތަކަކީ ކޮވިޑްބަލީގެ ހާލަތު އިތުރަށް ގޯސްކޮށްލާނެ މިއުޓޭޝަންސްތަކެއް ކަމަށް ބެލެވިފައިވާ ކަމަށް ޑަބްލިޔުއެޗްއޯއިން ވަނީ ބުނެފައެވެ.

އަދި ދުނިޔޭގައި މިހާރު ބޭނުންކުރަމުންދާ ކޮވިޑް ވެކްސިނަށް އޮމިކްރޯން ވޭރިއެންޓްގެ އަސަރުކުރާނީ ކިހާ މިންވަރަކަށްކަން ދެނެގަތުމަށްވެސް އިތުރު ދިރާސާތައް ހަދަންޖެހޭކަމަށް ޑަބްލިޔުއެޗްއޯއިން ބުނެފައި ވެއެވެ.

މި ވޭރިއެންޓް ފެތުރުނަ ނުދިނުމަށް ގައުމުތަކުން ގެންދަނީ ދަތުރުފަތުރުކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް