ކ. މާލެ
|
29 ނޮވެންބަރ 2021 | ހޯމަ 19:05
އެންޑީއޭ - އެތަނުގެ މަސައްކަތްތަކާއި ދޭތެރޭގައި ހިތްހަމަނުޖެހިގެން މުޒާހަރާވެސް ކޮށްފައިވޭ
އެންޑީއޭ - އެތަނުގެ މަސައްކަތްތަކާއި ދޭތެރޭގައި ހިތްހަމަނުޖެހިގެން މުޒާހަރާވެސް ކޮށްފައިވޭ
ރާއްޖެއެމްވީ
ޗޭންޖް އެންޑީއޭ ޕެޓިޝަން
އެންޑީއޭގެ ވޭތުވެދިޔަ ފަސް އަހަރުގެ ފައިނޭންޝަލް އަދި ޕަރފޯމެންސް އޮޑިޓެއް ހެދުމަށް ފާސްކޮށްފި
ރިޕޯޓް ފާސްކޮށްފައިވަނީ 33 މެމްބަރުންގެ އިއްތިފާގުން
މިޕެޓިޝަންގައި 1050 ފަރާތަކުން ސޮއިކޮށްފައިވޭ
ކޮމިޓީން ވަނީ 10 ހުށަހެޅުމެއް ހުށަހަޅާފައި

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ވޭތުވެދިޔަ ފަސް އަހަރުގެ ފައިނޭންޝަލް އަދި ޕަރފޯމެންސް އޮޑިޓެއް، އޮޑިޓަރ ޖެނެރަލް އޮފީހުން ހެދުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ ޗޭންޖް އެންޑީއޭ ޕެޓިޝަން ދިރާސާކުރި ޕެޓިޝަން ކޮމިޓީގެ ރިޕޯޓް ފާސްކުރުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 33 މެމްބަރުންގެ އިއްތިފާގުންނެވެ. މިއީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ސްޕޮންސަރ ކުރައްވާ ހުށަހަޅުއްވާފައިވާ ޕެޓިޝަނެކެވެ. މިޕެޓިޝަންގައި 1050 ފަރާތަކުން ސޮއިކޮށްފައިވެއެވެ. މިޕެޓިޝަން ހުށަހަޅާފައިވަނީ ހޭންޑްސް ޓުގެދަރގެ ފަރާތުން، ހ. މައިޒާން މުހައްމަދު ނަވީޒް ސަލީމްއެވެ. މިޕެޓިޝަން ޕެޓިޝަން ކޮމިޓީއަށް ހުށަހަޅާފައިވަނީ 2021 ވަނަ އަހަރުގެ މާޗް މަހުގެ 24 ވަނަ ދުވަހުއެވެ.

މި ޕެޓިޝަންގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ގައުމަށް ދިމާވެފައިވާ އެންމެބޮޑު އިޖުތިމާއީ މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށްވާއިރު، މަސްތުވާތަކެއްޗާއި ބެހޭ ގަނޫނުގެ ދަށުން ނޭޝަނަލް ޑްރަގް އެޖެންސީ(އެންޑީއޭ) އުފެދިފައިވަނީނަމަވެސް އެންޑީއޭގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ނާގާބިލްވެފައިވާކަމަށެވެ. އެކަމުގެ ސަބަބުން ގައުމު އިތުރަށް މަސްތުވާތަކެތީގެ ވަބާގެ ތެރެއަށް ވެއްޓެމުންދާކަން ފާހަގަކޮށް އެންޑީއޭ ޒަމާނާ އެއްގޮތަށް އަލުން އިސްލާހުކުރުމަށް ނުވަތަ ރީސްޓްރަކްޗަރ ކުރުމަށް ވަނީ އެދިފައެވެ.

ކޮމިޓީން ވަނީ މިޕެޓިޝަން ދިރާސާކުރުމަށްޓަކައި ރާއްޖޭގައި ގާއިމުކޮށްފައިވާ މަސްތުވާތަކެތީގެ ފަރުވާދޭ މަރުކަޒުތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ ހާލަތު ދެނެގަނެފައިވެއެވެ. އަދި ސަރުކާރުގެ ކަމާގުޅޭ ހުރިހާ އިދާރާއަކާ ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފައިވެއެވެ.

ކޮމިޓީން ކުރިޔަށްގެންދިޔަ ދިރާސާތަކުގައި މައިގަނޑު 17 ހޯދުމެއް ވަނީ ހޯދާފައެވެ. އަދި ކޮމިޓީން ވަނީ މިކަންކަމުގެ މައްޗަށް ރިއާޔަތްކޮށް 10 ހުށަހެޅުމެއް ހުށަހަޅާފައެވެ. އެގޮތުން އެންޑީއޭއަށް ބޭނުންވާ ވަސީލަތްތައް ހަމަޖެއްސުމާއި، ބަޖެޓް ހަމަޖެއްސުމާއި، ފަރުވާގެ ނިޒާމު ލާމަރުކަޒު ކުރުމަށް ވަނީ ހުށަހަޅާފައެވެ. މީގެއިތުރުން ވަޒީފާގެ ފުރުސަތު އަދި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމަށާއި ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްވެސް ކޮމިޓީން ހުށަހަޅާފައިވެއެވެ.

މީގެއިތުރުން މަސްތުވާތަކެއްޗާ ގުޅުންހުރި ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށާއި، މަސްތުވާތަކެތި ބޭނުންކޮށް ވިއްކުމުގެ ކަންކަމުގައި އުޅޭ ބިދޭސީންގެ ނިސްބަތް އިތުރުވަމުންދާތީ، އެކަމުގައި އުޅޭ ބިދޭސީން އެމީހުންގެ ގައުމަށް ޑީޕޯޓްކުރުމުގެ މަސައްކަތް ކަމާގުޅޭ އިދާރާތަކުން ވީހާވެސް އަވަހަށްކުރުމަށް ވަނީ ހުށަހަޅާފައެވެ.

ޕޯސްޓް އަދި ކާގޯގެ ޒަރިއްޔާއިން މަސްތުވާތަކެތި އެތެރެކުރެވޭތީ. އެތަކެތި އެތެރެވުމަށް އޮންނަ ހުރިހާ މަގެއް ބަންދުކޮށް، ކަމާގުޅޭ އިދާރާތަކުން އެކަމަށް ފާރަވެރިވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މަސްތުވާތަކެއްޗާ ގުޅޭގޮތުން މާސްޓަރ ޕޮލިސީއެއް ހަދައި، މިޕޮލިސީއަކީ ރާއްޖޭގެ ވެރިކަން ބަދަލުވުމުން ބަދަލުވާ ޕޮލިސީއެއް ކަމުގައިނުވުމަށްވެސް ކޮމިޓީން ވަނީ ހުށަހަޅާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް