ކ. މާލެ
|
29 ނޮވެންބަރ 2021 | ހޯމަ 10:07
ކެނެޑާއިން އޮމިކްރޯން ވޭރިއެންޓް ފެނުނު މީހުން އެމްބިއުލާންސްގައި
ކެނެޑާއިން އޮމިކްރޯން ވޭރިއެންޓް ފެނުނު މީހުން އެމްބިއުލާންސްގައި
ރޮއިޓަރސް
އޮމިކްރޯން ވޭރިއެންޓް
ކެނެޑާއިން ވެސް އޮމިކްރޯން ވޭރިއެންޓް ފެނިއްޖެ
މި ވޭރިއެންޓް ފެނުނީ ނައިޖީރިއާއަށް ދަތުރުކުރި ދެ ޕަސިންޖަރުންގެ ގައިން

މިދިޔަ ހަފުތާގައި ސައުތު އެފްރިކާއިން ފެނުނު ކޮވިޑް-19ގެ އައު ވޭރިއެންޓް "އޮމިކްރޯން"ގެ ދެ ކޭހެއް ކެނެޑާއިން ވެސް ފެނިއްޖެއެވެ.

ކެނެޑާގެ ސަރުކާރުން ބުނީ މި ދެކޭސް ފެނިފައި ވަނީ ދާދި ފަހުން ނައިޖީރިއާއަށް ދަތުރުކުރި ދެމީހެއްގެ ފަރާތުން ކަމަށެވެ. މިހާރު އެމީހުން ތިބީ އައިސޮލޭޝަނުގައެވެ.

އޮމިކްރޯން ވައިރަސް ފެނުމާއެކު މުޅި ދުނިޔޭގެ ސަމާލުކަން މި ވޭރިއެންޓަށް ވަނީ ހުއްޓިފައެވެ. އަދި މިއީ ވެކްސިނަށް ނުގުޑާ ވަރުގެ ވޭރިއެންޓެއް ކަމަށް ގިނަ ބަޔަކަށް ބެލެވިފައި އޮތުމުން، އިގްތިސާދަށް އަތުވެދާނެ ހީނަރުކަމަކަށް ބަލައި ގިނަ ގައުމުތަކަކުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މި ވޭރިއެންޓް ފެނިފައިވާ ގައުމުތަކުން ފަސިންޖަރުން އެގައުމުތަކަށް އައުން މަނާކޮށްފައިވެއެވެ.

މިދިޔަ ހުކުރު ދުވަހު ކެނެޑާއިންވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންފަށާފައެވެ. އެގޮތުން ފާއިތުވި ދެ ހަފުތާގެ ތެރޭގައި އެފްރިކާގެ ހަތް ގައުމަކަށް ގޮސްފައިވާ ބިދޭސީ ފަތުރުވެރިން އެގައުމަށް އެތެރެވުން ކެނެޑާއިން ވަނީ މަނާކޮށްފައެވެ.

ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނީ މިއީ ކިހާ ނުރައްކާތެރި އަދި ކިހާ އަވަހަކަށް ފެތުރިގެންދާ ވޭރިއެންޓެއްކަން މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް