ކ. މާލެ
|
29 ނޮވެންބަރ 2021 | ހޯމަ 06:42
ޗެލްސީ އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން
ޗެލްސީ އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ޗެލްސީ އާއި ޔުނައިޓެޑް އެއްވަރު، ސިޓީ އަލުން ދެވަނައަށް
ސިޓީ މޮޅުވީ ވެސްޓް ހޭމް އަތުން 2-1 ގެ ނަތީޖާއަކުން
ޗެލްސީ އާއި ޔުނައިޓެޑް އެއްވަރުވީ 1-1 ގެ ނަތީޖާއަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރުވިއިރު، ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް ތާވަލުގެ ދެވަނައަށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަލުން ޖެހިލައިފިއެވެ.

ޗެލްސީގެ ދަނޑުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗަކީ ޔުނައިޓެޑުގެ ވަގުތީ ކޯޗު މައިކަލް ކެރިކް ޕްރިމިއާ ލީގުގައި އެ ޓީމަށް އިރުޝާދުދިން ފުރަތަމަ މެޗެވެ. އެއާއެކު މި މެޗު ޔުނައިޓެޑުން ފަށާފައިވަނީ އެ ޓީމަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބެންޗުގައި ބައިންދައިގެންނެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، މި ހާފުގެ ވަރަށް ކުރީކޮޅު ޗެލްސީގެ ކަލުމް ހަޑްސަން-އޮޑޯއިއަށް ވަނީ ލަނޑެއް ޖަހަން ހުސް ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭރިއާ ތެރެއިން އޭނާ ފޮނުވާލި ނުރައްކާތެރި ހަމަލާ ޔުނައިޓެޑުގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ ވަނީ މަތަކޮށްފައެވެ. އަދި ފުރަތަމަ ހާފުގައި އޭރިއާ ބޭރުން ޗެލްސީގެ އެންޓޯނިއޯ ރޫޑިގާ ފޮނުވާލި ބާރު ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި، ލީޑު ނަގާފައިވަނީ ޔުނައިޓެޑުންނެވެ. ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ޗެލްސީގެ ކެޕްޓަން ޖޯޖީނިއޯއަށް ހެދުނު ގޯހެއްގެ ފައިދާނަގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޭޑަން ސަންޗޯއެވެ. މިއީ ޕްރިމިއާ ލީގުގައި ސަންޗޯ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

އެކަމަކު މެޗުގެ 69 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖޯޖީނިއޯ ވަނީ ޗެލްސީއަށް ނަތީޖާ އެއްވަރުކޮށްފައެވެ. މިއީ އޭރިއާ ތެރެއިން ޗެލްސީގެ ތިއާގޯ ސިލްވާއަށް ޔުނައިޓެޑުގެ އާރޮން ވަން-ބިސާކާ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އެއަށްފަހު ލީޑު ނަގަން މެޗުގެ އިތުރު ވަގުތުގައި ޗެލްސީއަށް ރުޑިގާއަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އެނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

ސިޓީ އާއި ވެސްޓް ހޭމް ބައްދަލުކުރި މެޗުގެ ތެރެއިން - ގެޓީ އިމޭޖަސް

ޗެލްސީ އާއި ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރުވިއިރު، ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ސިޓީ ވަނީ ވެސްޓް ހޭމް އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ސިޓީން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އިލްކާއި ގުންޑޮގާނެވެ.

އޭގެ ފަހުންވެސް މި މެޗުގައި ސިޓީން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ޓީމުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ ފަހު މިނެޓުގައެވެ. ގަބްރިއެލް ޖެސޫސް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފެނާންޑީނިއޯއެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން މެޗުގެ އިތުރު ވަގުތުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މަނުއަލް ލަންޒީނީ ވަނީ ވެސްޓް ހޭމަށް ފަރަގު ކުޑަކޮށްދީފައެވެ.

މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި ޗެލްސީ އޮތީ ކުޅުނު 13 މެޗުން ލިބުނު 30 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ސިޓީއަށް 13 މެޗުން 29 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ލިވަޕޫލަށް ވަނީ 13 މެޗުން 28 ޕޮއިންޓް ލިބިފައެވެ. އަދި ތާވަލުގެ ހަތަރުވަނައިގައި ވެސްޓް ހޭމް އޮތީ 13 މެޗުން 23 ޕޮއިންޓާއެކުއެވެ.

- ކޮމެންޓް