ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ފަހު ވަގުތު ޖެހި ލަނޑުތަކާއެކު ވިޔަރެއާލް އަތުން ބާސާ މޮޅުވެއްޖެއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން ބާސާ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. މިއީ މި ސީޒަނުގެ ލީގުގައި ރަށުން ބޭރުގައި ބާސާއަށް ހޯދުނު ފުރަތަމަ މޮޅެވެ.
ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ބާސާއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފްރެންކީ ޑި ޔޮންއެވެ. ޑި ޔޮން ޖެހުމުން އެންމެ ފުރަތަމަ އޭނާ އޮފްސައިޑުގައި ހުރި ކަމަށް ލައިންސްމަން ދިދަ ނެގި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ވަނީ އެއީ ރަނގަޅު ލަނޑެއް ކަމަށް ނިންމާފައެވެ.
ޑި ޔޮންގެ ލަނޑުން ބާސާއިން މި މެޗުގައި ލީޑު ނެގި ނަމަވެސް، މެޗުގެ 76 ވަނަ މިނެޓުގައި ސެމިއުލް ޗުކުވޭޒީ ވަނީ ވިޔަރެއާލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އެކަމަކު މި މެޗުގައި ބާސާއިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެމްފިސް ޑިޕާއިއެވެ.
އަދި މެޗުގެ އިތުރު ވަގުތުގައި ބާސާއަށް ލީޑު ފުޅާކޮށްދިން ލަނޑު، ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފިލިއްޕޭ ކުޓީނިއޯއެވެ. މިއީ އޭރިއާ ތެރެއިން ކުޓީނިއޯއަށް ވިޔަރެއާލުގެ ހުއާން ފޮއިތު ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.
މި މޮޅާއެކު ބާސާ އޮތީ ތާވަލުގެ ހަތްވަނައިގައި ކުޅުނު 14 މެޗުން 23 ޕޮއިންޓް ލިބިފައެވެ. ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށް 13 މެޗުން 30 ޕޮއިންޓް ލިބިފައިވާއިރު، ރެއާލާ ބާސާއާ ދެމެދު ހަތް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ބާސާ މޮޅުވިއިރު، އެ ޓީމުގެ އައު ކޯޗު ޒަވީ ހެނާންޑޭސްގެ ކޯޗުކަމުގައި ލީގުގައި ކުޅުނު ދެ މެޗުންވެސް ބާސާ ވަނީ މޮޅުވެފައެވެ.