ކ. މާލެ
|
28 ނޮވެންބަރ 2021 | އާދީއްތަ 07:55
ލިވަޕޫލާއި ސައުތެމްޓަން ބައްދަލުކުރި މެޗުގެ ތެރެއިން
ލިވަޕޫލާއި ސައުތެމްޓަން ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ލިވަޕޫލް ދެވަނައަށް، އާސެނަލަށް މޮޅެއް
 
ލިވަޕޫލް މޮޅުވީ ސައުތެމްޓަން އަތުން 4-0 ގެ ނަތީޖާއަކުން
 
އާސެނަލް މޮޅުވީ ނިއުކާސަލް އަތުން 2-0 ގެ ނަތީޖާއަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ސައުތެމްޓަން ބަލިކޮށް ތާވަލުގެ ދެވަނައަށް ލިވަޕޫލް ޖެހިލިއިރު، ނިއުކާސަލް ޔުނައިޓެޑް އަތުން އާސެނަލް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ ސައުތެމްޓަން އަތުން ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ލިވަޕޫލުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗު ފަށައިގެން 97 ސިކުންތު ތެރޭގައި ލިވަޕޫލުން ވަނީ ލީޑު ނަގާފައެވެ. އެންޑީ ރޮބަޓްސަން ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިއޯގޯ ޖޮޓާއެވެ. މިއީ މި ފަހަރު ލީގުގައި ފެނުނު އެންމެ އަވަސް ލަނޑެވެ.

އޭގެ ފަހުން މެޗުގެ 32 ވަަނަ މިނެޓުގައި މުހައްމަދު ސަލާހު ދިން ބޯޅައަކުން ލިވަޕޫލަށް ލީޑު ފުޅާކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޖޮޓާއެވެ. އަދި އޭގެ ފަސް މިނެޓު ފަހުން އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާއަކުން ތިއާގޯ އަލްކަންޓާރާ ވަނީ ލިވަޕޫލުގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. ދެން މި މެޗުގައި ލިވަޕޫލުން ޖެހި ހަތަރުވަނަ ލަނޑު ދެވަނަ ހާފުގައި ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ނެގި ކޯނަރަކުން ކާމިޔާބުކޮށްދިނީ ވާޖިލް ވެން ޑައިކެވެ.

މި މޮޅާއެކު ތާވަލުގެ ދެވަނައަށް ލިވަޕޫލް ޖެހިލީ ކުޅުނު 13 މެޗުން ލިބުނު 28 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި އޮތް ޗެލްސީއަށް 12 މެޗުން ވަނީ 29 ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް 12 މެޗުން 26 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް 12 މެޗުން ވަނީ 23 ޕޮއިންޓް ލިބިފައެވެ. އެހެންކަމުން ލީގުގައި އާދީއްތަ ދުވަހުގެރޭ ސިޓީ އާއި ވެސްޓް ހޭމް ބައްދަލުކުރާއިރު، އެ މެޗުން މޮޅުވެގެން ސިޓީއަށް އަލުން ތާވަލުގެ ކުރިއަށް ޖެހިލެވޭނެއެވެ.

އާސެނަލާއި ނިއުކާސަލް ބައްދަލުކުރި މެޗުގެ ތެރެއިން - ގެޓީ އިމޭޖަސް

މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އާސެނަލް މޮޅުވީ ނިއުކާސަލް އަތުން 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވާއިރު، އާސެނަލުން ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައެވެ. ނޫނޯ ޓަވަރޭސް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބުކާޔޯ ސަކާއެވެ. އަދި އޭގެ 10 މިނެޓު ފަހުން ގަބްރިއެލް މާޓިނެލީ ވަނީ ލަނޑެއް ޖަހައި، އާސެނަލުގެ ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި މާޓިނެލީ ލަނޑު ޖެހިއިރު، އޭނާ ކުޅެން އަރާފައިވަނީ ސަކާއަށް އަނިޔާވެގެން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

މި މޮޅާއެކު ތާވަލުގެ ފަސްވަނައިގައި އާސެނަލް އޮތީ 13 މެޗުން 23 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރުވަނައިގައި އޮތް ވެސްޓް ހޭމާ އެއްވަރަށް އާސެނަލުން ޕޮއިންޓް ހަމަކޮށްފައިވީ ނަމަވެސް، އާސެނަލުން ވަނީ ވެސްޓް ހޭމަށް ވުރެ އެއް މެޗު އިތުރަށް ކުޅެފައެވެ.

ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ސްޓީވެން ޖެރާޑުގެ ކޯޗުކަމުގައި އެސްޓަން ވިލާއިން ކުޅުނު ދެވަނަ މެޗުން ވަނީ ރަށުން ބޭރުގައި 2-1 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް ބަލިކޮށްފައެވެ. އަދި ރެލިގޭޝަން ޒޯނުގައި އޮތް ނޯވިޗް ސިޓީ އާއި ވުލްވްސް ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް