ކ. މާލެ
|
28 ނޮވެންބަރ 2021 | އާދީއްތަ 00:23
މާޒިޔާ އާއި ކެނދިކުޅުދޫ ބައްދަލުކުރި މެޗުގެ ތެރެއިން
މާޒިޔާ އާއި ކެނދިކުޅުދޫ ބައްދަލުކުރި މެޗުގެ ތެރެއިން
ރާއްޖެއެމްވީ
ކެނދިކުޅުދޫގައި މާޒިޔާގެ ކޭމްޕް
ކެނދިކުޅުދޫ އަތުން މާޒިޔާއަށް ފަސޭހަ މޮޅެއް
 
ކެނދިކުޅުދޫ އަތުން މާޒިޔާ މޮޅުވީ 9-0 ގެ ނަތީޖާއަކުން
 
ކެނދިކުޅުދޫ ކޭމްޕުގައި މާޒިޔާއިން އިތުރު ދެ މެޗެއް ކުޅޭނެ

ނ. ކެނދިކުޅުދޫގައި ކުރިއަށްގެންދާ ކޭމްޕުގެ ތެރެއިން ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުން ކެނދިކުޅުދޫ ފުޓްބޯލް ކުލަބު އަތުން ފަސޭހަކަމާއެކު އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ކެނދިކުޅުދޫ ޓާފް ދަނޑުގައި ކުޅުނު މި މެޗުން މާޒިޔާ މޮޅުވީ 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގައި މާޒިޔާއިން ވަނީ ދާދި ފަހުން އެ ޓީމާ އަލަށް ގުޅުނު ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) އާއި، ޒުވާން ޑިފެންޑަރު ހައިޝަމް ހަސަން (ބިޑި) އަދި ނޭޕާލުގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެއްވަނަ ގޯލްކީޕަރު ކިރަން ކުމާރް ލިމްބޫވެސް ބޭނުންކޮށްފައެވެ.

މި މެޗުގައި މާޒިޔާއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސަކޮ) ވަނީ ހަތަރު ލަނޑު ޖަހާފައެވެ. އަދި ދެވަނަ ހާފުގައި މާޒިޔާއިން ފަސް ލަނޑު ކާމިޔާބުކުރިއިރު، މި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ ދެ ލަނޑު ޖެހި އިބްރާހީމް ވަހީދު ހަސަން (އިއްބެ) އާއި ހަސަން ޝިފާޒް (ޑުންގާ) އާއި، އަލަށް ގުޅުނު ހައިޝަމުގެ އިތުރުން މުޙަައްމަދު އިރުފާން (އިރޭ) އެވެ.

މީގެ އިތުރުން މި މެޗުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފުވެސް ވަނީ މާޒިޔާ ޓީމަށް ކުޅުއްވާފައެވެ. މި މެޗުގައި ބައިވެރިވެވަޑައިގަންނަވާ ދެއްކެވި ވާހަކަފުޅުގައި މަޚްލޫފް ވަނީ އަވަސް މުސްތަގުބަލެއްގައި ކެނދިކުޅުދޫގެ ޓާފް ދަނޑުގައި ލައިޓް ހަރުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވިދާޅުވެފައެވެ. މި ސަރުކާރުން ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ނިންމާލާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

މާޒިޔާ އާއި ކެނދިކުޅުދޫ ބައްދަލުކުރި މެޗުގެ ތެރެއިން - ރާއްޖެއެމްވީ

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާން މާޒިޔާއިން 10 ދުވަހުގެ މުއްދަތަކަށް ކެނދިކުޅުދޫގައި ތަމްރީނު ހަދަމުން އަންނައިރު، އައު ސީޒަނާ މާޒިޔާއިން ކުރިމަތިލާނީ ޕްރޯ ލައިސަންސް ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުންނެވެ.

ކެނދިކުޅުދޫގައި މާޒިޔާއިން ކުރިއަށްގެންދާ ކޭމްޕުގައި، އެ ޓީމުގެ ފަރިތަކުރުންތަކުގައި ކެނދިކުޅުދޫ ފުޓްބޯލް ކުލަބުގެ ބައެއް ކުޅުންތެރިންވެސް އަންނަނީ ބައިވެރިކުރަމުންނެވެ. އަދި މި ކޭމްޕުގައި މާޒިޔާއިން އިތުރު ދެ މެޗެއް ކުޅޭއިރު، ކޭމްޕް ނިންމާލުމުގެ ކުރިން ކެނދިކުޅުދޫ ފުޓްބޯލް ކުލަބާ ދެކޮޅަށް އިތުރު މެޗެއް ކުޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާއިރު، ސީޒަން ފެށުމަށް ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި މިދިޔަ ސީޒަނުގެ ލީގުގެ ދެވަނަ ހޯދި ކުލަބު ވެލެންސިއާއެވެ. މިދިޔަ ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗުގައިވެސް މާޒިޔާ ވާދަކުރިއިރު، އެ މެޗުން ކުލަބު އީގަލްސް ވަނީ މާޒިޔާ ބަލިކޮށް މުޅިން އަލަށް ޗެރިޓީ ޝީލްޑް އުފުލާލާފައެވެ. އޭރު އީގަލްސްގެ ކޯޗަކަށް ހުރީ މިހާރު މާޒިޔާގެ ކޯޗު މޯހަންއެވެ.

ޗެރިޓީ ޝީލްޑް މެޗަށްފަހު ޑިސެމްބަރު މަހު ޕްރެޒިޑެންޓްސް ލީގު ފަށާއިރު، ކުރިއަށް އޮތް ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މާޒިޔާއަކީ އެންމެ ފަހުގެ ދެ ސީޒަނުގެވެސް ލީގު ޗެމްޕިއަނުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް