ކ. މާލެ
|
27 ނޮވެންބަރ 2021 | ހޮނިހިރު 22:53
އިންޑިޔާގެ މުމްބާއީ އެއަރޕޯޓް
އިންޑިޔާގެ މުމްބާއީ އެއަރޕޯޓް
ރޮއިޓަރސް
ކޮވިޑް-19، އިންޑިޔާގެ ހާލަތު
އިންޑިޔާއަށް ދަތުރުކުރުމުގައި ލުއިތަކެއް ދިނުމުގެ ޕްލޭން، އޮމިކްރޯން އާއެކު ރިވިއު ކުރުމަށް މޯދީ އަންގަވައިފި
އިންޑިޔާ، އިންޓަރނޭޝަނަލް ފްލައިޓްތަކަށް ހުޅުވާލާފައިވަނީ ހުކުރު ދުވަހު
ބައިނަލްއަގުވާމީ ފްލައިޓްތަކުން އަންނަ ފަސިންޖަރުން މޮނިޓަރކޮށް، ގައިޑްލައިނާ އެއްގޮތަށް ޓެސްޓްކުރުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް މޯދީ އެދިވަޑައިގަތް

ކޮވިޑް-19އާ ގުޅިގެން, އިންޑިޔާއަށް ދަތުރުކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދެމުން އަންނައިރު, އަލަށް ފެނިފައިވާ ވޭރިއަންޓް ކަމުގައިވާ އޮމިކްރޯންއާއެކު އެ ޕްލޭން ރިވިއުކުރުމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އޮފިޝަލުންނަށް އަންގަވައިފިއެވެ.

ކޮވިޑް-19ގެ ހާލަތު ދެވަނައަށް އެންމެ ގޯސް ގައުމަކަށް އިންޑިޔާ ވާއިރު, އެގައުމު, އިންޓަރނޭޝަނަލް ފްލައިޓްތަކަށް ހުޅުވާލާފައިވަނީ ހުކުރު ދުވަހުއެވެ. އެއާއެކު އައު ވޭރިއަންޓާއެކު ފިޔަވަޅުތައް މިވަނީ ވަރުގަދަކުރަން ޖެހިފައެވެ.

ކޮވިޑް-19އާއި، ވެކްސިން ދިނުމުގެ ކަންކަން ކުރިޔަށްދާ ގޮތް ބެއްލެވުމަށް، އޮފިޝަލުންނާ ބައްދަލުކުރެއްވުމަށްފަހު ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޮމިކްރޯން ވޭރިއަންޓްއަކީ "ވޭރިއަންޓް އޮފް ކޮންސަރން"ގެ ގޮތުގައި ޑަބްލިޔުއެޗްއޯއިން ކެޓަގަރައިޒްކުރުމާ ގުޅިގެން، ބައިނަލްއަގުވާމީ ފްލައިޓްތަކުން އަންނަ ފަސިންޖަރުން މޮނިޓަރކޮށް، ގައިޑްލައިނާ އެއްގޮތަށް ޓެސްޓްކުރުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް މޯދީ އެދިވަޑައިގެންފައިވާކަމަށެވެ. ވަކިން ޚާއްސަކޮށް އައު ވޭރިއަންޓްގެ ނުރައްކާ އޮތް ގައުމުތަކުން އަންނަ މީހުންނާމެދު ސަމާލުވުމަށް މޯދީ އެންގެވިކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ޑަބްލިޔުއެޗްއޯއިން ބުނެފައިވަނީ އޮމިކްރޯންއަކީ އެހެން ވޭރިއަންޓްތަކަށްވުރެ އަވަހަށް ފަސޭހަކަމާއެކު ފެތުރޭ ވޭރިއަންޓެއްކަމަށެވެ.

ފާއިތުވި އެއް އަހަރާ ބައިގެ ތެރޭގައި، ދުވާލެއްގެ މައްޗަށް އެންމެ މަދުން މީހުންނަށް ކޮވިޑް ޖެހިގެން އިންޑިޔާއިން ރިޕޯޓްކޮށްފައިވަނީ މިހަފުތާގެ ތެރޭގައެވެ. އެއީ ގިނަ އަދަދެއްގެ ބަޔަކަށް ކޮވިޑް ޖެހިފައިވުމާއި، ވެކްސިން ޖަހާފައިވާ މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެންނެވެ.

މޯދީ ވިދާޅުވެފައިވަނީ މީހުން މާސްކު އެޅުމަށް ސަމާލުކަންދީ، އިޖުތިމާއީ ގައިދުރުކަން ގެންގުޅުމަކީ މުހިންމު ކަމެއްކަމަށެވެ.

މީގެއިތުރުން މޯދީ ވަނީ ދެވަނަ ޑޯޒްގެ ކަންކަން ހަލުވިކުރުމަށްވެސް އޮފިޝަލުންނަށް އަންގަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް