ކ. މާލެ
|
27 ނޮވެންބަރ 2021 | ހޮނިހިރު 18:11
ނިއުކާސަލް ޔުނައިޓެޑުގެ ރަސްމީ ދަނޑު
ނިއުކާސަލް ޔުނައިޓެޑުގެ ރަސްމީ ދަނޑު
ގެޓީ އިމޭޖަސް
ނިއުކާސަލުގެ ޑީލް މައްސަލަ
ސައުދީ ސަރުކާރުގެ ނުފޫޒެއް ނިއުކާސަލަށް ނުކުރާނެ
 
ނިއުކާސަލުގެ ޑީލަށް އިނގިރޭސި ކުލަބުތަކާއި ސިޔާސީ ފަރާތްތަކުގެ ޕްރެޝަރުތައް ކުރިމަތިވި
 
އިނގިރޭސި ކުލަބުތައް ކަންބޮޑުވާ ފަދަ ކަންތައް ނިއުކާސަލް މެދުވެރިކޮށް ކުރިއަށް ނުގެންދެވޭނެ

ސައުދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން އިނގިރޭސި ކުލަބު ނިއުކާސަލް ޔުނައިޓެޑް ގަތް ނަމަވެސް، އެ ޓީމުގެ ކަންކަމުގައި ސައުދީ ސަރުކާރުން ނުފޫޒުނުފޯރުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިނގިރޭސި ޕްރިމިއާ ލީގުން ބުނެފިއެވެ.

ސައުދީ ސަރުކާރުން އިސްވެ، ނިއުކާސަލް ގަތީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ މީގެ ކުރިން ޕްރިމިއާ ލީގު ބޯޑަށް ފާޑުކިޔުންތަކެއްވެސް ވަނީ އަމާޒުވެފައެވެ. އެ ޑީލާ ހެދި ކުލަބުތަކާއި ސިޔާސީ ފަރާތްތަކުގެ ފަރާތުން ކުރިމަތިވި ޕްރެޝަރުތަކާއެކު ޕްރިމިއާ ލީގުގެ ޗެއާމަން ގެރީ ހޮފްމަން އިސްތިއުފާ ދެއްވަން ނިންމެވި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދާދި ފަހުން ދެއްވި އިންޓަވިއުއެއްގައި ޕްރިމިއާ ލީގުގެ ޗީފް އެގްޒެކެޓިވް ރިޗާޑް މާސްޓާސް ވިދާޅުވީ އިނގިރޭސި ކުލަބުތަކުން ކަންބޮޑުވާ ފަދަ ކަންތައްތަކެއް ނިއުކާސަލް މެދުވެރިކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި ނިއުކާސަލް ގަންނަން ސައުދީގެ ޕީއައިއެފް އާއި ވިޔަފާރިވެރިޔާ އަމަންޑާ ސްޓަވީލިސް ކުންފުނިން ކަންތައްތައް ގެންދިޔިޔައީ އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް މާސްޓާސް ވިދާޅުވިއެވެ.

ނިއުކާސަލް ގަންނަން ޕީއައިއެފް އާއި އަމަަންޑާ ސްޓަވީލީސްގެ ޕާޓްނަޝިޕުން ޖުމްލަ 408 މިލިއަން ޑޮލަރު ހޭދަކުރިއެވެ. ނިއުކާސަލުގެ މެޖޯރިޓީ ހިއްސާ މިހާރު އޮތް ޕީއައިއެފްގެ މިލްކިއްޔާތުގައި 434 ބިލިއަން ޑޮލަރު އެބަހުއްޓެވެ. މިއީ ފުޓްބޯޅަ ކުލަބެއް ހިންގާ ބައެއްގެ އެންމެ ބޮޑު މިލްކިއްޔާތެވެ. ދެން އެ ޓީމާ އެންމެ ކައިރި ކުރަނީ މެންޗެސްޓާ ސިޓީ ހިންގަމުން އަންނަ ސިޓީ ފުޓްބޯލް ގްރޫޕުގެ ވެރިޔާ ޔޫއޭއީގެ ޝެއިހް މަންސޫރެވެ. އޭނާގެ މިލްކިއްޔާތުގައި ހުރީ 32 ބިލިއަން ޑޮލަރެވެ.

ޕީއައިއެފްއިން ނިއުކާސަލް ގަތުމަށް މިދިޔަ އަހަރުވެސް މަސައްކަތް ކުރިއެވެ. އެކަމަކު އެ ޑީލާއި ދެކޮޅަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ އެމްނެސްޓީ އިންޓަނޭޝަނަލުން ވަނީ އިންޒާރުވެސް ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް