ޗޭންޖް އެންޑީއޭ ޕެޓިޝަން ދިރާސާކުރަމުންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގެ މެމްބަރުން އެންޑީއޭގެ ވެރިންނާ ބައްދަލުކުރުމަށް އެދުމުން އެކަމާ ދެކޮޅު ހަދާ ބައްދަލުކުރައްވާފައިނުވާކަމަށް ޕެޓިޝަން ކޮމިޓީގެ ނައިބު މުގައްރިރު ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ވިދާޅުވެއްޖެއެވެ.
މިޕެޓިޝަނަކީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ސްޕޮންސަރ ކުރައްވާ ހުށަހަޅުއްވާފައިވާ ޕެޓިޝަނެކެވެ. މިޕެޓިޝަންގައި 1050 ފަރާތަކުން ސޮއިކޮށްފައިވެއެވެ. މިޕެޓިޝަން ހުށަހަޅާފައިވަނީ ހޭންޑްސް ޓުގެދަރގެ ފަރާތުން، ހ. މައިޒާން މުހައްމަދު ނަވީޒް ސަލީމްއެވެ. މިޕެޓިޝަން، ޕެޓިޝަން ކޮމިޓީއަށް ހުށަހަޅާފައިވަނީ 2021 ވަނަ އަހަރުގެ މާޗް މަހުގެ 24 ވަނަ ދުވަހުއެވެ.
ޕެޓިޝަން ދިރާސާކުރުމުގެ މަސައްކަތް ކޮމިޓީން ނިންމާފައިވާއިރު ޕެޓިޝަން ދިރާސާކުރުމުގެ މަސައްކަތަށް ކޮމިޓީން ވަނީ ރާއްޖޭގައި ގާއިމުކޮށްފައިވާ މަސްތުވާތަކެތީގެ ފަރުވާދޭ ހުރިހާ މަރުކަޒުތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ ހާލަތު ދެނެގަނެފައެވެ. އަދި ސަރުކާރުގެ ކަމާގުޅޭ ހުރިހާ އިދާރާއަކާ ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފައިވެއެވެ.
ކޮމިޓީ ރިޕޯޓް ތައްޔާރުކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕެޓިޝަން ކޮމިޓީން ފާހަގަކޮށްފައިވަނީ މަސްތުވާތަކެތި ފަދަ ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ވަބާއެއް ހައްލުކުރުމަށް އެކަން ހަވާލުވެގެން މަސައްކަތްކުރަމުން އަންނަ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގައި ބޮޑެތި އިހުމާލުތަކެއް ހުރިކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން ކޮމިޓީގެ މެމްބަރުންނާއި ބައްދަލުކުރުމަށް އެންޑީއޭގެ ބައެއް ވެރިން ދެކޮޅު ހަދާފައިވާއިރު އަތޮޅުތަކުގައި ގާއިމުކޮށްފައި ހުރި މަރުކަޒުތަކާމެދު ކަންކަން ކުރަމުން އަންނަނީ ވަރަށް އާދަޔާ ޚިލާފު ގޮތަކަށްކަމަށް މުޣުނީ ވިދާޅުވިއެވެ.
އެއްކަމަކަށް ފާހަގަކުރަން އަތޮޅުތެރޭގައި ހުރި މަރުކަޒުތަކުން ކަރުދާސް ރީމެއް ހޯދަން އެދެން މިޖެހެނީ މިކޮޅުގައި. މަހަކު 1000 ރުފިޔާ ދޭކަމަށް ވަނީ އަތޮޅުތަކުގައި ހުރި ސެންޓަރުތަކަށް. އެހުސްވީމާ ނިމުނީ. ދެން ވަރަށް ގިނަ ދުވަސް ދުވަހު އާދޭސްކޮށް ތިބެންޖެހޭ ކަމަށް ވަނީ. ކަރުދަސް ރީމެއް އެބަފޮނުވާ އެއަރ ފްރައިޓްގައި ލާރި ފޮނުވުމުގެ ބަދަލުގައި. އެއަރ ފްރައިޓް ކޮށްފައި ކަރުދާސް ރީމެއް، އަތޮޅުތެރޭގެ ހާލަތުގެ އެންމެ ބޮޑު ޒިންމާއެއްނަގަން ޖެހޭނީ އެންޑީއޭގެ ވެރިން.އަބްދުލްމުޣުނީ / ކޮމިޓީގެ ނައިބު މުގައްރިރު
އެތައް މިލިއަނުން ކޮންމެ އަހަރަކު އެންޑީއޭއަށް ބަޖެޓް ދޭއިރު ބައެއް މަރުކަޒުތަކުގައި ބޯލާނެ ފެންފުޅިއެއްހާ ހިސާބުވެސް ނުހުންނަކަމަށް ކޮމިޓީގެ މުގައްރިރު މުލަކު ދާއިރާގެ މެމްބަރ އިބްރާހީމް ނަސީރު ވިދާޅުވިއެވެ. ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކުރާ ކުދިންނަށްވެސް ފެންފުޅިއެއް ދިއްކޮށްލެވޭވަރު އަތޮޅުތަކުގައި ނުހުންނަކަން ނަސީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން އަތޮޅުތަކުގައި 8 ސެންޓަރު ހުންނައިރު އެއިން ކޮންމެ ސެންޓަރެއްގައި ސްޕްރިންޑެންޓެއް ހުންނަންޖެހޭކަމަށް ނަސީރު ވިދާޅުވިއެވެ. ނަމަވެސް މިހާރު ހުރީ އެންމެ 2 ސްޕްރިންޑެންޓުންކަމަށް ނަސީރު ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު ހެލްތު މިނިސްޓްރީން އެކުލަވާލަމުން އަންނަ އުސޫލާއެކު ކޮންމެ ސެންޓަރެއްގައިވެސް ސްޕްރިންޑެންޓުން ތިބޭނެކަމަށާއި ކައުންސިލަރުންވެސް ތިބޭނެކަމަށް ނަސީރު ވިދާޅުވިއެވެ.
އަތޮޅުތެރޭގައި ހުރި މަރުކަޒުތަކަށް މެމްބަރުން ޒިޔާރަތްކުރިއިރު ފާހަގަވި އަނެއްކަމަކީ ބައެއް މަރުކަޒުތައް ފަޅަށް ހުރުންކަމަށް މުޣުނީ ވިދާޅުވިއެވެ. އެތަންތަނުގައި މުވައްޒަފުން އެއްވެސް ކަމެއް ނުކޮށް ތިބޭއިރު އަނެއް ބައި މަރުކަޒުތަކަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިން މަސްތުވާތަކެތި ބޭނުންކުރަން ބޭނުންވީމާ ދާ ތަނެއްގެ ގޮތުގައި ފާހަގަކުރެވިފައިވާކަމަށްވެސް މުޣުނީ ވިދާޅުވިއެވެ.
ސެންޓަރުތަކުގައިވެސް އަދި އެންޑީއޭގެ ތެރޭގައިވެސް ރަނގަޅު ނިޒާމެއް ގާއިމުކުރެވިފައި ނެތްކަން ފާހަގަވިކަމަށާއި ދެމެހެއްޓެނެވި ގޮތެއްގައި ކުރިޔަށް ދެވޭނެ ގޮތްކެއް ކަނޑައަޅާފައި ނެތްކަން ފާހަގަވިކަމަށް މެމްބަރުން ފާހަގަކުރެއްވިއެވެ. ނަމަވެސް އެންޑީއޭ ހެލްތު މިނިސްޓްރީގެ ދަށަށް މިހާރު ބަދަލުވެފައިވާއިރު އެތަނަށް ރަނގަޅު ބަދަލެއް ގެނައުމަށްޓަކައި ދުނިޔޭގެ އެހެން ގައުމުތަކުގައި މަސްތުވާތަކެތި ކޮންޓްރޯލްކުރުމަށް ގެންގުޅޭ ނިޒާމުތައް ބަލައިގެން އުސޫލެއް އެކުލަވާލަމުންދާކަން މެމްބަރުން ފާހަގަކުރެއްވިއެވެ. އަދި އެއުސޫލު އައުމުން މިހާރު ހުރި މައްސަލަތަކަށް ވަރަށް ބޮޑު ހައްލެއް އަންނާނެކަމަށް ބެލެވޭކަމަށް މެމްބަރުން ފާހަގަކުރެއްވިއެވެ.
މެމްބަރުން ވަނީ ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކުވެސް އެތައް މިލިއަނެއް ދޭއިރު އެފައިސާ ރަނގަޅު ގޮތުގައި ބޭނުންނުކުރާކަން ފާހަގަކޮށްފައެވެ. އެގޮތުން މިހާރު ،މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންނަށް ގާތްގަނޑަކަށް ކުއްޖަކަށް ޚަރަދުކުރަމުންދަނީ ސޯޅަ ވަރަކަށް ހާސް ރުފިޔާކަން މެމްބަރުން ފާހަގަކުރިއެވެ.
2016 ވަނަ އަހަރުން ފެށިގެން އެންޑީއޭއަށް ބަޖެޓް ދީފައިވާ އަދަދުތައް:
2016 ވަނަ އަހަރު: 78 މިލިއަން ރުފިޔާ
2017 ވަނަ އަހަރު: 63 މިލިއަން ރުފިޔާ
2018 ވަނަ އަހަރު: 60 މިލިއަން ރުފިޔާ
2019 ވަނަ އަހަރު: 70 މިލިއަން ރުފިޔާ
2020 ވަނަ އަހަރު: 95 މިލިއަން ރުފިޔާ
އަހަރު ނިމޭއިރު ބާކީވެގެން އެންޑީއޭއިން ދައުލަތަށް އަނބުރާ ދައްކާފައިވާ އަދަދުތައް:
2016 ވަނަ އަހަރު: 8 މިލިއަން ރުފިޔާ
2017 ވަނަ އަހަރު: 2 މިލިއަން ރުފިޔާ
2018 ވަނަ އަހަރު: 9 ލައްކަ ރުފިޔާ
2019 ވަނަ އަހަރު: 5 މިލިއަން ރުފިޔާ
2020 ވަނަ އަހަރު: 23 މިލިއަން ރުފިޔާ
ކޮމިޓީން ކުރިޔަށްގެންދިޔަ ދިރާސާތަކުގައި މައިގަނޑު 17 ހޯދުމެއް ވަނީ ހޯދާފައެވެ. އަދި ކޮމިޓީން ވަނީ މިކަންކަމުގެ މައްޗަށް ރިއާޔަތްކޮށް 10 ހުށަހެޅުމެއް ހުށަހަޅާފައެވެ. މީގެތެރެއިން އެއް ހުށަހެޅުމަކީ އެންޑީއޭގެ ވޭތުވެދިޔަ ފަސް އަހަރުގެ ފައިނޭންޝަލް އަދި ޕަރފޯމެންސް އޮޑިޓެއް، އޮޑިޓަރ ޖެނެރަލް އޮފީހުން ހެދުމެވެ. ޕެޓިޝަން ކޮމިޓީގެ މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި މިއޮޑިޓްގެ ޒަރީޢާއިން އެންޑީއޭގެ ތެރޭގައި މިކަންކަމުގައި އިހުމާލުވެފައިވާ ފަރާތްތަކާއި ކޮރަޕްޝަނާއި އެނޫންވެސް މައްސަލަތައް އެނގިގެންދާނެއެވެ.