ފުޓްބޯޅައިގެ ޖީލެއް ބިނާކުރުމުގެ އަޒުމުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ނ. ކެނދިކުޅުދޫގައި ފުޓްބޯޅަ އެކެޑަމީއެއް ފަށައިފިއެވެ.
މި އެކެޑަމީއަކީ މާޒިޔާ އާއި، ކެނދިކުޅުދޫ ކައުންސިލް އަދި ކެނދިކުޅުދޫ ފުޓްބޯލް ކުލަބު ގުޅިގެން ހިންގާ އެކެޑަމީއެކެވެ. އަދި މި އެކެޑެމީގެ މެއިން ސްޕޮންސަރަކީ އުރީދޫ މޯލްޑިވްސްއެވެ. އެކެޑަމީ ރަސްމީކޮށް ފެށުމަށް ހުކުރު ދުވަހުގެ ހަވީރު ކެނދިކުޅުދޫ ޓާފް ދަނޑުގައި ޚާއްސަ ރަސްމިއްޔާތެއް ބޭއްވިއިރު، މި ރަސްމިއްޔާތުގައި މާޒިޔާގެ އިސްވެރިންނާއި، ކެނދިކުޅުދޫ ކައުންސިލުގެ މެންބަރުންނާއި، އުރީދޫގެ އިސްވެރިން އަދި މާޒިޔާ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި އެކެޑަމީގައި އުމުރުން ހަ އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނަށް ތަމްރީނުދޭއިރު، އެކެޑަމީ ފަށާފައިވަނީ 63 ކުދިންނާއެކުއެވެ. އޭގެ ތެރޭގައި އަންހެން ކުދިންވެސް ހިމެނެއެވެ.
ހުކުރު ދުވަހުގެ ހަވީރު އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާޒިޔާގެ ޖެނެރަލް ސެެކްރެޓަރީ އަބްދުލް ވައްހާބު (ވައްކޭ) ވިދާޅުވީ މި އެކެޑަމީ ފެށުމުގެ އެންމެ ބޮޑު މަގުސަދަކީ ކެނދިކުޅުދޫގެ ކުޑަކުދިންނަށް އުޖާލާ މުސްތަގުބަލެއް ފަހިކޮށްދީ، އެ ކުދިންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުން ކަމަށެވެ. އަދި މި އެކެޑަމީއާއެކު އެންމެ ބޮޑަށް ދެކެން ބޭނުންވާ ދުވަހަކީ ކުރިއަށް އޮތް ތަނުގައި ގައުމީ ޓީމުގައި ކުޅޭނެ ކުޅުންތެރިންތަކެއް ކެނދިކުޅުދޫން އެފެދުން ކަމަށްވެސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކެނދިކުޅުދޫ ކައުންސިލުގެ ރައީސް މުޙައްމަދު ރައޫފް ވިދާޅުވީ މި އެކެޑަމީއަކީ އެ ކައުންސިލުގެ މެންބަރުން ހުވާކުރި ދުވަހުން ފެށިގެންވެސް އުއްމީދުކުރި ކަމެއް ކަމަށެވެ. އެއާއެކު މިކަން ހަގީގަތަކަށް ހެދުމަށް މާޒިޔާއިން ދެމުންދާ އެއްބާރުލުމަށް ޝުކުރުއަދާކުރާ ކަމަށްވެސް ވިދާޅުވިއެވެ.
ރައޫފް ވިދާޅުވީ މިހާތަނަށް އައިރު މާޒިޔާގެ ޗެއާމަން އަޙްމަދު ސާޖިދުގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށާއި، އެގޮތުން އެކެޑަމީގެ ކަންތައްތަކުގެ އިތުރުން ކެނދިކުޅުދޫގެ ތަރައްގީއަށް ކުރަން ހުރި މަސައްކަތްތަކަށްވެސް މާޒިޔާއިން ވަރަށް ފުރިހަމަ އެއްބާރުލުމެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ ކެނދިކުޅުދޫއަކީ އޭނާއަސް ވަރަށް ގާތް ރަށެއް ކަމަށެވެ. އެގޮތުން މީގެ 16 އަހަރު ކުރިން އެ ކުންފުނީގެ މަސައްކަތުގައި ކެނދިކުޅުދޫގައި ހަރަކާތްތެރިވި ކަމަށާއި، އޭގެ ފަހުން އެ ކުންފުނިން މިހާރު ހޯދާފައިވާ ކުރިއެރުމާ އެއްގޮތަށް، މާޒިޔާއިން ފެށި އެކެޑަމީވެސް ކުރިއަރާނެކަމުގެ އުއްމީދު އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ. އަދި މީގެ ވިއްސަކަށް އަހަރު ފަހުން ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރާ ގައުމީ ޓީމުން ކެނދިކުޅުދޫގެ ކުޅުންތެރިން ފެނިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ކެނދިކުޅުދޫގައި މާޒިޔާއިން ފެށި އެކެޑަމީގެ އިސް އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާނީ އިބްރާހީމް ޝާފިއު އާއި މުޙައްމަދު އަރީފެވެ. އަދި މި އެކެޑަމީއަށް ކޯޗުން ތަމްރީނުކުރުމަށް ބުރާސްފަތި ދުވަހުގެރޭ ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށްގެންދާ ޑީ ލައިސަންސް ކޯޗިން ކޯސް ފަށާފައެވެ. އަދި މާޒިޔާއާ ގުޅިގެން މީގެ ހަތަރު މަސް ފަހުން ކެނދިކުޅުދޫގައި ސީ ލައިސަންސް ކޯޗިން ކޯސް ފެށުމަށްވެސް މިހާރު ވަނީ ނިންމާފައެވެ.
ހުކުރު ދުވަހުގެ ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މާޒިޔާ އެކެޑަމީ ފެށިއިރު، މި ރަސްމިއްޔާތުގައި މާޒިޔާއިން ވަނީ ކެނދިކުޅުދޫ ފުޓްބޯލް ކުލަބަށް އެކި ގޮތްގޮތުންވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި މި ރަސްމިއްޔާތުގައި ރޮބޯމޭންގެ ފަރި ހަރަކާތްތައްވެސް ވަނީ ދައްކާލާފައެވެ.
މާޒިޔާ އެކެޑަމީ ކެނދިކުޅުދޫގައި ފެށިއިރު، މާޒިޔާގެ ސީނިއާ ޓީމުން މިހާރު އަންނަނީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެ ރަށުގައި ތަމްރީނުތައް ހަދަމުންނެވެ.