ދ.ކުޑަހުވަދޫގައި މިއަދު އެޅި ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގެ ބިންގަލަކީ ރާއްޖޭގައި އެތައް އަހަރެއްވަންދެން ހައްލުނުވެ އޮތް ބޮޑު އިޖުތިމާއީ މައްސަލައެއް ހައްލުކުރުމުގެ ބިންގާކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ބިންގާ އަޅުއްވައިދެއްވުމަށްފަހު މިނިސްޓަރ ވިދާޅުވީ އެއީ އެބިންގަލުގެ މައްޗަށް ރާއްޖޭގެ އިޖުތިމާއީ ވެށި ހަރުދަނާ ކުރުމުގެ މުހިއްމު ބިނާއެއް ބިނާކުރެވިގެންދާނެ ކަމަށެވެ. މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވީ ދިވެހިރާއްޖޭގެ މިއަދުގެ ހާލަތުގައި ބޮޑަތި އިޖުތިމާއީ އެތައް ކަމެއް އެބަހުރިކަމަށެވެ. އަދި އެކަންކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިއަދު ރާއްޖޭގެ އެކިކަންކޮޅުތަކަށް ބަލާލާއިރު މިޤައުމުގައި ކުރިއަރާ ތަރައްޤީވެ ކުރިއަށްދިއުމުގެ ގިނަ ވިސްނުންތައް އެބަހުރިކަމަށެވެ. ނަމަވެސް އޭގެތެރެއިން އެންމެބޮޑަށް ޤަބޫލުކުރެވެނީ އިޤްތިޞާދީ ތަނަވަސްކަމާއި, މާލީ ފުދުންތެރިކަމާއި ތިޔާގިކަން އޮތުން އެއީ ހިތްހަމަޖެހުމާއި އުފާ ލިބުމުގެ އެންމެ މުހިއްމު ސަބަބެއްކަމުގައި ކަމަށެވެ.
"އެކަމަށްޓަކައި އެންމެނަށް ވާދަކުރެވި ހުރިހާ ވަގުތެއް ހޭދަކުރެވި އަޅުގަނޑުމެންގެ ހުރިހާ ހަކަތައެއް ދުއްވާލެވެނީ ތިޔާގިކަމާއި ތަނަވަސްކަމަށް. ލޮލަށް ފެންނަ ތަރައްޤީއާއި ކުރިއެރުމަށް. އެހެންނަމަވެސް އިންސާނީ މުޖުތަމައެއް އުފާވެރި ހިތްހަމަޖެހޭ މުޖުތަމައަކަށްވާނީ އިޤްތިސާދީ ތަނަވަސްކަމާއި, ތިޔާގިކަމާ އެއްވަރަށް ނުވަތަ އެއަށްވުރެ ކުރިއަށް އިޖުތިމާއީ ދުޅަހެޔޮކަމާއި, ބަދަހިކަމާއި ރައްކާތެރިކަން ހޯދައިގެން."އިމްރާން އަބްދުﷲ / ހޯމް މިނިސްޓަރ
ދުނިޔޭގެ ކުރިއަރާފައިވާ މުޖުތަމައުތަކުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ އެފަދަ މުޖުތަމައުތަކުގައި އުފެދިގެންދާ އިޖުތިމާއީ ރައްކާތެރިކަމާއި, ބަދަހިކަމާއި ދުޅަހެޔޮކަމަކީ އެތަންތަނުގެ އިޤްތިސާދީ ކުރިއެރުމަށްވުރެ ބޮޑަށް ކުރިއަރާފައިހުރި ކަންކަން ކަމަށެވެ. އެހެންކަމުން ރާއްޖޭގައިވެސް ކުރިއަރާ އުފާވެރި މުޖުތަމައެއް ލިބެން ބޭނުންކަމުގައިވާނަމަ އެމަގުން ހިނގުން އެއީ ކޮންމެހެން ކުރަންޖެހޭނެކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިއަދު މިކުރިމަތިލާ މައްސަލަތަކަށް ހައްލު ހޯދޭނީ ހުރިހާ އެންމެން އެކުވެ, ގުޅި ލާމެހިގެންކަމަށެވެ. ރާއްޖޭގެ ވީރާނާވެ ހަލާކުވެފައިވާ އިޖުތިމާއީ ވެށި އަނބުރާ ރުޖޫއަކުރެވޭނީ ސަރުކާރާއި ރައްޔިތުންނާއި, ޖަމްއިއްޔާ ޖަމާއަތްތަކާއި, މުޅި ދައުލަތުގައި ހިމެނޭ ހުރިހާ އެންމެން އެކުވެ ގުޅި ލާމެހިގެންކަމަށެވެ.
އަޅުގަނޑުމެންނަށް ކުރިއަރައިގެން ދެވޭނެ ގޮތަކީ ހަރުދަނާ މުޖުތަމައެއް ބިނާކުރުން. އެންމެ ފުރަތަމަ ބޭނުންވަނީ ރަނގަޅު ފަރުދެއް ބިނާކުރުން. އެއަށްފަހު އެފަރުދުގެ މައްޗަށް ބިނާވާ ހެޔޮލަފާ ރަނގަޅު އާއިލާއެއް ބިނާކުރުން. އެއާއެކުގައި ބަދަހި ދުޅަހެޔޮ އިޖުތިމާއީ ރަނގަޅު މުޖުތަމައެއް ބިނާކުރުން. އޭގެ މައްޗަށް ޤައުމެއް ބިނާވެގެންދާނީ.އިމްރާން އަބްދުﷲ / ހޯމް މިނިސްޓަރ
މިނިސްޓަރ ޢިމްރާން ވިދާޅުވީ އެންމެން ގުޅިގެން އެކުވެ މިކުރާ މަސައްކަތަކީ މިއީކަމަށެވެ. މިސަރުކާރުން މިފަދަ މައްސަލަތަކުގެ ހާލަތު ދެނެގަނެ ހައްލު ހޯދުމުގެ މަސައްކަތްތައް ފަށައިގަތްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިއެޅުނު ބިންގަލަކީ ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ މައްޗަށް ކުރެވުނު މަސައްކަތްތަކުގެ މުހިއްމު އެއް މަސައްކަތުގެ ބިންގާކަމަށެވެ. މިމަސައްކަތް ފުރިހަމަވެ ކާމިޔާބުވާނީ ކުޑަހުވަދޫގެ ރައްޔިތުންގެ އެއްބާރުލުމާއެކުކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ކުޑަހުވަދޫއަކީ މިކަމަށް ވަރަށް އެކަށޭނަ ރަށެއްކަމަށެވެ.