އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން ރިޝްވަތުގެ ދައުވާ އުފުލާފައިވާ ޔޫތު މިނިސްޓަރ އަޙުމަދު މަޚުލޫފް މަގާމުން އިސްތިއުފާ ނުދެއްވާނެކަމަށް ވިދާޅުވެއްޖެއެވެ.
މަޚުލޫފަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން މިހާތަނަށް ދައުވާކޮށްފައިވާ މީހުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ހިމެނޭ އެންމެ އިސް ފަރާތެވެ. މަޚުލޫފަށް ދައުވާކުރަން ފޮނުވިކަން ހާމަކޮށް ޕްރޮސެކިޔުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑަރިންގގެ މައްސަލަތައް ބެލުމަށް، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ކުރިޔަށްގެންދާ ޖޮއިންޓް އިންވެސްޓިގޭޝަނުން ހިންގި ތަހުގީގުގައި، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ގ. ހާފްސީ އަޙުމަދު މަޚުލޫފަށް ފައިސާ ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މަޚުލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ނޮވެމްބަރ މަހުގެ 24 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.
އެކަމާގުޅިގެން މަޚުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްތިއުފާ ނުދެއްވާނެކަމަށާއި، ކޯޓުން ހަގީގަތް ސާފުވާނެކަމަށެވެ. އަދި ޕީޖީ ޝަމީމްގެ ފޮތުގައި އޮންނަގޮތުން ދައުވާ ކުރުމަށް ނިންމަނީ އަޅުގަނޑު "ފުއްޕާ ވަރަށް، އަދި ސައިޒުވާ" މިންވަރުގެ މައްޗަށްކަމަށް ވިދާޅުވެ ވަނީ ޗެޓް ލޮގެއް ޕޯސްޓުކުރައްވާފައެވެ.
މަޚުލޫފް މީގެކުރިން ވިދާޅުވެފައިވަނީ ދައުވާ އުފުލާ ހިސާބުން މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ހިމެނޭ، ސަރުކާރުގެ އިސްވެރިންގެ މައްސަލަތައް ކޯޓަށް ފޮނުވާ ހިސާބުން އެ ބޭފުޅުން މަގާމުތަކުން ވަކިކުރައްވަން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
މަޚުލޫފްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 3 ވަނަ މާއްދާގެ ހ އާ ހަވާލާދީ އެމާއްދާގެ ށ ގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއެވެ.
މަޚުލޫފްގެ މައްޗަށް ދައުވާ އުފުލާ ސަބަބެއްކަމަށް ޕީޖީ އޮފީހުން ބުނެފައިވަނީ، މަޚުލޫފް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުންނެވިއިރު، 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙުމަދު އަދީބު ޢަބްދުލްޣަފޫރު، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކު އޮފް މޯލްޑިވްސް ގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކަކުން މަޚުލޫފަށް ދިން 33،000 އެމެރިކާ ޑޮލަރު، މަޚުލޫފްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް 2014 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހު ޖަމާކޮށް ރިޝްވަތު ހިފާފައިވާތީކަމަށެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން މަޚުލޫފް ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ސަސްޕެންޑް ކޮށްފައެވެ. އެންމެފަހުން ސަންސްޕެންޑް ކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ. މަސައްކަތުން އެކަހެރި ވުމަށް މަޚުލޫފަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެންގެވިތާ ހަތަރު މަސް ފަހުން އޮކްޓޯބަރ މަހުގެ 9 ވަނަ ދުވަހު ވަނީ ސަސްޕެންޝަން އުވާލައްވައި، މަސައްކަތަށް އަލުން ނިކުތުމަށް އަންގަވާފައެވެ. އެފަހަރު ސަސްޕެންޝަން އުވާލެއްވީ ހަތަރު މަސް ދުވަސް ފާއިތުވެދިޔައިރު ވެސް އެ މައްސަލާގައި ދައުވާކޮށްފައިނުވާތީއެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ހިމެނޭ ސަރުކާރުގެ އިސްވެރިންގެ މައްސަލަތައް ކޯޓަށް ފޮނުވާ ހިސާބުން އެ ބޭފުޅުން މަގާމުތަކުން ވަކިކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވީނަމަވެސް، މަޚުލޫފު އަލުން އޮފީހަށް ނިކުންވަން އެންގެވީ އޭނާގެ މައްޗަށް ދައުވާ ކުރެވޭނެ މިންވަރަށް އޭރު ހެކި ނެތުމުންނެވެ.
މި މައްސަލައިގައި ފެބްރުއަރީ 14 2019ގައި ވެސް މަޚުލޫފް ވަނީ ސަސްޕެންޑްކޮށް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައެވެ. އޭސީސީއާއި ޕޮލިހުން އެއްވެސް މައްސަލައެއް ނެތްކަމުގެ ޔަގީންކަން އެރުވުމުން އޭޕްރީލް 16، 2019ގައި މަޚުލޫފްގެ ސަސްޕެންޝަން އުވާލައްވައި މަގާމުގެ މަސްއޫލިއްޔަތުތައް އަލުން ވަނީ ހަވާލު ކުރައްވާފައެވެ.