ކ. މާލެ
|
24 ނޮވެންބަރ 2021 | ބުދަ 11:38
ރާއްޖެއައި މޮންގޯލިއާގެ ފުރަތަމަ ފްލައިޓް
ރާއްޖެއައި މޮންގޯލިއާގެ ފުރަތަމަ ފްލައިޓް
އެމްއޭސީއެލް
މޮންގޯލިއާ-ރާއްޖެ ދަތުރުތައް
މޮންގޯލިއާއިން ރާއްޖެއަށް ދަތުރުތައް ފަށައިފި
މިދަތުރުގައި ޖުމްލަ 108 ފަސިންޖަރުން ރާއްޖެއަށް ޒިޔާރަތްކުރި
މިއީ ރާއްޖެއާ މޮންގޯލިއާ އާއި ދެމެދު ސީދާ ދަތުރެއް ކުރެވުނު ފުރަތަމަ ފަހަރު

މޮންގޯލިއާ އެއަރލައިންސްއިން ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުތައް ފަށައިފިއެވެ.

މޮންގޯލިއަން އެއަރލައިންސްގެ ފުރަތަމަ ބޯޓު އައިސްފައި ވަނީ އަންގާރަ ދުވަހުގެ މެންދުރުއެވެ. ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ރާއްޖެއާ މޮންގޯލިއާ ދެމެދު ދަތުރުތައް ބާއްވަނީ ރާއްޖެއަށް ފަތުރުވެރިން ގެނައުމުގައި މަޝްހޫރު ޓްރެވެލް އެޖެންސީއެއް ކަމަށްވާ "އޯސަމް މޯލްޑިވްސް" އިންނެވެ.

މޮންގޯލިއާއިން ރާއްޖެއަށް ދަތުރުކުރާނީ ޗާޓަރު ފްލައިޓުތަކުގައެވެ. އެގައުމުން ރާއްޖެއަށް ފުރަތަމަ ކުރި ދަތުރުގައި 108 ފަސިންޖަރުން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. ޖުމްލަ 11 ގަޑިއިރު ދަތުރުކުރުމަށްފަހު ރާއްޖެއައި ފަސިންޖަރުންގެ ތެރޭގައި ހިމެނެނީ މޮންގޯލިއާގެ މީޑިއާގައި މަސައްކަތް ކުރާ މީހުންނާއި، ޓްރެވެލް ބްލޮގަރުންނާއި ޓުއާ އޮޕަރޭޓަރުންނެވެ. މިފަރާތްތަކުން ރާއްޖެ ޒިޔާރަތް ކޮށްފައި މިވަނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށެވެ.

މިދަތުރަށްފަހު ރާއްޖެއާ މޮންގޯލިއާ ދެމެދު ދަތުރުތައް ދެން ފަށާނީ ޑިސެމްބަރ 27 ވަނަ ދުވަހުއެވެ. އަދި މިއަންނަ އަހަރުގެ މާރޗް މަހާއި ހަމައަށް ކޮންމެ ހަފްތާއަކު އެއްދަތުރު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އޯސަމް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.

މިއީ ރާއްޖެއާއި މޮންގޯލިއާ ދެމެދުގައި ސީދާ ދަތުރުތައް ފެށި ފުރަތަމަ ފަހަރެވެ. މީގެ ސަބަބުން އެގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ނިސްބަތުން އިތުރު ވެގެންދާނެއެވެ. އަދި ފަތުރުވެރިކަމުގެ ސީޒަނުގައި މޮންގޯލިއާއަށް ދަތުރުތަކެއް ފެށުމުން އިތުރު މަންޒިލެއްގައި ރާއްޖެ އިޝްތިހާރުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަނެއްކޮޅުން މިއީ ދިވެހީން އެގައުމަށް ޒިޔާރަތް ކޮށްލުމަށް ވެސް ލިބޭ ރަނުގެ ފުރުސަތަކަށް ވެގެންދާނެއެވެ.

މިފްލައިޓް އަނބުރާ މޮންގޯލިއާއަށް ދާއިރު ރާއްޖޭގެ ފަތުރުވެރިންނަށް ޚާއްސަ ޕެކޭޖުތަކެއް ވަނީ ތައާރަފްކޮށްފައެވެ. މިޕެކޭޖުގެ ދަށުން ފަސް ރެއާއި ހަ ދުވަހު މޮންގޯލިއާގައި މަޑުކުރެވޭއިރު، މީގެ އަގަކީ 1،590 ޑޮލަރެވެ. މިޕެކޭޖުގެ ތެރޭގައި ޓިކެޓްގެ ޚަރަދާއި، ވިސާ ފީ އާއި ހުރުމާއި، ޓުއާގެ އިތުރުން ކެއުމުގެ ޚަރަދު ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް