ހަނދާނަށް އަންނަނީ މީގެ މާކުރީގެ މާޒީއެއް ނޫނެވެ. ތިންއަހަރެއްހާ ކުރިއެވެ. 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ދުވަސްވަރު މަތިންނެވެ. އޭރު ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނެވި ޢަބްދުﷲ ޔާމީންއާ ވާދަކޮށް މިހާރު ރައީސް ކަމުގައި ހުންނެވި އިބްރާހީމް މުހައްމަދު ސޯލިހް ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރެއްވުމުން ދެން ހިނގައިދިޔަ ކަންތައް ގަނޑުގެ މަތިންނެވެ.
ރައްޔިތުންލީ ވޯޓުން 60% އަށްވުރެ ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރިއަސް އެކަން ޤަބޫލު ނުކޮށް ޕީޕީއެމް ޕީއެންސީން ކޯޓަށް ދިޔައީ އިންތިޚާބު ބާތިލް ކުރުމަށެވެ. އެހާބޮޑު ކާމިޔާބެއް ލިބުނަސް އުފަލުގައި އެކަން ފާހަގަކޮށްލަންވެސް އޭރުގެ އިދިކޮޅުން ނުވަތަ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަޕޯޓަރުން ތިބީ ނުކެރިފައެވެ. ކީއްވެ ހެއްޔެވެ. ދެންވާނެ ގޮތެއް ނޭނގޭތީއެވެ.
ޕީޕީއެމުން އެބުނާ ގޮތަށް ޖެހި ފާހަގަ ބަލަބަލާ ހުއްޓާ ބަދަލުވިކަމަށް ނިންމާ ސުޕްރީމް ކޯޓުން އިންތިޚާބު ބާތިލް ކޮށްފާނެތީއެވެ. އޭރުގެ ސަރުކާރުން ބާރުލާފައި ބުނަމުންދިޔައީ އެކަން އެހެން ވާނެ ކަމަށެވެ. އެސަބަބަށްޓަކައި ރައްޔިތުން ތިބީ ދެންވާނެ ގޮތެއް ނޭނގިފައެވެ.
އޭރު ދެމީހަކު އެއްވިއަސް އަހާލެވެނީ އެންމެ ވާހަކައެކެވެ. މިކޮޅަށް ތިބީ ކިތައް ފަނޑިޔާރުންތޯއާއި އެކޮޅަށް ތިބީ ކިތައް ފަނޑިޔާރުންތޯއެވެ. ކުރި ލިބޭނީ ޕީޕީއެމަށްތޯ ނުވަތަ އެމްޑީޕީ ކޯލިޝަނަށްތޯއެވެ. ޤާނޫނުގައި އޮތީ ކިހިނެއްތޯއެއް، ކަން ހިނގީ ކިހިނެއްކަމެއް އަމުދުން ދުނިޔެވީ ހަމައިގާ ކަން އޮތްގޮތަށް ރިއާޔަތްކޮށް ގޮތް ނިންމެން އޮތް ގޮތަށް ސުޕްރީމް ކޯޓުން ނިޔާ ކަނޑައަޅާފާނެ ކަމަށް ހަމަ ޝައްކު އުފެދެނީއެވެ. އޭރުވެސް ސަރުކާރަކީ ޕީޕީއެމަށްވެފައި ބާރު އޮތީ އެމީހުންގެ އަތުގައި ކަމަށް ވީތީއެވެ.
އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ހަމަ އެންމެ ކަމަކުން އެކަމަށް ޖަވާބު ލިބެއެވެ. މަޝްހޫރު 12 މެމްބަރުން މަޖިލީހަށް ވަނަ ނުދީ ސަރުކާރުން މަޖިލީހުގައި ތަޅުއަޅުވައިގެން ގެންގުޅުނު ބޮޑު ޖަރީމާގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމްތަކެވެ. ދައުލަތުގެ އެއްބާރު ސަރުކާރުގެ މުށުތެރެއަށް ލައިގެން ހިތުހުރި ގޮތަކަށް ކަންކުރަމުންދިޔައިރު ސުޕްރީމް ކޯޓުގެ ޢަމަލްތަކެވެ. ލޯޔަރުންގެ ދައުރަށް އަޅަމުންދިޔަ ހުރަހާއި ނޫސްވެރިއަކަށްވެސް ބަސް ނުބުނެވޭހާ ބާރެއް އަމިއްލައަށް ނަގައިގެން އޭރު އޮތް ސުޕްރީމް ކޯޓުގެ ޢަމަލްތަކާއި ނިންމުންތައް ހުރި ގޮތުންނެވެ. އަމިއްލައަށް ކުރި ހުކުމްތަކާއި ނިންމި ނިންމުންތައް އެއީ ގޯސް ނިންމުންތަކެއްކަމަށް ހަމަ އެފަނޑިޔާރުން ނިންމި މޮޅު ނިންމުންތަކުންނެވެ.
މިއީކީ ތޯތޯ ވާހަކައެއް ނޫނެވެ. އިއްޔެ މެންދުރު ހިނގި ކަމެއްހެން އެންމެނަށް ސާފު ކަމެކެވެ. ހަފޮޅުން ބޭރުވެ ހަރުތަނެއްގައި ނުޖެހުނީމާ ދީދީއަކަސް އަދި ސީދީއަކަސް މާގިނަ ވާހަކަތައް ދައްކާނެ ޖާގައެއް މިއަދަކު ނެތެވެ. ޅަބުޅާތަކެއްހެން އިއްޒަތްތެރި މެންބަރުން މަޖިލީހުގެ ފާރުމަތިން އުކާލައި ސިފައިން ލައްވާ ތަޅުއަޅުވައިގެން އުޅުއްވިއިރުވެސް "ޙާލަތުއްޟަރޫރާ" އޮތީ އޮތްނެއްގައެވެ. އެ އެއްޗެއް އަންނަނީ މީހުން ނިދާ ފައިހިލަވަޅު އޮބުނީމާ އޭރު ބާރުގައި އޮތް މީހުން ޕޯޑިއަމާއި ޓީވީތަކުގައި ބުނިއްޔާ ބުނި ގޮތަކަށެވެ. ތިޔަބުނާ "މަބްދައުތަކާއި މަބާދައުތަކަށް" ރިޢާޔަތްކޮށް ނިންމި ދެފަށްމާނައިގެ ނިންމުންތަކެވެ. ޝާއިރަކު ބަނޑުގައި ފޮރުވި މާނައެކޭ އެއްވަރެވެ. އިއްތިފާގުވި ފަނޑިޔާރުންނަށްވެސް މިހޭވުނީ ކޮންހަޑިއެއްކަންވެސް ރޭކާލި ހެނެއް ހީއެއް ނުވެއެވެ.
އެކަމަކު އެކުޅިގަނޑު ތަފާތު ވެއްޖެއެވެ. ދައުލަތުންވެސް ސަކަރާތް ނުޖެހުމަށާއި ޤާނޫނުގެ އިމުގެ ތެރެއިން ކަންކުރަން ސުޕްރީމް ކޯޓުން ދައުލަތަށް އަންގާ އެންގުމުން އެކަން ހާމަވެއެވެ. ދައުލަތުގެ ވަކީލުންނާވެސް އެހެރަ ކުރިމަތިކޮށްލާ ސުވާލުތަކުން ގައިން ހީބިހި ނަގައިގެން ދެއެވެ. ލައިވްކޮށް ޝަރީއަތްތައް ކުރިއަށް ގެންދާއިރު އާދައިގެ މީހާއަށްވެސް ކަންކަން މިހާރު ސާފެވެ. ތައްޔާރު ނުވެ، ޤާނޫނީ ހަމައެއްނެތި ލޯޔަރުން ކިތައްމެ ވަރަކަށް ދައްކާހާ ހޮޅިވާހަކައިގެ ބުރަދަނެއް ނެތްކަން އެ ލައިވްތަކުން ހާމަވެއެވެ. ދައުލަތުގެ ލޯޔަރެއް، އިދިކޮޅު ޚަސްމުގެ ލޯޔަރަކަށް ނުބަލާ ކޯޓުގެ ފަނޑިޔާރުން އަންގާ އެންގުންތަކުން އެކޯޓަށް ބަދަލުތަކެއް އަތުވެއްޖެކަން މިއަދު ޤަބޫލު ކުރެވެއެވެ.
ސުޕްރީމް ކޯޓުން ނުރުހޭ ލޯޔަރުންގެ ހުއްދަތައް އަތުލުން މިހާރު މާޒީވެއްޖެއެވެ. ކޯޓުގެ ނިންމުންތަކާމެދު ނޫސްތަކާއި ޓީވީތަކުން ގޮވާނެހާ އެއްޗެއް ގޮވާނަގާއިރު އެއަކަށް ފަރުވާލެއް ނެތެވެ. އަމުދުން އެޅި ފިޔަވަޅެއް އަދި ދިން އިންޒާރެއްވެސް ނުމެނެތްމެއެވެ.
ކޮންމެއަކަސް ސުޕްރީމް ކޯޓުން އިންސާފް ލިބިދާނެ ކަމުގެ އިހުސާސެއް މިއަދު އެބަ ކުރެވެއެވެ. ސަރުކާރެއް، އިދިކޮޅެއް ބެލުމެއްނެތި ކޭސްތަކުގައި ޤާނޫނީ މަފްހޫމްތަކަށް ރިއާޔަތްކޮށް ގޮތް ނިންމަފާނެ ކަމަށް މިއަދު ޤަބޫލު ކުރެވެއެވެ. ކުރި އަމުރަކުން ފުރާޅުން ޓިނުނަގައި އުއްތަމަ ފަނޑިޔާރާއި ދެންތިއްބެވި ބައެއް ފަނޑިޔާރުން ދަމާ ކޫއްތާފައި ގެންގޮސް ކުޑަގޮޅިއަށްލުން ލަސްވެއްޖެއޭ ބުނާކަށް މިއަދު ތަނެއް ނެތެވެ. އެކަން އެހެން ކުރަން އަމުރުކުރާނެ ވެރިއަކު ނެތްކަމާއި ފަނޑިޔާރުން އެވެރިން ހޯދާފައިވާ ތައުލީމުގެ އަލީގައި ޤާނޫނީ އިމުގެ ތެރެއިން ހަމައިސްކޮޅަށް ދެމިލައިފިކަން ޝައްކުކުރާނެ ހުއްޖަތެއްނެތެވެ.