ޔޫރަޕްގެ ސަރަހައްދަށް ކޮވިޑް-19ގެ މުޅިން އާ ސަރޖެއް އައިސްފައިވާތީ އެކަމުގެ ކަންބޮޑުވުން އަނެއްކާވެސް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)ން ފާޅުކޮށްފިއެވެ.
ބީބީސީއާ ވާހަކަދައްކަމުން، ޔޫރަޕަށް ޑަބްލިޔުއެޗްއޯއިން ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑިރެކްޓަރ ޑރ. ހާންސް ކްލޫގް ވަނީ، މާޗް މަސް އަންނަންވާއިރަށް ޔޫރަޕް ސަރަހައްދުން ކޮވިޑް ބަލީގައި އިތުރު ފަސް ލައްކަ މީހުން މަރުވެދާނެކަމުގެ އިންޒާރު ދެއްވާފައެވެ. އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ ގިނަ ބަޔެއްގެ ފުރާނަ ގެއްލިގެންދާނެކަމުގެ އިންޒާރު ހާންސް ވަނީ ދެއްވާފައެވެ.
ހާންސް އިތުރަށް ވިދާޅުވީ، މާސްކު އެޅުމަކީ މިހާރުން މިހާރަށްވެސް އެޅޭނެ އެންމެ އަވަސް އެންމެ ރަނގަޅު ފިޔަވަޅުކަމަށެވެ. ޑަބްލިޔުއެޗްއޯއިން ވަނީ މީގެކުރިންވެސް މިގޮތަށް އިންޒާރުދީފައެވެ. ޔޫރަޕް ސަރަހައްދުގެ ގިނަ ގައުމުތަކެއްގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާއިރު ބައެއް ގައުމުތައް މިހާރުވެސް ވަނީ ލޮކްޑައުންކޮށްފައެވެ. އަނެއްބައި ގައުމުތަކުގައި ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.
ހާންސް ވިދާޅުވީ ޔޫރަޕްގައި ކޮވިޑް އަލުން ފެތުރެން ދިމާވި ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ފިނި މޫސުމާއި، ވެކްސިން ކަވަރޭޖް ރަނގަޅުނުވުމާއި ސަރަހައްދުގައި އެންމެ ބޮޑަށް އޮތް ކޮވިޑްގެ ވޭރިއަންޓަކީ ޑެލްޓާ ވޭރިއަންޓް ކަމަށް ވުންކަމަށެވެ. އެހެންކަމުން ވެކްސިން ދިނުމުގެ ޕްރޮގްރާމް ހަލުވިކޮށް ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ކުރިން އެޅި ފިޔަވަޅުތައް އަލުން އިއާދަކުރުމަށް ހާންސް ވަނީ އެދިވަޑައިގަންނަވާފައެވެ.
ކޮވިޑް-19 އަނެއްކާވެސް ޔޫރަޕްގައި އެންމެ ގިނަ ބަޔެއްގެ ފުރާނަ ގެއްލިގެންދާ ބައްޔަށް ވެގެން ހިނގައްޖެކަމަށާއި، އެކަމުން އަރައިގަންނަންވީ ގޮތް މިހާރު އެންމެންނަށްވެސް އެނގޭކަމަށް ހާންސް ވިދާޅުވިއެވެ. ހާންސް އިތުރަށް ވިދާޅުވީ ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖެހުމަށް މަޖުބޫރުކުރުމަކީ އެންމެ ފަހުގެ ކަމެއްގެ ގޮތުގައި ހެދިދާނެކަމަށާއި ނަމަވެސް ވެކްސިން ނުޖަހާ މީހުންނާއި ވެކްސިން ޖަހާފައިވާ މީހުންނާ ދެމެދު ތަފާތުކުރުންތަކެއް، ޚިދުމަތްތައް ހޯދުމުގައި ގެންގުޅުންފަދަ ފިޔަވަޅުތަކަކީ އެޅޭނެ ފިޔަވަޅުތަކެއް ކަމަށެވެ.
ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އޮސްޓްރިއާއިން ވަނީ ފުރަތަަމަ ފަހަރަށް ވެކްސިން މަޖުބޫރުކުރި ގައުމަށްވެފައެވެ. ކޮވިޑްގެ ކޭސްތައް އިތުރުވުމުގެ ސަބަބުން ޖަރމަނީގައި މިހާރުވެސް އޮތީ ނޭޝަނަލް އެމަރޖެންސީ ހާލަތުގައި ކަމަށް އެގައުމުގެ ހެލްތު މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަނެއްކޮޅުން އިނގިރޭސިވިލާތުގައިވެސް ކޮވިޑްގެ ކޭސްތައް އަންނަނީ އިތުރުވަމުންނެވެ. ނަމަވެސް ލޮކްޑައުންއަކަށް ދިޔުމުގެ ވިސްނުމެއް ނެތްކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.