ކ. މާލެ
|
19 ނޮވެންބަރ 2021 | ހުކުރު 00:20
ގައުމީ އެތުލެޓިކްސް މުބާރާތުގެ ތެރެއިން
ގައުމީ އެތުލެޓިކްސް މުބާރާތުގެ ތެރެއިން
އަތޫފް އާތިފް
ގައުމީ އެތުލެޓިކްސް މުބާރާތް
ގައުމީ އެތުލެޓިކްސް މުބާރާތް: ފުރަތަމަ ދުވަހުން ސާއިދަށް ދެ ރަން މެޑަލް!
 
ސާއިދު ރަން މެޑަލް ހޯދީ 100 މީޓަރު ދުވުމާއި، 4x400 މީޓަރު ދުވުމުން
 
އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ގައުމީ އެތުލެޓިކްސް މުބާރާތް ކުރިއަށްދާނެ

ބުރާސްފަތި ދުވަހު ފެށި "30 ވަނަ ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕްސް" ގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ދެ ރަން މެޑަލް ހޯދައިފިއެވެ.

މި އަހަރުގެ ގައުމީ މުބާރާތް ބާއްވާއިރު، ކޮވިޑް-19 އާ ގުޅިގެން މި މުބާރާތް މިދިޔަ އަހަރު ބާއްވާފައެއް ނުވެއެވެ. އަދި މި އަހަރުގެ މުބާރާތަކީ މާލޭ އެކުވެނި ޓްރެކުގައި ސިންތެޓިކް އެޅި ފަހުން، އެ ޓްރެކުގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ވެލި ޓްރެކެއްގެ ގޮތުގައި އޮންނަ އެކުވެނި ޓްރެކުގައި މި މުބާރާތް ބާއްވަމުން އައިރު، 2018 އަދި 2019 ވަނަ އަހަރުގެ މުބާރާތްތައް ބާއްވާފައިވަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކުގައެވެ.

މި ފަހަރުގެ މުބާރާތުގެ ފުރަތަމަ ދުވަހުން ސާއިދު ދެ ރަން މެޑަލް ހޯދިއިރު، އޭނާ ވަނީ ފިރިހެނުންގެ 100 މީޓަރު ދުވުމާއި، ހަތަރެއް ގުނަ 400 މީޓަރު ދުވުމުން އެއްވަނަ ހޯދާފައެވެ.

ބުރާސްފަތި ދުވަހު ހަވީރު ކުރިއަށްދިޔަ 100 މީޓަރު ދުވުމުގެ ފައިނަލް ހީޓު ސާއިދު ކާމިޔާބުކުރީ 10.63 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ބައިގެ ދެވަނައަށް ދިޔައީ ސާއިދު ސްޕޯޓްސްގެ ޒުވާން ދުވުންތެރިޔާ އިބާދުﷲ އާދަމެވެ. އޭނާ ރޭސް ނިންމީ 10.95 ސިކުންތުންނެވެ. އަދި ތިންވަނައަށް ރޭސް ނިންމި ސާއިދު ސްޕޯޓްސްގެ ނުޖޫމް ހަސަން ރޭސް ނިންމީ 11.27 ސިކުންތުންނެވެ.

މި މުބާރާތުގެ ހަތަރެއް ގުނަ 400 މީޓަރު ދުވުމުން އެއްވަނައަށް ދިޔައީ ސާއިދު ހިމެނުނު ދިވެހި ސިފައިންގެ ކުލަބެވެ. އެ ޓީމުން ރޭސް ނިންމީ 03:37 މިނެޓުންނެވެ. ދެވަނައަށްދިޔަ ސާއިދު ސްޕޯޓްސްއިން ރޭސް ނިންމީ 03:39 މިނެޓުންނެވެ. އަދި ތިންވަނައަށްދިޔަ ކުލަބު ރައިވެރިޔާއިން ރޭސް ނިންމާފައިވަނީ 03:45 މިނެޓުންނެވެ.

ގައުމީ އެތުލެޓިކްސް މުބާރާތުގެ ތެރެއިން - އަތޫފް އާތިފް

މީގެ އިތުރުން މި ފަހަރުގެ މުބާރާތުގެ އަންހެން 100 މީޓަރު ދުވުން ކާމިޔާބުކުރީ ކުލަބު ރާވެރިޔާގެ ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަނެވެ. އޭނާ ރޭސް ނިންމީ 12.45 ސިކުންތުންނެވެ. ދެވަނައަށް ދިޔަ ކުޑަ ހުސެން ސްޕޯޓްސް އެސޯސިއޭޝަނުގެ މަރިޔަމް ރުޔާ އަލީ ރޭސް ނިންމީ 12.54 ސިކުންތުންނެވެ. އަދި ތިންވަނައަށްދިޔައީ ކުޑަ ހުސެން ސްޕޯޓްސް އެސޯސިއޭޝަންގެ ދުވުންތެރިޔާ އަޙްނާ ނިޒާރެވެ. އޭނާ ރޭސް ނިންމީ 12.88 ސިކުންތުންނެވެ.

އަންހެން ހަތަރެއް ގުނަ 400 މީޓަރު ދުވުމުން އެއްވަނައަށް ދިޔައީ ކުލަބު ރައިވެރިޔާއެވެ. އެ ޓީމުން ރޭސް ނިންމާފައިވަނީ 04:20 މިނެޓުންނެވެ. ދެވަނައަށްދިޔަ ކުޑަ ހުސެން ސްޕޯޓްސް އެސޯސިއޭޝަނުގެ ދުވުންތެރިން ރޭސް ނިންމީ 04:40 މިނެޓުންނެވެ. އަދި ތިންވަނައަށްދިޔަ ސާއިދު ސްޕޯޓްސްއިން ރޭސް ނިންމީ 04:46 މިނެޓުންނެވެ.

މީގެ އިތުރުން މި މުބާރާތުގެ ފިރިހެން 10،000 މީޓަރު ދުވުން ކާމިޔާބުކުރީ ދިވެހި ސިފައިންގެ ކުލަބުގެ މުޙައްމަދު ރަޝީދެވެ. އޭނާ ދުވުން ނިންމީ 35:19 މިނެޓުންނެވެ. ދެވަނައަށްދިޔަ ހަމަ އެ ޓީމުގެ ހުސެއިން ފަޒީލް ހާރޫން ރޭސް ނިންމީ 35:47 މިނެޓުންނެވެ. އަދި ތިންވަނައަށްދިޔަ މެރެތަން ރަނާސް މޯލްޑިވްސްގެ މުޙައްމަދު އިރުފާން ރޭސް ނިންމާފައިވަނީ 36:41 މިނެޓުންނެވެ.

މި އަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތް ބުރާސްފަތި ދުވަހު ފެށިއިރު، މި މުބާރާތް އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިސްމާޢީލް ޝާހް
100%
0%
0%
0%
0%
0%
ކޮމެންޓް