ކ. މާލެ
|
15 ނޮވެންބަރ 2021 | ހޯމަ 22:12
ނިއުދިއްލީގެ ކޯރެއްގައި މީހަކު ބޮއްކުރައެއްގައި ފަލިޖަހާފައިދަނީ
ނިއުދިއްލީގެ ކޯރެއްގައި މީހަކު ބޮއްކުރައެއްގައި ފަލިޖަހާފައިދަނީ
ރޮއިޓަރސް
ނިއުދިއްލީގެ ވައި ނުސާފުވުން
ނިއުދިއްލީގެ ވައި ނުސާފުވުމުގެ ސަބަބުން އޮފީސްތައް ބަންދުކޮށް، ގޭގައި ތިބެގެން މަސައްކަތްކުރުމަށް ސްޕްރީމްކޯޓުން އަމުރުކޮށްފި
 
ސްޕްރީމްކޯޓުގެ އަމުރުގައި، ކޮންމެހެން ދުއްވަންޖެހޭ ދުއްވާ އެއްޗެއް ނޫނީ ނުދުއްވުމަށްވެސް އަންގާފައިވޭ
 
ސްކޫލްތައް ބަންދުކޮށް، ކޮންސްޓްރަކްޝަން މަސައްކަތްތައް ހަތަރު ދުވަހަށް މެދުކަނޑާލުމަށް ސަރުކާރުން ވަނީ ހޮނިހިރު ދުވަހު އަންގާފައި

ނިއުދިއްލީގެ ވައި ތަޣައްޔަރުވުމުގެ ސަބަބުން ނިއުދިއްލީއާއި، ކައިރި ސިޓީތަކުގެ އޮފީސްތައް ބަންދުކޮށް ގޭގައި ތިބެގެން މަސައްކަތްކުރުމަށް އިންޑިޔާގެ ސްޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ނިއުދިއްލީގެ ވައި ނުސާފުވުމުގެ ސަބަބުން އޮފިޝަލުން އަންނަނީ އެކަން ހައްލުކުރުމުގެ މަސައްކަތްކުރަމުންނެވެ. ނޮވެމްބަރު މަހުގެ ކުރީކޮޅުން ފެށިގެން ނިއުދިއްލީގެ ވައި ނުސާފުވެފައިވާއިރު، ސްކޫލްތައް ބަންދުކޮށް ކޮންސްޓްރަކްޝަން މަސައްކަތްތައް ހަތަރު ދުވަހަށް މެދުކަނޑާލުމަށް ސަރުކާރުން ވަނީ ހޮނިހިރު ދުވަހު އަންގާފައެވެ.

ނިއުދިއްލީގެ ރައްޔިތުން ސްޕްރީމްކޯޓަށް ހުށަހެޅި ޕެޓިޝަނާ ގުޅޭގޮތުން ފަހުބަސް އިއްވަވަމުން، ތިން ޖަޖުން ހިމެނޭ ޕެނަލްގެ ޗީފް ޖަސްޓިސް އެންވީ ރާމަންނާ ވިދާޅުވީ، އިންޑިޔާގެ މައި ސިޓީ ހިމެނޭ ސަރަހައްދުގައި މިވަގުތުން ފެށިގެން ގޭގައި ތިބެގެން މަސައްކަތްކުރުމަށް އަންގާކަމަށެވެ. މީގެއިތުރުން ނިއުދިއްލީއާއި، ކައިރި ހިސާބުތަކުގެ ސްޓޭޓްތައް ކަމުގައިވާ ހަރްޔާނާ، ޕަންޖާބު އަދި އުއްތަރް ޕްރަދޭޝްގެ އެތައް ސަތޭކަ ދަނޑުވެރިންނެއް އެމީހުންގެ ދަނޑުތަކުގައި ރޯކޮށްލާފައިވާ އަލިފާންގަނޑުތައް ވީއެންމެ އަވަހަށް ކޮންޓްރޯލްކުރުމަަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދަނޑުވެރިން މިހާރު ތައްޔާރުވަމުން އަންނަނީ ދަނޑުވެރިކަމުގެ އައު މޫސުމަށެވެ. އެހެންކަމުން މިހާރު ދަނޑުތަކުގައި ބާކީ ހުރި އެއްޗެހި އަންދާލުމުގެ މަސައްކަތް ދަނޑުވެރިން އަންނަނީ ކުރަމުންނެވެ.

ދަނޑުތަކުން ބާކީވާ ބައި އެންދުމަކީ އިންޑިޔާގެ ވައި ނުސާފުވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބަށްވާއިރު، އެކަން ހުއްޓުވުމަށް މިހާތަނަށް ކުރި މަސައްކަތްތައް ވަނީ ނާކާމިޔާބުވެފައެވެ. ފިނި މޫސުމުގައި އެގައުމުގެ ވައި މިކަމުގެ ސަބަބުން އަންނަނީ ތަޣައްޔަރުވަމުންނެވެ. އެކަމަށް ފާއިތުވި ހަތަރު އަހަރު ބިލިއަނުން ޚަރަދުކޮށްފައިވެއެވެ.

ނިއުދިއްލީގައި ވައިގެ ކޮލިޓީ ހުރީ 500 އަކުން 343 ގައެވެ. މާހިރުން ބުނާގޮތުގައި މިއީ ވައިގެ ކޮލިޓީގެ ވަރަށް ދަށް މިންވަރެއްކަމަށާއި، މިހާލަތުގައި ބޭރަށް ނިކުމެ ގިނަ ވަގުތު އުޅޭނަމަ ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތައް ޖެހުމުގެ ފުރުސަތު އޮންނާނެކަމަށެވެ. މިދިޔަ ހަފުތާގައި ވައިގެ ކޮލިޓީ ހުރީ 499 ގައެވެ.

ސްޕްރީމްކޯޓުގެ އަމުރުގައި ވަނީ ކޮންމެހެން ދުއްވަންޖެހޭ ދުއްވާ އެއްޗެއް ނޫނީ ނުދުއްވުމަށްވެސް އަންގާފައެވެ.

ނިއުދިއްލީއަކީ މުޅި ދުނިޔޭގައިވެސް ވައި އެންމެ ނުސާފު، ވެރިކަން ކުރާ ސިޓީއެވެ. ބޯޓުދެލި އަންދާ ކާރުޚާނާތަކާއި ހާމަތަންތަނުގައި ކުނި އެންދުމުގެ ސަބަބުން ނިއުދިއްލީގެ ވައި އާންމުކޮށްވެސް ހުންނަނީ ނުސާފުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް