ޑެލްޓާ ވޭރިއަންޓްގެ ސަބަބުން ޗައިނާގެ 21 ސަރަހައްދެއްގައި ކޮވިޑް-19 ފެތުރެމުންދާތީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް ވަރުގަދަކުރަން ފަށައިފިއެވެ.
ހޯމަ ދުވަހު ޗައިނާއިން 32 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު، ގިނަ މީހުން ފެނިފައިވަނީ އުތުރު އިރުމަތީ ސިޓީއެއްކަމުގައިވާ ޑާލިއަން ސިޓީންނެވެ. މިއާއެކު އޮކްޓޯބަރ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ޗައިނާއިން ފެނިފައިވާ ކޮވިޑް ކޭސްތަކުގެ އަދަދު ވަނީ 1308ށް އަރާފައެވެ. ޑެލްޓާ ވޭރިއަންޓްގެ ސަބަބުން ޗައިނާގައި މިފަހުން ފެނިފައިވާ ކޭސްތަކުގެ އަދަދު ވަނީ 1280ށް އަރާފައެވެ.
ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން، ކޮވިޑް ފެތުރޭ ސިޓީތަކުން ދަތުކުރާ މީހުން ކަރަންޓީނުވާން ޖެހޭގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ. 21 ސަރަހައްދެއްގައި ވައިރަސް ފެތުރެމުންދާއިރު މިއީ ޗައިނާގައި މިހާތަނަށް އެންމެ ގިނަ ސަރަހައްދުތަކެއްގައި އެއް ފަހަރާ ކޮވިޑް ފެތުރެމުންދާ ފުރަތަމަ ފަހަރެވެ. ޗައިނާގެ ސަރުކާރުން އަންނަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެގޮތުން ކޮންޓެކްޓް ޓްރޭސިންގ ވަރުގަދަކޮށްފައިވާއިރު، ވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން އަންނަނީ ކޮވިޑަށް ޓެސްޓްކުރަމުންނެވެ. މީގެއިތުރުން މުނިފޫހިފިލުވުމާ ގުޅުންހުރި ތަންތަން ބަންދުކުރުމާއި، ޓޫރިސްޓުންނަށް އެތަންތަނަށް އައުމުގައި، ފިޔަވަޅުތައް ވަރުގަދަކުރުމުގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓް ބަންދުކުރުންވެސް ހިމެނެއެވެ.
7.5 މިލިއަން މީހުން ދިރިއުޅޭ ޑާލިއަންގައި އެންމެ ފުރަތަމަ ކޮވިޑް ކޭހެއް ފެނިފައިވަނީ ނޮވެމްބަރ މަހުގެ 4 ވަނަ ދުވަހުއެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 24 މީހުންނަށް އެސިޓީގައި އަންނަނީ ކޮވިޑް ޖެހުމުންނެވެ.
ނޮވެމްބަރ މަހުގެ 14 ވަނަ ދުވަހާ ހަމައަށް ޗައިނާގައި 98،315 މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ. އަދި 4،636 މީހުން ވަނީ މަރުވެފައެވެ.