ޖައްވު ހޫނުކުރާ އެންމެ ނުރައްކާތެރި ގޭސްތައް ޖައްވަށް އެންމެ ގިނައިން ބޭރުކުރާ ކޯލް އެންދުން މަދުކުރުމަށް ފުރަތަމަ ފަހަރަށް ގައުމުތަކުން އެއްބަސްވެ ކޮޕް26 ބައްދަލުވުން ނިންމާލައިފިއެވެ.
އޮކްޓޯބަރ މަހުގެ 31ން ނޮވެމްބަރ 12ށް ސްކޮޓްލެންޑްގެ ގްލާސްގޯ ގައި ކުރިޔަށްގެންދިޔަ ކޮޕް26 ގައި މިނޫންވެސް މުހިންމު އެހެން ނިންމުންތައް ވަނީ ނިންމާފައެވެ. އޭގެތެރޭގައި މޫސުމީ ބަދަލުތަކަށް އެޑަޕްޓްވުމަށް ތަރައްގީ ވަމުން އަންނަ ގައުމުތަކަށް އިތުރު ފައިސާ ދިނުމަށް ވަނީ އެއްބަސްވެފައެވެ. އެހެންނަމަވެސް މިއެއްބަސްވުންތަކާއެކުވެސް ދުނިޔެ ހޫނުވާ މިންވަރު 1.5 ޑިގްރީގައި ހިފެހެއްޓޭނެ ވަރެއް ނުވެއެވެ.
ބޯޓުދެލި އެންދުން އެއްކޮށް ނިމުމަކަށް ގެނައުމަށް ގައުމުތަކުން ވި އެއްބަސްވުން ފަހު ވަގުތު އިންޑިޔާއިން ދެކޮޅު ހެދުމުން ވަނީ ބޯޓުދެލި އެންދުން ފޭސްތަކަކަށް ބަހާލައިގެން މަދުކުރުމަށް ބަދަލުކޮށްފައެވެ. ގިނަ ގައުމުތަކެއްގެ ކަންބޮޑުވުންތަކެއް އެކަމުގައި ފާޅުކޮށްފައިވެއެވެ. މިއާއެކު ކޮޕް26 ގެ ރައީސް އަލޯކް ޝަރްމާ ވަނީ ގައުމުތަކުގެ ކިބައިން އެކަމަށް މައާފަށް އެދިވަޑައިގަންނަވާފައެވެ. ނަމަވެސް މުޅި އެއްބަސްވުން އެއްކޮށް ދެމެހެއްޓުމަކީ މުހިންމުކަމެއްކަމަށް ޝަރްމާ ވިދާޅުވިއެވެ.
މިއެއްބަސްވުމުގެ ދަށުން އަންނަ އަހަރު ގައުމުތަކުން އަނެއްކާވެސް މުޅިން އައު ވައުދުތަކެއް ކާބަން ޖައްވަށްދޫކުރާ މިންވަރު މަދުކުރުމަށް ވާންޖެހޭނެއެވެ. އަދި 1.5 ޑިގްރީއަށް ވާސިލުވުމަށް ޚަރުދަނާ ސިޔާސަތުތަކެއް ގައުމުތަކުން އަންނަ އަހަރު ހުށަހަޅަންޖެހޭނެއެވެ.
ސައިންސްވެރިން ބުނެފައިވަނީ ދުނިޔެ ހޫނުވާ މިންވަރު 1.5 ޑިގްރީއަށްވުރެ މައްޗަށް ގޮސްފިނަމަ އެކަމުގެ އަސަރު އެތައް މިލިއަން ބަޔަކަށް ކުރާނެކަމަށެވެ.
ކޮޕް26 ގައި ދެން ނިންމި މުހިންމު ނިންމުމަކީ ޖައްވަށްދޫކުރާ ވިހަގޭސް ހުއްޓާލުމުގެ ސިޔާސަތު މިހާރަށްވުރެ ރަނގަޅަށް މުރާޖާކުރުމެވެ.
ތަރައްގީވަމުން އަންނަ ގައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ލިބޭ ގެއްލުންތަކުގެ ސަބަބުން ދޭ ފައިސާ އިތުރުކުރުމަށް އެއްބަސްވިނަމަވެސް ލިބޭ ގެއްލުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވާ ގެއްލުންތަކަކީ ކޮބައިކަން އަަދިވެސް ސާފުނުވާތީ އެކަމުގެ ކަންބޮޑުވުން ތަރައްގީވަމުން އަންނަ ގައުމުތަކުން ވަނީ ފާޅުކޮށްފައެވެ. މުއްސަނދި ބޮޑެތި ގައުމުތަކުން ތަރައްޤީގެ ނަމުގައި ކުރާ ކަންކަމުގެ ސަބަބުން ދުނިޔެ ހޫނުވަމުން އަންނައިރު ދުނިޔެ ހޫނުވުމުގައި އެއްވެސް ދައުރެއް ނިސްބަތުން އަދާނުކުރާ ފަގީރު، ތަރައްޤީވަމުން އަންނަ ގައުމުތަކަށް ލިބޭ ގެއްލުންތަކަށާއި މޫސުމަށް އެޑަޕްޓްވުމަށް މުއްސަނދި ގައުމުތަކުން ބަދަލުދޭންޖެހޭނެކަމަށް ގައުމުތަކުން އަންނަނީ ވަކާލާތުކުރަމުންނެވެ. އެކަމަކީ މިފަހަރުގެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު މައިގަނޑު ކަންކަމުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ.