ކ. މާލެ
|
14 ނޮވެންބަރ 2021 | އާދީއްތަ 04:42
ކޮޕް26 ނިންމާލުމަށްފަހު ބައިވެރިން އުފާފާޅުކުރަނީ
ކޮޕް26 ނިންމާލުމަށްފަހު ބައިވެރިން އުފާފާޅުކުރަނީ
ސްކައި ނިއުސް
ކޮޕް26 ކޮންފަރެންސް ނިންމާލުން
ޕެރިސް އެގްރިމެންޓަށްފަހު ލީޑަރުން ނިންމި އެންމެ މުހިންމު ނިންމުންތަކާއެކު ކޮޕް26 ނިންމާލައިފި
 
އެންމެ މުހިންމު އެއް ނިންމުމަކީ ބޯޓުދެލި އެންދުން މަދުކުރުމަށް ވި އެއްބަސްވުން
 
200އެއްހާ ގައުމުން ވަނީ މޫސުމީ ބަދަލުތަކާއި ގުޅިގެން ދެން ކުރާނެ އައު ކަންތައްތަކަކަށް އެއްބަސްވެފައި
 
ކޮޕް26 ނިންމާލާފައިވަނީ ކުރިން ނިންމާލުމަށް ކަނޑައަޅާފައިވާ ތާރީޚަށްވުރެ ފަހުން

2015 ވަނަ އަހަރު ޕެރިސްގައި ކުރިޔަށް ގެންދިޔަ ކޮޕް ބައްދަލުވުމުގައި ގައުމުތަކުން އެއްބަސްވި ޕެރިސް އެގްރިމެންޓަށްފަހު ލީޑަރުން ނިންމި އެންމެ މުހިންމު ނިންމުންތަކާއެކު ކޮޕް26 ބައްދަލުވުން ނިންމާލައިފިއެވެ.

ދެ ހަފްތާގެ މުއްދަތަށް ސްކޮޓްލެންޑްގެ ގްލާސްގޯ ގައި ކުރިޔަށްގެންދިޔަ މިބައްދަލުވުން ނިންމާލާފައިވަނީ ކުރިން ނިންމާލުމަށް ކަނޑައަޅާފައިވާ ތާރީޚަށްވުރެ ފަހުންނެވެ. އެއީ ޕެރިސް އެގްރިމެންޓްގައި ގައުމުތަކުން އެންމެ ބޮޑަށް އެއްބަސްވި ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީގައި ބެހެއްޓުމުގެ ވައުދުގެ ދަށުން އެކަން ހާސިލުކުރުމަށް ގައުމުތަކުން ކުރާނެ ކަންކަމަށް އައު ވައުދުތަކެއް އެކަށައަޅާ އެކަންކަމަށް އެއްބަސްވުމަކާ ހަމައަށް އިތުރު ވަގުތު ބޭނުންވެގެންނެވެ.

ހޫނުގަދަ ބަހުސްތަކަށްފަހު ކޮޕް26 ގެ ރައީސް އަލޯކް ޝަރްމާ ބައްދަލުވުން ނިންމާލިއިރު 200އެއްހާ ގައުމުން ވަނީ މޫސުމީ ބަދަލުތަކާއި ގުޅިގެން ދެން ކުރާނެ އައު ކަންތައްތަކަކަށް އެއްބަސްވެފައެވެ.

ބައްދަލުވުމުގައި ނިންމި މައިގަނޑު ނިންމުންތަކަކީ:

  1. - 2030 ވަނަ އަހަރު އަންނަން ވާއިރަށް ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް އެކަށައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުން. 1.5 ޑިގްރީގައި ދުނިޔޭގެ ހޫނުމިން ބެހެއްޓުމަށް ގައުމުތަކުން ގެންގުޅޭ އައު ސިޔާސަތުތައް އަންނަ އަހަރު ހާމަކުރުން
  2. - ޖައްވު ހޫނުކުރާ އެންމެ ނުރައްކާތެރި ވިހަ ގޭސްތައް ޖައްވަށް ދޫކުރާ ބޯޓުދެލި އެންދުން މަދުކުރުން.
  3. - ތަރައްގީ ވަމުން އަންނަ ގައުމުތަކަށް މޫސުމީ ބަދަލުތަކަށް އެޑަޕްޓުވުމަށް ދޭ ފަންޑު 2025 ވަނަ އަހަރު އަންނަންވާއިރަށް ދެ ގުނަ ކުރުން
  4. - މޫސުމީ ބަދަލުތަކުގެ ސަބަބުން ތަރައްޤީވަމުން އަންނަ ގައުމުތަކަށް ލިބެމުންދާ ގެއްލުންތަކަށް ބަދަލުދިނުމާއި ގުޅޭގޮތުން އިތުރަށް ވާހަކަތައް ދެއްކުން
  5. - ކާބަން އޮފްސެޓް މާކެޓްގައި ގެންގުޅޭނެ ހަމަތަކާއި ގުޅޭގޮތުން އެއްބަސްވުމަކަށް އައުން

ކޮޕް26 ގައި ގައުމުތަކުން އެއްބަސްވި މުހިންމު އެއްބަސްވުންތަކަށް އިޝާރާތްތަކުރައްވާ ކޮޕް26 ގައި އީޔޫގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ކްލައިމެޓް ރެޕްރެޒެންޓޭޓިވް ފްރެންސް ޓިމަރމެންސް ވަނީ މިއީ ތާރީޚީ ނިންމުންތަކެއް ނިންމި ބައްދަލުވުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. 1.5 ޑިގްރީގައި ދުނިޔޭގެ ހޫނުމިން ބެހެއްޓުމަށް ގައުމުތަކުން އެއްބަސްވި އެއްބަސްވުމަކީ މުހިންމު އެއްބަސްވުމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރިނަމަވެސް އަދިވެސް އެންމެ ބޭނުންވާގޮތަށް އެކަންކަން ނުވާކަމަށް ބައެއް މީހުން ދެކެއެވެ.

ގްރީން ޕީސް އިންޓަރނޭޝަނަލްގެ އެގްޒެކެޓިވް ޑިރެކްޓަރ ޖެނިފަރ މޯގަން ވިދާޅުވީ 1.5 ޑިގްރާގައި ހޫނުމިން ބެހެއްޓުމަށް ހަމައެކަނި އެއްބަސްވީކަމަށެވެ. އެހެންނަމަވެސް ބޯޓުދެލި އަންދައިގެން ހަކަތަ އުފެއްދުން ނިމުމަކަށް އަންނަން އުޅޭކަމުގެ ނިޝާންތައް މިކޮންފަރެންސްއިން ފެނިގެން ގޮސްފިކަމަށާއި އެއީ މުހިންމު ކަމެއްކަމަށް މޯގަން ވިދާޅުވިއެވެ.

ގްލާސްގޯގައި ގައުމުތަކުން 1.5 ޑިގްރީގައި ދުނިޔޭގެ ހޫނުމިން ބެހެއްޓުމަށް ކުރަންޖެހޭ ހުރިހާ ކަމަކަށް ގައުމުތަކުން އެއްބަސްވާން ޖެހޭއިރު އެކަން ނުވިކަމަށް މޯގަން ވިދާޅުވިއެވެ. އެހެންނަމަވެސް އަންނަ އަހަރު އޮންނަ ކޮޕް ބައްދަލުވުމަށް އަނެއްކާވެސް އައު ލަނޑުދަނޑިތަކަކާއެކު ގައުމުތަކުން އަންނާނެކަމަށް މޯގަން ވިދާޅުވިއެވެ. މިހިސާބަށްވެސް މިނިންމުންތައް ނިންމިގެން މިދިޔައީ ޒުވާނުންނާއި އިންޑީޖެނަސް ލީޑަރުންނާއި އެކްޓިވިސްޓުންނާއި ގައުމުތަކުގައި ތިމާވެއްޓަށް މަސައްކަތްކުރާ މީހުން ކުރި ބުރަ މަސައްކަތުން އެކަމަށް ޕްރެޝަރކުރިވަރު ބޮޑުކަމުން ކަމަށާއި އެހެން ނޫންނަމަ ކޮޕް26 ނިމިގެންދާނީ ފްލޮޕެއްގެ ގޮތުގައި ކަމަށް މޯގަން ވިދާޅުވިއެވެ.

ކްލައިމެޓް ތިންކްޓޭންކެއް ކަމުގައިވާ އީސީއައިޔޫގެ އެކްޓިންގ ޑިރެކްޓަރ ސެޕި ގޮލްޒާރީ މުންރޯ ވިދާޅުވީ ގްލާސްގޯ ގައި ގައުމުތަކުން ނިންމި ނިންމުންތަކަކީ އެންމެ ރަނގަޅު ނިންމުންތަކެއް ނޫންކަމަށާއި ނަމަވެސް ދުނިޔޭގެ އިގްތިޞާދީ އަދި ސިޔާސީ ހާލަތަށް ބަލާއިރު މިނިންމުންތަކަކީ އުންމީދުކުރި ވަރަށްވުރެ ބޮޑެތި ނިންމުންތަކެއްކަމަށެވެ.

2015 ވަނަ އަހަރު ޕެރިސްގައި ބޭއްވި ކޮޕް21 އެއްބަސްވުމުގައި ގައުމުތަކުން އެއްބަސްވެފައިވަނީ ދުނިޔޭގެ ހޫނުމިން 2 ޑިގްރީއަށްވުރެ ދަށުގައި ބެހެއްޓުމަށެވެ. 1.5 ޑިގްރީގައި ހިފެހެއްޓުމަށެވެ. ކޮޕް21 ގައި ގައުމުތަކުން އެއްބަސްވި ޕެރިސް އެގްރިމެންޓަކީ މިހާތަނަށް މޫސުމީ ބަދަލުތަކާއި ގުޅިގެން ދުނިޔެއިން އެއްބަސްވި އެންމެ މުހިންމު އެއް އެއްބަސްވުމެވެ. އެ އެއްބަސްވުމުގައި ހުރި ލަނޑުދަނޑިތައް ހާސިލުކުރުމަށް ގައުމުތަކުން ގެންގުޅޭނެ ސިޔާސަތުތަކާއި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ގެންގުޅޭ ސިޔާސަތުތައް ހުށަހަޅުމަށް ގައުމުތަކަށް ދީފައިވާ މުހުލަތު ހަމަވަނީ މިއަހަރު ގްލާސްގޯ ގައި ކުރިޔަށްގެންދިޔަ ކޮޕް26 ބައްދަލުވުމުގައެވެ.

އެހެންކަމުން ކޮޕް26 ބައްދަލުވުމަކީ ޕެރިސް އެގްރިމެންޓުގައި ހުރިކަންތައް ދަމަހައްޓާ ދުނިޔެ ސަލާމަތްކުރުމަށް ލިބިގެންދިޔަ ފަހު ފުރުސަތުގެ ގޮތުގައި ވަނީ ބެލެވިފައެވެ. ކޮޕް26 ގައި ހިނގި އެންމެ މުހިންމު ކަމަކީ ޖައްވު ހޫނުކުރާ ވިހަ ގޭސް އެންމެ ގިނައިން ބޭރުވާ ހަކަތަ އުފެއްދުމަށް ބޯޓުދެލި އެންދުން ހުއްޓުމަކަށް ގެނައުމަށް ކުރި މަސައްކަތެވެ. އެކަން ހުއްޓުމަކަށް ގެނައުމަށް ކުރި މަސައްކަތް ފަހު ވަގުތު ކުރިމަތިވި ޕްރެޝަރތަކާއި ހެދި ބަދަލުކޮށްފައިވަނީ ބޯޓުދެލި އެންދުން މަދުކުރުމަށެވެ.

އަނެއްކޮޅުން ޖައްވަށް އެންމެ ގިނައިން ވިހަ ގޭސް ދޫކުރާ ގައުމުތަކުން ތަރައްޤީވަމުން އަންނަ ގައުމުތަކަށް އެކަމުގެ ބަދަލެއްގެ ގޮތުން ފައިނޭންޝަލް އެހީވުމަށް ތަކުރާރުކޮށް ކުރިމަތިކުރިވި ޕްރެޝަރތައްވެސް ވަނީ ވަކިކޮޅެއްގައި ނުޖެހިއެވެ. ތަރައްޤީވަމުން އަންނަ ގައުމުތަކަށް ފައިނޭންޝަލް ފެސިލިޓީ ގާއިމުކޮށްދިނުމުގެ ބައި އެއްބަސްވުމުން އުނިވުމާއެކު އެގައުމުތަކުން ފައިސާ އާ ގުޅުންހުރި އައު ވާހަކަތަކެއް ދެއްކުމަށް އެއްބަސްވެފައިވަނީ ނާއުންމީދުވެތިބެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް