ސްކޮޓްލެންޑްގެ ގްލާސްގޯގައި މިހާރު ކުރިޔަށްދާ ކޮޕް26 ކޮންފަރެންސްގައި, ގައުމުތަކުން އެއްބަސްވެފައިވާ ކަންކަމުގެ ފުރަތަމަ ޑްރާފްޓް އާންމުކޮށްފިއެވެ.
މިޑްރާފްޓުން އެންމެ ބޮޑަށް އެނގޭކަމަކީ, މިހާރު ގައުމުތަކުން ވެފައިވާ ވައުދުތަކަކީ ދުނިޔެ ހޫނުވުން ކުޑަކޮށްދޭނެ ވައުދުތަކެއް ނޫންކަމެވެ. ދުނިޔެ ހޫނުކުރާ ވިހަ ގޭސް ޖައްވަށް ދޫކުރާ މިންވަރު 2030 އަންނަންވާއިރަށް މަދުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވެވޭވަރުގެ ނިންމުންތަކެއް ނިންމާފައިނުވާކަން މިޑްރާފްޓްގައި ވަނީ ފާހަގަކޮށްފައެވެ.
ނޮވެމްބަރ މަހުގެ 12 ވަނަ ދުވަހު ކޮންފަރެންސް ނިމުމަކަށް އަންނައިރު ބޮޑު ބަދަލުތަކެއް ގެނުވާނެ އެއްބަސްވުމަކަށް ގައުމުތަކުން އައުމަކީ މުހިންމުކަމެކެވެ. ވަކިން ޚާއްސަކޮށް ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީގައި ހިފެހެއްޓުމަށް ވެފައިވާ ވައުދާ އެއްގޮތަށް، ގައުމުތަކުން ލަނޑުދަނޑިތައް ކަނޑައެމަކީ މުހިންމުކަމެކެވެ.
ކޮންފަރެންސް ކުރިޔަށްދަނިކޮށް ކްލައިމެޓް އެކްޝަން ޓްރެކަރ ރިސަރޗް ގްރޫޕުން ހާމަކޮށްފައިވާ ދިރާސާއަކުން ހާމަވެފައިވަނީ، މިހާރު ހުރިހާ ގައުމުތަކުން ވައުދުވެފައިވާގޮތަށް 2030 ވަނަ އަހަރު އަންނަ އިރަށް ވިހަގޭސް ދޫކުރާ މިންވަރު މަދުކުރިނަމަވެސް، 2100 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔޭގެ ހޫނުމިން 2.4 ޑިގްރީއަށް އަރާނެކަމެވެ.
ޑްރާފްޓާ ގުޅޭގޮތުން ގްރީން ޕީސްއިން ބުނެފައިވަނީ، ގައުމުތަކުން ލަނޑުދަނޑި ހާސިލުކުރުމަށް ބުނެފައިވާ ވާހަކަތަކަކީ އެންމެ އެކަށީގެންވާ ކަމުގެ ސީރިއަސްކަން ފެންނަ ވާހަކަތަކެއް ނޫންކަމަށެވެ.
އެންމެފަހު ސްޓޭޓްމަންޓާ ހިސާބަށް އަންނަން ކައިރިވެފައިވާއިރު (ބުދަ ދުވަހު) ގައުމުތަކުން ވަނީ، ދުއްވާތަކެތިން ބޭރުވާ ފޮސިލްފިޔުލް އެއްކޮށް ހުއްޓާލުމުގެ ވައުދެއްވެފައެވެ. ބައެއް ގައުމުތަކާއި ކުންފުނިތަކުން ވަނީ މި ވައުދުވެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
އަނެއްކޮޅުން މިފަހަރުގެ ކޮންފަރެންސްގައި ދެން އެންމެ ބާރަށް ދެކެވޭ ވާހަކައަކީ، ފަގީރު ގައުމުތަކަށް މުއްސަނދި ގައުމުތަކުން ދޭންޖެހޭ އެހީއެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށާއި، ޖައްވު ހޫނުކުރާ ވިހަ ގޭސް މަދުކުރުމަށް އެހީތެރިވުމަށް ފަގީރު ގައުމުތަކަށް މުއްސަނދި ގައުމުތަކުންދޭ އެހީތެރިކަން އިތުރުކުރުމަށް ވަރަށް ބޮޑަށް ވަނީ ކޮންފަރެންސްގެ ތެރެއިން ބާރު އަޅާފައެވެ.
އެހެންނަމަވެސް މިކަމުގައި އައު ޕްލޭނެއް ނެތްކަމަށާއި، މުއްސަނދި ގައުމުތަކުގެ ފަރާތުން ސާފު އިބާރާތުން މިވައުދު ފުރިހަމަކޮށްދޭނެކަން ޔަގީންކުރަން ބޭނުންވާކަމަށް މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތަކުން ވަނީ ބުނެފައެވެ.