ކ. މާލެ
|
10 ނޮވެންބަރ 2021 | ބުދަ 18:03
ބަންގްލަދޭޝް އާއި ސީޝެލްސް ބައްދަލުކުރި މެޗުގެ ތެރެއިން
ބަންގްލަދޭޝް އާއި ސީޝެލްސް ބައްދަލުކުރި މެޗުގެ ތެރެއިން
ބަންގްލަދޭޝް ފުޓްބޯޅަ ފެޑަރޭޝަން
ފޯ ނޭޝަންސް ކަޕް
ބަންގްލަދޭޝް އާއި ސީޝެލްސްގެ ކުރިމަތިލުން އެއްވަރު
 
ބަންގްލަދޭޝް އާއި ސީޝެލްސް އެއްވަރުވީ 1-1 ގެ ނަތީޖާއަކުން
 
ދެވަނަ މެޗުގައި ހޮނިހިރު ދުވަހު ރާއްޖެ ވާދަކުރާނީ ބަންގްލަދޭޝްއާ

ސްރީ ލަންކާގައި ކުރިއަށްދާ "މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް)" ގައި ބުދަ ދުވަހު ބަންގްލަދޭޝް އާއި ސީޝެލްސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މި މެޗަކީ މީގެ ކުރިން މިދިޔަ ހޯމަ ދުވަހުގެ ހަވީރު ކުޅެން ހަމަޖެއްސި މެޗެކެވެ. އެކަމަކު މެޗު ފަސްކުރަން ޖެހުނީ ލަންކާގެ މޫސުން ގޯސްވުމާ ގުޅިގެންނެވެ. އެއާއެކު ބަންގްލަދޭޝް އާއި ސީޝެލްސް ބައްދަލުކުރި މެޗު ބުދަ ދުވަހުގެ ހަވީރު ކުޅުނުއިރު، މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ކޮލޮމްބޯގެ ރޭސްކޯސް ސްޓޭޑިއަމުގައި ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ލަންކާއިން ލީޑު ނަގާފައިވަނީ މެޗުގެ 16 ވަނަ މިނެޓުގައެވެ. އޭރީއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުން މި ލަނޑު ބަންގްލަދޭޝްއަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ މިޑްފީލްޑަރު މުޙައްމަދު އިބްރާހީމެވެ.

އޭގެ ފަހުން ދެ ޓީމަށްވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައިރު، ސީޝެލްސްއިން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު ސީޝެލްސްއަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ބްރެންޑަން ލެބްރޮސްއެވެ.

ފޯ ނޭޝަންސް ކަޕް ބުދަ ދުވަހު ބަންގްލަދޭޝް އާއި ސީޝެލްސް ބައްދަލުކުރި މެޗު އެއްވަރުވިއިރު، މި މުބާރާތުގެ ފުރަތަމަ މެޗުގައި ލަންކާ އާއި ރާއްޖެ ބައްދަލުކުރި މެޗުވެސް ވަނީ އެއްވަރުވެފައެވެ. އެ މެޗުގައި ރާއްޖޭން ހަތަރު ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، ލަންކާއިން ވަނީ ފަހަތުން އަރައި ރާއްޖެއާ އެއްވަރުކޮށްފައެވެ.

މި މުބާރާތުގައި ރާއްޖޭން ކުޅޭ ދެވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ހަވީރު ނުކުންނާނީ ބަންގްލަދޭޝާ ދެކޮޅަށެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި އަންނަ ހަފުތާގެ އަންގާރަ ދުވަހު ސީޝެލްސްއާ ކުޅޭނެއެވެ. ލީގު ބުރުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމު މުބާރާތުގެ ފައިނަލަށް ދާއިރު، ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހެވެ. އެ މެޗުގެ ޚާއްސަ މެހެމާނަކީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް