Advertisement
ހދ. ކުޅުދުއްފުށި ސިޓީ
|
10 ނޮވެންބަރ 2021 | ބުދަ 09:38
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ހަދާ ވޯޑް އިމާރާތް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ހަދާ ވޯޑް އިމާރާތް
އެމްޓީސީސީ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ވޯޑް އިމާރާތް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޖާގަ އިތުރުކުރުމަށް ހަދާ އިމާރާތް އަންނަ މަހު ހުޅުވަނީ
މި އިމާރާތް ނިމޭއިރު 6 އެނދުގެ ފުލްފުލޭޖް އައިސީޔޫއެއް ހުންނާނެ
މި އިމާރާތުގެ ފުރަތަމަ ދެ ފަންގިފިލާގައި ހުންނާނީ 30 އެނދު، އެއީ ކޮންމެ ފަންގިފިލައެއްގައި 15 އެނދު
އަންނަ މަހުގެ މެދުތެރޭގައި އިމާރާތް ބޭނުންކުރަން ފެށޭނެކަމަށް ލަފާކުރެވޭ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޖާގަ އިތުރުކުރުމަށް ހަދާ އާ އިމާރާތުގެ މަސައްކަތް ނިންމައި، އަންނަމަހު ބޭނުންކުރަން ފެށޭވަރުވާނެކަމަށް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ މާލޭން އުތުރުގައި ހުރި، އެންމެ ގިނަ މީހުން ޚިދުމަތް ހޯދަމުންދާ ހޮސްޕިޓަލެވެ. ހދ. އަތޮޅުގެ އިތުރުން މާލޭން އުތުރުގެ ގިނަ ރަށްރަށުގެ މީހުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޚިދުމަތް ހޯދުމަށް ޒިޔާރަތްކުރެއެވެ. އެ ހޮސްޕިޓަލްގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ފުރަތަމަ 9 މަސްދުވަހު ވެސް 8 ހާހަށްވުރެ ގިނަމީހުން ވަނީ އޯޕީޑީއަށް ދައްކާފައެވެ. ރާއްޖެއަށް ދިމާވި ކޮވިޑް-19ގެ ހާލަތުގެ ސަބަބުން މާލެއަށް ދަތުރު ކުރަން ދަތިތަކާ ކުރުމަތިވުމުން، ރާއްޖޭގެ އެކި ހިސާބުތަކުން ވަރަށް ގިނަ ބަޔަކު ވަނީ ފާއިތުވި 2020 ވަނަ އަހަރު އެހޮސްޕިޓަލުން ޚިދުމަތް ހޯދާފައެވެ.

Advertisement

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މިވަގުތު އެޑްމިޓްކޮށްގެން ފަރުވާދެވޭ ކެޕޭސިޓީއަކީ 36 އެނދެވެ. ހޮސްޕިޓަލްގެ ޑެޕިއުޓީ ސީއީއޯ އަޙުމަދު ދާޢޫދު ވިދާޅުވީ އެވްރެޖްކޮށް ދުވާލަކު 350-400 މީހުން އާއްމު ޚިދުމަތްތަކަށް ޑޮކްޓަރަށް ދައްކާކަމަށާއި، އެޑްމިޓްކޮށްގެން ފަރުވާދެވޭ އެނދު ހުރި އަދަދަށްވުރެ އިތުރަށް ވެސް އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ ޙާލަތު ކުރިމަތިވެފައިވާކަމަށެވެ.

ހޮސްޕިޓަލަށް ޖާގަ އިތުރުކުރުމަށް އާ އިމާރާތެއް އެޅުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށް، އެކަމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2020 ވަނަ އަހަރުގެ މޭ މަހުއެވެ. މި މަޝްރޫޢުގެ 80 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ. އާ އިމާރާތުގައި 36 އެނދުގެ ކެޕޭސިޓީ ހުންނައިރު އަލަށް ހަދާ އިމާރާތާއެކު މިހާރު ހޮސްޕިޓަލްގެ ބެޑް ކެޕޭސިޓީ ދެ ގުނައަށް އިތުރުވާނެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ހަދާ ވޯޑް އިމާރާތް - ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް

ޑެޕިއުޓީ ސީއީއޯ އަޙްމަދު ދާޢޫދު ވިދާޅުވީ މިޕްރޮޖެކްޓްގެ މަސައްކަތް ލަސްވެގެންދިޔައީ، މަޝްރޫޢުގެ ޑިޒައިނަށް ބައެއް ބަދަލުތައް ގެނައުމާ ގުޅިގެންކަމަށެވެ. އެގޮތުން ކުރިން ޕްލޭންކުރީ 2 ފަންގިފިލާއަށް އިމާރާތްކުރުމަށް ކަމަށާއި، ނަމަވެސް އެނދު އިތުރުކޮށް ޚިދުމަތް ދިނުމަށް ލުއިފަސޭހަކުރުމަށް އިތުރު ފަންގިފިލާއެއް އިތުރުކުރުމަށް ނިންމީ ކަމަށެވެ. އެގޮތުން މިހާރު ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ވަރަށްބޮޑު ލުޔެއް މި އިމާރާތުގެ ސަބަބުން ލިބިގެންދާނެކަމަށް އަހުމަދު ދާއޫދު ވިދާޅުވިއެވެ. އާ އިމާރާތުގެ މަސައްކަތް ނިމި ޑިސެމްބަރު މަހުގެ މެދުތެރޭގައި ބޭނުންކުރަން ފެށޭނެކަމަށް ލަފާކުރެވޭކަމަށް އަހުމަދު ދާއޫދު ވިދާޅުވިއެވެ. އަދި އާ އިމާރާތް ހަދަނީ 3 ބުރިއަށްކަމަށާއި، އެތަނުގައި 36 އެނދު ހުންނާނެ ކަމަށެވެ. އެއީ ފުރަތަމަ ފަންގިފިލާގައި 15 އެނދު، 2 ވަނަ ފަންގިފިލާގައި 15 އެނދު އަދި 3 ވަނަ ފަންގިފިލާގައި ފުލް ފްލެޖް 6 އެނދުގެ އައިސީޔޫއެއް ހިމެނޭކަމަށް ޑެޕިއުޓީ ސީއީއޯ ވިދާޅުވިއެވެ.

އާ އިމާރާތަށް ބޭނުންވާ ވަސީލަތްތައް މިހާރު ލިބިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ވަސީލަތްތައް ރޭވުމުގެ މަސައްކަތްތައް ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ގިނަ އަދަދެއްގެ ބަޔަކު ޚިދުމަތް ހޯދަމުންދާ ހޮސްޕިޓަލަކަށްވާއިރު، މި އިމާރާތުގެ ސަބަބުން ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް ހޮސްޕިޓަލުން ބުނެއެވެ. އަދި މިއީ ޚިދުމަތް ހޯދާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމެކެވެ.

ރާއްޖޭގެ ރަށްރަށުގައި ދެމުންދާ ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރަމުން އަންނަ އެއް މަސައްކަތެކެވެ. އެގޮތުން ރާއްޖޭގެ 5 ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ތަރައްޤީކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާއިރު، އޭގެތެރެއިން އެއް ހޮސްޕިޓަލް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސިޓީގައެވެ. މިއީ ކުޅުދުއްފުއްޓާއި މިސަރަހައްދުގެ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ޕްރޮޖެކްޓެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް