ކ. މާލެ
|
10 ނޮވެންބަރ 2021 | ބުދަ 14:22
ރާއްޖެ އާއި ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން
ރާއްޖެ އާއި ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން
ފުޓްބޯލް ސްރީ ލަންކާ
ފޯ ނޭޝަންސް ކަޕް
ލަންކާއިން ފަހަތުން އަރައި ރާއްޖެ ކޮޅަށް ހަތަރު ލަނޑު - ގަބޫލުކުރަން ދަތި ނަތީޖާއެއް!
 
މިއީ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗު
 
ލަންކާއިން ހަތަރު ލަނޑު ޖެހީ މެޗު ނިމެން 26 މިނެޓަށް ވެފައި ވަނިކޮށް

ސްރީ ލަންކާގައި އަންގާރަ ދުވަހު ފެށި "މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް)" ގައި ކުޅުނު ފުރަތަމަ މެޗުގައި ލަންކާއިން ވަނީ ފަހަތުން އަރައި ރާއްޖެއާ 4-4 ގެ ނަތީޖާއަކުން އެއްވަރުކޮށްފައެވެ.

ކޮލޮމްބޯގެ ރޭސްކޯސް ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ރާއްޖެ ވަނީ ފުރަތަމަ ހާފުގައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. އަދި ދެވަނަ ހާފު ފަށައިގެން 13 ވަނަ މިނެޓުގައި ހަތަރުވަނަ ލަނޑެއްވެސް ޖެއްސެވެ. އެގޮތުން މި މެޗުގައި ރާއްޖޭގެ ލަނޑުތައް ޖަހައިދިނީ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) އާއި، އަލީ ފާސިރު (ސެންޓޭ) އާއި، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އަދި އިތުބާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

އެކަމަކު އޭގެ ފަހުން ލަންކާއިން ކުޅުން ރަނގަޅުކުރިއިރު، އެ ޓީމުގެ ވަސީމް ރަޒީކް ވަނީ އަށް މިނެޓު ތެރޭގައި ހެޓްރިކެއް ހަދައި، ލަންކާއަށް ފަރަގު ކުޑަކޮށްދީފައެވެ. އަދި މި މެޗުން ލަންކާ ސަލާމަތްވީ މެޗުގެ އިތުރު ވަގުތުގައި ރަޒީކް ކާމިޔާބުކުރި ލަނޑުންނެވެ. މި މެޗުގައި ރަޒީކް ޖުމްލަ ހަތަރު ލަނޑު ޖެހިއިރު، އޭނާއަކީ މީގެ ކުރިން ޖަރުމަނުގެ ދަށް ޑިިވިޝަނުގެ ޓީމުތަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.

މެޗު ނިމެން 26 މިނެޓަށް ވެފައި ވަނިކޮށް ލަންކާއިން ފަހަތުން އަރައި ރާއްޖެ ކޮޅަށް ހަތަރު ލަނޑު ޖެހިއިރު، މި ނަތީޖާ ވެފައިވަނީ ގިނަ ބަޔަކަށް ގަބޫލުކުރަން އުނދަގޫ ނަތީޖާއަކަށެވެ. ސަބަބަކީ މީގެ ކުރިން ބައިނަލްއަގުވާމީ މެޗެއްގައި މިހާ ބޮޑު ލީޑެއް ނަގާފައިވަނިކޮށް، އެއްވެސް ޓީމަކުން ރާއްޖެއާ އެއްވަރުކޮށްފައި ނެތުމުންނެވެ.

ރާއްޖެ އާއި ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން - ފުޓްބޯލް ސްރީ ލަންކާ

މި މެޗުން ރާއްޖެ އެއްވަރުވިއިރު، މިއީ ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމާ ދާދި ފަހުން ހަވާލުވި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޮރިއޭރޯ ބުނީ މި މެޗުގެ ފުރަތަމަ 60 މިނެޓު ތެރޭ ރާއްޖެ ޓީމުގެ ފަރާތުން ފެނުނީ އޭނާ ބޭނުންވި ފުޓްބޯޅަ ކަމަށެވެ. އެކަމަކު އޭގެ ފަހުން ހިނގާދިޔަ ކަންތައްތަކީ އެއްވެސް މީހަކު ބޭނުންވާނެ ގޮތެއް ނޫން ކަމަށާއި، އެގޮތުން މި މެޗުގައި ފެނިގެންދިޔައީ ކުޅުންތެރިންގެ ފިޓްނަސްގެ މައްސަލަ ކަމަށްވެސް ވަނީ ބުނެފައެވެ.

މި މެޗުގައި ރާއްޖެ ކޮޅަށް ހަތަރު ލަނޑު ވަންއިރު، މި މެޗުގައި ރާއްޖޭގެ ގޯލު ބަލަހައްޓާފައިވަނީ ޒުވާން ކީޕަރު ނާޖިހު އަލީ (ނާޖީ) އެވެ. މިއީ ނާޖީ ސީނިއާ ގައުމީ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ. މި މުބާރާތުގައި އަނިޔާގެ ސަބަބުން ރާއްޖޭގެ އެއް ނަންބަރު ގޯލްކީޕަރު މުހައްމަދު ފައިސަލް ނުކުޅެއެވެ.

އަންގާރަ ދުވަހު ކުޅުނު މެޗުން ރާއްޖެ އެއްވަރުވިއިރު، މިދިޔަ މަހު ރާއްޖޭގައި ކުޅުނު "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ރާއްޖޭން ވަނީ 1-0 ގެ ނަތީޖާއަކުން ލަންކާ ބަލިކޮށްފައެވެ. އޭގެ ކުރިން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ލަންކާ އާއި ރާއްޖެ ބައްދަލުކުރިއިރު، އެ މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. އަދި މީގެ ކުރިން 2013 ވަނަ އަހަރު ރާއްޖޭން ވަނީ ލަންކާ އަތުން 10-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ.

ފޯ ނޭޝަންސް ކަޕުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ އެއްވަރުވިއިރު، މި މުބާރާތުގެ ފައިނަލަށް ދާނީ ލީގު ބުރުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެވެ. މުބާރާތުގައި ރާއްޖޭން ކުޅޭ ދެވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ހަވީރު ނުކުންނާނީ ބަންގްލަދޭޝާ ދެކޮޅަށެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި އަންނަ ހަފުތާގެ އަންގާރަ ދުވަހު ސީޝެލްސްއާ ކުޅޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް