ކ. މާލެ
|
9 ނޮވެންބަރ 2021 | އަންގާރަ 17:38
ރާއްޖެ އާއި ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން
ރާއްޖެ އާއި ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ފޯ ނޭޝަންސް ކަޕް
ފަހަތުން އަރައި ލަންކާއިން ރާއްޖެއާ އެއްވަރުކޮށްފި
 
ރާއްޖެ އާއި ލަންކާ އެއްވަރުވީ 4-4 ގެ ނަތީޖާއަކުން
 
ދެވަނަ މެޗުގައި ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށް

ސްރީ ލަންކާގައި އަންގާރަ ދުވަހު ފެށި "މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް)" ގައި ކުޅުނު ފުރަތަމަ މެޗުގައި ލަންކާއިން ފަހަތުން އަރައި ރާއްޖެއާ އެއްވަރުކޮށްފިއެވެ.

ކޮލޮމްބޯގެ ރޭސްކޯސް ސްޓޭޑިއަމުގައި ކުޅުނު މި މެޗު އެއްވަރުވީ 4-4 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން އަށްވަނަ މިނެޓުގައި އިތުބާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ނަގައިދިން ހުރަހަކުން ރާއްޖެއަށް ލީޑު ނަގައިދިނީ ކެޕްޓަން އަކުރަމް އަބްދުލް ޣަނީއެވެ. އަދި އޭގެ މިނެޓެއް ފަހުން ހުސެއިން ސިފާއު ޔޫސުފް (ކުރޯ) ދިން ޕާހަކުން އަލީ ފާސިރު (ސެންޓޭ) ވަނީ ލަނޑެއް ޖަހައި، ރާއްޖޭގެ ލީޑު ފުޅާކޮށްފައެވެ.

މި މެޗުގައި ރާއްޖޭން ތިންވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ 34 ވަނަ މިނެޓުގައެވެ. ދަގަނޑޭ ދިން ހިތްގައިމު ޕާހަކުން މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ. އަދި މި މެޗުގައި ރާއްޖޭން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ފެނިގެންގޮސްފައިވަނީ ދެވަނަ ހާފު ފަށައިގެން 13 ވަނަ މިނެޓުގައެވެ. ފޭދޫ އިއްބެ ދިން ޕާހަކުން މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ދަގަނޑޭއެވެ.

އެކަމަކު އޭގެ ފަހުން ލަންކާއިން ކުޅުން ރަނގަޅުކުރިއިރު، އެ ޓީމުގެ އަޙްމަދު ރަޒީކް ވަސީމް ވަނީ ގާތްގާތުގައި ތިން ލަނޑު ޖަހައި، އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ކޯނަރަކުން ރަޒީކް ވަސީމް ވަނީ ލަނޑެއް ޖަހައި، ފަހު ވަގުތު ލަންކާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި މެޗުގައި ލަންކާއިން ފަހަތުން އަރައި ރާއްޖެއާ އެއްވަރުކުރިއިރު، މެޗުގެ ދެވަނަ ހާފުގައި ރާއްޖޭގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ.

މި މެޗުން ރާއްޖެ އެއްވަރުވިއިރު، މިއީ ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމާ ދާދި ފަހުން ހަވާލުވި އިޓަލީގެ ފްރެންސެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ.

ރާއްޖެ އާއި ލަންކާ ބައްދަލުކުރި މެޗުން ފޯ ނޭޝަންސް ކަޕުގެ ކުޅުން އަންގާރަ ދުވަހު ފެށިއިރު، މީގެ ކުރިން މި މުބާރާތް ފަށަން ތާވަލުކޮށްފައި އޮތީ ހޯމަ ދުވަހަށެވެ. އެކަމަކު ލަންކާގެ މޫސުން ގޯސްވުމާއެކު ހޯމަ ދުވަހު ކުޅެން އޮތް ދެ މެޗުވެސް އަންގާރަ ދުވަހަށް ފަސްކުރަން ޖެހުނީއެވެ. މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޝަރަފުވެރިކޮށްދެއްވިއިރު، މި މަހުގެ 19 ވަނަ ދުވަހު ކުޅޭ މި މުބާރާތުގެ ފައިނަލް މެޗުގެ ޚާއްސަ މެހެމާނަކީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއެވެ.

ފޯ ނޭޝަންސް ކަޕުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ އެއްވަރުވިއިރު، މި މުބާރާތުގެ ފައިނަލަށް ދާނީ ލީގު ބުރުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެވެ. މުބާރާތުގައި ރާއްޖޭން ކުޅޭ ދެވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު ރާއްޖެ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި ސީޝެލްސްއާ ކުޅޭނީ މި މަހުގެ 14 ވަނަ ދުވަހެވެ. އެކަމަކު މުބާރާތް ފެށުން ލަސްވުމާއެކު މި ޝެޑިއުލަށް ބަދަލުތަކެއް އައު އެކަށީގެންވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް