އިރުމަތީ ޔޫރަޕްގައި އަނެއްކާވެސް ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުން އަންނައިރު މުޅި ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 250 މިލިއަނަށް އަރައިފިއެވެ.
ޑެލްޓާ ވޭރިއަންޓްގެ ސަބަބުން ގައުމުތަކުގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދިޔުމަށްފަހު މިހާރު ވަނީ ހާލަތު ރަނގަޅުވެފައެވެ. އަދި ގިނަ ގައުމުތަކެއްގެ ވިޔަފާރިތަކާއި ޓޫރިޒަމް ވަނީ އަލުން ހުޅުވާފައެވެ.
ފާއިތުވި ތިން މަސްދުވަހު ދުވާލަކު ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 36 އިންސައްތަ ދަށަށް ގޮސްފައެވެ. އެހެންނަމަވެސް ކޮންމެ 90 ދުވަހަކުން މުޅި ދުނިޔެއިން 50 މިލިއަން މީހުންނަށް އަންނަނީ ކޮވިޑް ޖެހެމުންނެވެ.
މުޅި ދުނިޔެއިން 50 މިލިއަން މީހުންނަށް މި ބަލި ޖެހެން ނަގާފައިވަނީ އަހަރު ދުވަހެވެ. ނަމަވެސް ޑެލްޓާ ވޭރިއަންޓާއެކު ކޮވިޑް ފެތުރޭ މިންވަރު ވަނީ ހަލުވިވެފައެވެ.
ވެކްސިންގެ ސަބަބުން ކޮވިޑް-19 ކޮންޓްރޯލްކުރެވިފައި ވީނަމަވެސް ކުރިޔަށް އޮތް ފިނި މޫސުމާއި ޗުއްޓީ ދުވަސްވަރާ ދިމާކޮށް އަނެއްކާވެސް ކޭސްތައް އިތުރުވާނެކަމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި މިހާރުވެސް ޔޫރަޕްގެ ބައެއް ގައުމުތަކުގައި ކޮވިޑްގެ ނަންބަރުތައް އަންނަނީ ކުރިން ހުރި މިންވަރަށް ނުވަތަ އެއަށްވުރެ މައްޗަށް ދަމުންނެވެ.
240 ގައުމުގެ ތެރެއިން 55 ގައުމެއްގައި މިހާރުވެސް ކޭސްތައް އަންނަނީ އިތުރުވަމުންނެވެ. ރަޝިޔާ، ޔޫކްރެެއިން އަދި ގްރީސްގައި އަންނަނީ ރިކޯޑް މިންވަރަކަށް ކޭސްތައް އިތުރުވަމުންނެވެ.
އިރުމަތީ ޔޫރަޕްގެ ގައުމުތަކަކީ އާބާދީގެ ނިސްބަތުން އެންމެ މަދުން މީހުން ވެކްސިން ޖަހާފައި ތިބި ގައުމުތަކެވެ. މުޅި ދުނިޔެއިން ފެނިފައިވާ ކޮވިޑް ކޭސްތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ކޭސް ހިއްސާކުރަނީ ޔޫރަޕްގެ ގައުމުތަކުންނެވެ.