ކ. މާލެ
|
8 ނޮވެންބަރ 2021 | ހޯމަ 17:44
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން
އިމޭޖަސް.އެމްވީ
ފޯ ނޭޝަންސް ކަޕް
ރާއްޖެ އާއި ލަންކާ ބައްދަލުކުރަން އޮތް މެޗު ފަސްކޮށްފި
 
މެޗު ފަސްކުރަން ނިންމީ މޫސުން ގޯސްވުމާ ގުޅިގެން
 
މި މެޗު ވަނީ އަންގާރަ ދުވަހު ކުޅުމަށް ތާވަލުކޮށްފައި

ސްރީލަންކާގައި ހޯމަ ދުވަހު ފަށަން ހަމަޖެހިފައި އޮތް "މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް)" ގައި ރާއްޖެ އާއި ލަންކާ ބައްދަލުކުރަން އޮތް މެޗު ފަސްކޮށްފިއެވެ.

މި މެޗު ފަސްކުރަން ލަންކާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނިންމީ މޫސުން ގޯސްވުމާ ގުޅިގެންނެވެ. އެއާއެކު މި މެޗު މިހާރު ވަނީ އަންގާރަ ދުވަހު ކުޅުމަށް ތާވަލުކޮށްފައެވެ. މޫސުން ގޯސްވުމާ ގުޅިގެން ރާއްޖެ އާއި ލަންކާ ބައްދަލުކުރަން އޮތް މެޗު ފަސްކުރިއިރު، މި މުބާރާތުގައި ކުޅެން ހަމަޖެހިފައި އޮތް ފުރަތަމަ މެޗުވެސް ވަނީ މޫސުން ގޯސްވުމާ ގުޅިގެން ފަސްކޮށްފައެވެ. އެ މެޗުގައި ބައްދަލުކުރަން އޮތީ ބަންގްލަދޭޝް އާއި ސީޝެލްސްއެވެ. އެކަމަކު މިހާރު އެ މެޗުވެސް ވަނީ އަންގާރަ ދުވަހަށް ފަސްކޮށްފައެވެ.

ލަންކާގައި ބާއްވާ ފޯ ނޭޝަންސް ކަޕުގައި ހަތަރު ގައުމު ވާދަކުރާއިރު، އެ ގައުމުތަކަކީ ރާއްޖެ އާއި ލަންކާގެ އިތުރުން ބަންގްލަދޭޝް އާއި ސީޝެލްސްއެވެ. މި މުބާރާތް ފެށުން ފަސްކުރުމާއެކު، މިހާރު ތާވަލުކޮށްފައިވާ ގޮތުން މުބާރާތް ކުރިއަށްދާނީ އަންގާރަ ދުވަހުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ.

މީގެ ކުރިން މި މުބާރާތުގެ ފައިނަލް މެޗު މި މަހުގެ 17 ވަނަ ދުވަހު ކުޅެން ހަމަޖެހިފައި އޮތް ނަމަވެސް، ފައިނަލް މެޗުގެ ޚާއްސަ މެހެމާނެއްގެ ގޮތުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބައިވެރިވެވަޑައިގަންނަވާތީ، ފައިނަލް މެޗުވެސް ވަނީ 19 ވަނަ ދުވަހަށް ފަސްކޮށްފައެވެ.

ފޯ ނޭޝަންސް ކަޕް ފެށުން އަންގާރަ ދުވަހަށް ފަސްވިއިރު، އެ މުބާރާތް ޝަރަފުވެރިކޮށް ދެއްވުމަށް ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ލަންކާއަށް ފުރާވަޑައިގެންފައެވެ. ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުން ރައީސް ލަންކާއަށް ފުރާވަޑައިގެންނެވީ ފޯ ނޭޝަންސް ކަޕް ފެށުމަށް ބާއްވާ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށް އެ ގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ދެއްވި ދައުވަތަކަށެވެ.

ލަންކާގައި ބާއްވާ ފޯ ނޭޝަންސް ކަޕަކީ ރާއްޖޭގެ ގައުމީ ޓީމާ ދާދި ފަހުން ހަވާލުވި އިޓަލީގެ ފްރެންސެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން ކުޅޭނެ ފުރަތަމަ މުބާރާތެވެ. މި ފަހަރުގެ މުބާރާތުގައި ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި އަންގާރަ ދުވަހު ލަންކާއާ ދެކޮޅަށް ނުކުންނައިރު، ދެވަނަ މެޗުގައި އަދި އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި ސީޝެލްސްއާ ކުޅޭނީ މި މަހުގެ 14 ވަނަ ދުވަހެވެ. އެކަމަކު މުބާރާތް ފެށުން ލަސްވުމާއެކު މި ޝެޑިއުލަށް ބަދަލުތަކެއް އައު އެކަށީގެންވެއެވެ.

ލަންކާގައި ބާއްވާ މުބާރާތުގައި މި ފަހަރު ރާއްޖެ ވާދަކުރާއިރު، ރާއްޖޭން ވަނީ މީގެ ކުރިން 2012 ވަނަ އަހަރު ލަންކާގައި ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. އެކަމަކު އެ ފަހަރު އެ މުބާރާތް ކުރިއަށްގެންދިޔައީ 23 އަހަރުން ދަށުގެ މުބާރާތެއްގެ ގޮތުގައެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
40%
60%
0%
0%
ކޮމެންޓް