ކ. މާލެ
|
8 ނޮވެންބަރ 2021 | ހޯމަ 03:34
ވެސްޓް ހޭމާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން
ވެސްޓް ހޭމާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ލިވަޕޫލް ބަލިކޮށް ވެސްޓް ހޭމް ތިންވަނައަށް
 
ލިވަޕޫލް އަތުން ވެސްޓް ހޭމް މޮޅުވީ 3-2 ގެ ނަތީޖާއަކުން
 
25 މެޗަށްފަހު ލިވަޕޫލް ވަނީ ފުރަތަމަ ފަހަރަށް ބަލިވެފައި
 
ވަލުގެ ތިންވަނައަށް ވެސްޓް ހޭމް ޖެހިލީ 23 ޕޮއިންޓާއެކު

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ލިވަޕޫލް ބަލިކޮށް ތާވަލުގެ ތިންވަނައަށް ވެސްޓް ހޭމް ޔުނައިޓެޑް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވެސްޓް ހޭމް މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. މިއީ މި ފަހަރު ލީގުގައި ލިވަޕޫލް ބަލިވި ފުރަތަމަ ފަހަރެވެ. އަދި މި މެޗަކީ އެންމެ ފަހުން ކުޅުނު 25 މެޗަށްފަހު އެ ޓީމު ބަލިވި ފުރަތަމަ ފަހަރުވެސް މެއެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު ވެސްޓް ހޭމުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި ފެނިގެންދިޔަ މި ލަނޑަކީ ވެސްޓް ހޭމުގެ ޕަބްލޯ ފޯނާލްސް ނެގި ކޯނަރެއްގައި ލިވަޕޫލުގެ ގޯލްކީޕަރު އެލިސަން ބެކާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެ ލަނޑު ވަނުމުގެ ކުރިން އެލިސަންއަށް ވެސްޓް ހޭމުގެ އެންޖެލޯ އޮގްބޯނާ ފައުލުކުރި ކަމަށް ބުނެ ލިވަޕޫލުގެ ކުޅުންތެރިން އެޕީލްކުރި ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން ވަނީ އެއީ ރަނގަޅު ލަނޑެއް ކަމަށް ނިންމާފައެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ވެސްޓް ހޭމުން ލީޑު ނެގި ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓްރެންޓް އަލެކްސަންޑަ-އާނޯލްޑެވެ.

އޭގެ ފަހުން ވެސްޓް ހޭމުން އަލުން ލީޑު ނަގާފައިވަނީ މެޗުގެ 67 ވަނަ މިނެޓުގައެވެ. ކައުންޓަ އެޓޭކެއްގައި ޖެެރޮޑް ބޮވެން ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕަބްލޯ ފޯނާލްސްއެވެ. އަދި އޭގެ ހަތް މިނެޓު ފަހުން ބޮވެން ނަގައިދިން ކޯނަރަކުން ކާޓް ޒޫމާ ވަނީ ލަނޑެއް ޖަހައި، ވެސްޓް ހޭމުގެ ލީޑު ފުޅާކޮށްދީފައެވެ.

އެއާއެކު ބަދަލުތަކެއް ގެނެސްގެން ލިވަޕޫލުން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 84 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑިވޮކް އޮރީގީއެވެ.

މި މޮޅާއެކު ތާވަލުގެ ތިންވަނައަށް ވެސްޓް ހޭމް ޖެހިލީ ކުޅުނު 11 މެޗުން ލިބުނު 23 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށްވެސް 11 މެޗުން 23 ޕޮއިންޓް ލިބިފައިވާއިރު، ސިޓީއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކު ޗެލްސީ އޮތްއިރު، ވެސްޓް ހޭމް އަތުން ބަލިވި ލިވަޕޫލް އޮތީ ތާވަލުގެ ހަތަރުވަނައިގައި 11 މެޗުން 22 ޕޮއިންޓާއެކުއެވެ.

މީގެ އިތުރުން ތާވަލުގެ ފަސްވަނައިގައި އޮތީ އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ވަޓްފޯޑް ބަލިކުރި އާސެނަލަށް އެ ޓީމަށް ވަނީ 11 މެޗުން 20 ޕޮއިންޓް ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް