އުމުރުން އެންމެ 11 އަހަރުގައި ގައުމީ ޓެނިސް މުބާރާތުގެ ތިން ޑިވިޝަނަކުން ޗެމްޕިއަންކަން ހޯދި ނަބާ ނިޝާން ވަނީ ރާއްޖޭގެ ކުޅިވަރުގެ ތާރީޚުން ހާއްސަ ޖާގައެއް ހޯދާފައެވެ. މަޖީދިއްޔާ ސްކޫލުގެ ގްރޭޑް ހަތެއްގައި ތައުލީމު ހާސިލުކުރަމުން އަންނަ ނަބާ ގައުމީ މުބާރާތް ކާމިޔާބުކުރުމާއެކު އޭނާ ވަނީ ޓެނިހުގައި މުޅިން އައު ރިކޯޑެއް ހަދާފައެވެ. އެގޮތުން އޭނާއަކީ މިހާރު ގައުމީ މުބާރާތުގެ ރަން ތަށި ކާމިޔާބުކުރި އުމުރުން އެންމެ ހަގު ކުޅުންތެރިޔާއެވެ.
އުމުރުން އެންމެ ހަތް އަހަރުގައި އަކުރަމް ކޯޗާއެކު ނަބާ ޓެނިސް ކުޅެން ފެށިއިރި، އޭރު ޓެނިސް ކުޅުނީ ފިޓްކޮށް ހުރުމުގެ ބޭނުމުގައެވެ. އެކަމަކު ޓެނިސް ކުޅެން ފެށިތާ ތިން މަސްވިއިރު، އޭނާ ވާދަކުރި ފުރަތަމަ މުބާރާތުގެ ޑަބަލްސް ކެޓަގަރީން ލިބުނު ތައްޓާއެކު ނަބާގެ ހިތް ޓެނިހުގެ ތެރެއަށް ދޫވިއެވެ.
ކިޔެވުމަށް ދޭންޖެހޭ ވަގުތާ އެއްވަރަށް ކުޅިވަރަށް ވަގުތު ދިނުމަކީ ގިނަ ކުޅުންތެރިންނަށް އުނދަގޫ ކަމެކެވެ. އެކަމަކު ނަބާ ކުޅިވަރަށާއި ކިޔެވުމަށް ވަގުތު ހޯދަނީ ދުވަހުގެ ޓައިމް ޓޭބަލެއް ފަރުމާކޮށް، އެ ޓޭބަލާ އެއްގޮތަށް މަސައްކަތް ކޮށްގެނެވެ. އެހެންވެ ވަގުތު މެނޭޖުކުރަން އެއީ ނަބާއަށް އުނދަގޫ ކަމެއް ނޫނެވެ.
ރާއްޖެޓީވީއަށް ދިން ޚާއްސަ އިންޓަވިއުގައި ނަބާ ބުނީ ޓެނިހުގައި އޭނާ ދެކެން ބޭނުންވާ ހުވަފެންތަކެއް އެބަހުރި ކަމަށާއި، އެގޮތުން ބައިނަލްއަގުވާމީ ލެވަލްގައި ކުޅުން އެއީ އޭނާގެ އަމާޒެއް ކަމަށެވެ.
ނަބާގެ އިންނާނެ ޓައިމް ޓޭބަލެއް، ކޮންމެ ދުވަހެއްގެ ވެސް މަސައްކަތްތައް ހުންނާނީ ގަޑިން ގަޑިއަށް ރާވާލައިފައި. އެހެންވެ ޓައިމް މެނޭޖުކުރުމަކީ އެހާ އުނދަގޫ ކަމެއް ނޫން.ނަބާ ނިޝާން
ގައުމީ ޗެމްޕިއަނަކާ ހިސާބަށް އާދެވުމުގައި އާއިލާގެ ބޮޑު އެއްބާރުލުމެއް
ގައުމީ ޗެމްޕިއަންކަމާ ހިސާބަށް ނަބާއަށް އާދެވުނީ ވަރަށް ގިނަ ބައެއްގެ އެއްބާރުލުމާއެކުގައެވެ. ޚާއްސަކޮށް ނަބާގެ މަންމަ އާއި ބައްޕަ އަދި މުޅި އާއިލާއިން ދެމުންގެންދާ އެއްބާރުލުން ނަބާ ފާހަގަކުރެއެވެ. މީގެ އިތުރުން ނަބާގެ ކޯޗު ފާއި އާއި، ފިޓްނަސް ކޯޗުންނާއި އަދި އެކުވެރިންގެ އެއްބާރުލުން ނަބާ ފާހަގަކުރެއެވެ.
މިހާ ހިސާބަށް އާދެވުނީ ވަރަށްގިނަ ބައެއްގެ އެހީތެރިކަމާއެކު އެގޮތުން މަންމަ އާއި ބައްޕަ އަދި މުޅި އާއިލާއިން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު. އޭގެ އިތުރުން ނަބާގެ ކޯޗު ފާއި އާއި ފިޓްނަސް ކޯޗުންގެ އެހީވެސް ލިބުނު. އަދި ގާތް އެކުވެރިންގެ އެހީތެރިކަންވެސް ލިބުނުނަބާ ނިޝާން
ޓެނިސް ކުޅުންތެރިންނަށް މިހާރު ދިމާވާ އެންމެ ބޮޑު މައްސަލައަކީ ޓެނިސް ކުޅޭ ކުޅުންތެރިންނާ އަޅާ ބަލާއިރު، މާލޭގައި ޓެނިސް ކޯޓުތައް މަދުވުންކަން ނަބާ ފާހަގަކުރެއެވެ. އެގޮތުން ޓެނިސް ކޯޓު މަދުވުން ފަރިތަކުރުމުގައިވެސް ދަތިތަކެއް ހުންނަކަމަށް ނަބާ ބުންޏެވެ. އަދި ނަބާ ބުނީ އޭނާގެ ޝެޑިއުލަށް ބަލާނަމަ ދުވާލުގަޑީގައި ނިދާލަން ވަގުތުވެސް ނުލިބޭ ކަމަށާއި، އޭގެ ސަބަބުން ބައެއް ދުވަސްތަކުގައި ވަރުބަލިވާ ކަމަށެވެ.
އަމާޒަކީ ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރުން!
ޓެނިހުގައި ނަބާ މިހާރު އެންމެ ދެކެން ބޭނުންވާ ދުވަހަކީ ބައިނަލްއަގުވާމީ މުބާރާތެއްގައި ރާއްޖެ ތަމްސީލްކުރުމެވެ. މީގެ އިތުރުން ފްލޮރިޑާގެ ޓެނިސް އެކެޑަމީއަކުން ތަމްރީންވުންވެސް އެއީ ނަބާގެ އަމާޒެކެވެ. ނަބާ ދެކޭ ގޮތުގައި ޓެނިސް ޗެމްޕިއަނަކަށް ވުމުގައި ޗެމްޕިއަނުންގެ މެންޓަލިޓީއާ ޗެމްޕިއަނުން ތަމްރީން ހަދާގޮތް އެނގެންޖެހެއެވެ.
ނަބާގެ ކެރިއަރުގައި އެންމެ ހަނދާނުން ފިލުވާލަން ދަތި ދުވަހަކީ އޭނާއަށްވުރެ ދޮށީ މޮޅެތި ގިނަ ކުޅުންތެރިންތަކެއް ބަލިކޮށް ގައުމީ ޗެމްޕިއަންކަން ހޯދި ދުވަހެވެ. އެގޮތުން މި ފަހަރުގެ ގައުމީ މުބާރާތުގައި ނަބާ ވަނީ ޖޫނިއާ އޯޕަން ސިންގަލްސްގެ އަންހެން ޗެމްޕިއަންކަމާއި، އޯޕަންގެ ޑަބަލްސް ބައިގެ ޗެމްޕިއަންކަމުގެ އިތުރުން އެންމެ ޝަރަފުވެރި އޯޕަން ސިންގްލަސް އަންހެން ބައިގެ ޗެމްޕިއަންކަންވެސް ހޯދާފައެވެ. އެއާއެކު ނަބާ ވެފައިވަނީ އެ އުމުރުގައި އެ ތިން ތަށި އުފުލާލުުމުގެ ޝަރަފު ލިބުނު ފުރަތަމަ ކުޅުންތެރިޔާއަށެވެ.
ކާމިޔާބީއަށް ވާސިލުވީ ބުރަ މަސައްކަތުން
ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަކީ އުނދަގޫ ކަމެކެވެ. ޚާއްސަކޮށް އުމުރުން ޅަ ކުޅުންތެރިންނަށެވެ. ނަބާގެ މަންމަ ދެކޭ ގޮތުގައި ނަބާގެ ކާމިޔާބީއަށް ނަބާއަށް ދެވުނީ އޭނާގެ އަމިއްލަ މަސައްކަތުންނެވެ.
ރާއްޖެޓީވީއާ ވާހަކަ ދައްކަމުން ނަބާގެ މަންމަ ޑރ. ނަޒްމާ ހަމީދު ވިދާޅުވީ، މި އަހަރު ކުރީކޮޅު ޕާކިސްތާނުގައި ބޭއްވި މުބާރާތުން ނަބާއަށް ކާމިޔާބީ ނުލިބުމުން ކޮންމެސް ވަރަކަށް އާއިލާއިން ކަންބޮޑުވި ކަމަށާއި، އެގޮތުން ޓެނިސް ކުޅުން މަދުކޮށްލަން ނަބާގެ ގާތު އެދުމުން، ނަބާ އެ މުބާރާތް ޗެލެންޖެއްގެ ގޮތުގައި، އިތުރު ކާމިޔާބީ ހޯދާނެ ކަމަށް ބުނި ކަމަށެވެ. އަދި އޭގެ ފަހުން އިތުރު ހިތްވަރެއްލައި ނަބާ ކާމިޔާބީއަށްދާން މަސައްކަތްކުރިކަން ފާހަގަކުރެވުނު ކަމަށްވެސް ނަޒްމާ ވިދާޅުވިއެވެ.
ނަބާ ގާތުގައި ބުނިން ހިނގާށޭ ކޮންމެސް ވަރަކަށް ޓެނިސް ކުޅުން މަދުކޮށްލަން. އެހެން ބުނީމަ ނަބާ ބުނީ ނޫނެކޭ، ތިމަންނަ ބޭނުމީ މީތި ޗެލެންޖެއްގެ ގޮތުގައި ނަގާފައި ކުރިއަށްދާން. އެހެންވެ ވަރަށް އުފާވޭ.ނަބާގެ މަންމަ ޑރ. ނަޒްމާ ހަމީދު
ކޮވިޑް-19 ގެ ދަތި ދުވަސްތަކަށްފަހު ނަބާއަށް މި ލިބުނު ކާމިޔާބީގެ ސިއްރަކީ ކޮވިޑުގެ ބްރޭކުގެ ތެރޭގައިވެސް ރަނގަޅަށް ޑިސިޕްލިން ހިފަހައްޓައިގެން ކުރި މަސައްކަތްތަކެވެ. އެގޮތުން ކޮވިޑުގެ ހާލަތުގައިވެސް ނަބާ ވަނީ ފިޓްނަސްއަށް ޚާއްސަ އިސްކަމެއްދީ އޭނާގެ ފިޓްނަސް ކޯޗުންކަމަށްވާ ޒާން އާއި ނާއިއާއެކު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ އިތުރުން ހަފުތާއަކު ހަ ދުވަހު ކޯޗު ފާއިއާއެކު ޓެނިސް ތަމްރީނުތައް ކުރިއަށް ގެންދިޔައެވެ.