ކ. މާލެ
|
7 ނޮވެންބަރ 2021 | އާދީއްތަ 15:03
ސާފް ޗެމްޕިއަންޝިޕުގެ މެޗެއްގެ ތެރެއިން ދިވެހި ސަޕޯޓަރުން
ސާފް ޗެމްޕިއަންޝިޕުގެ މެޗެއްގެ ތެރެއިން ދިވެހި ސަޕޯޓަރުން
އިމޭޖަސް.އެމްވީ
ފޯ ނޭޝަންސް ކަޕް
ދިވެހިންނަށް ވިއްކާ ޓިކެޓުގެ އަގު 3000 ރުޕީސްއަށް ކުޑަކޮށްފި
 
ހޯމަ ދުވަހުގެރޭ ރާއްޖެ ނުކުންނާނީ ލަންކާއާ ދެކޮޅަށް
 
ޓިކެޓު ވިއްކާނީ ވެކްސިން ދެ ޑޯޒު ޖަހާފައިވާ މިހުންނަށް

ސްރީ ލަންކާގައި ހޯމަ ދުވަހު ފަށާ "މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް)" ގައި ދިވެހި ސަޕޯޓަރުންނަށް ވިއްކާ ޓިކެޓުގެ އަގު ކުޑަކޮށްފިއެވެ.

ލަންކާގައި ބާއްވާ ފޯ ނޭޝަންސް ކަޕުގައި ހަތަރު ގައުމު ވާދަކުރާއިރު، އެ ގައުމުތަކަކީ ރާއްޖެ އާއި ލަންކާގެ އިތުރުން ބަންގްލަދޭޝް އާއި ސީޝެލްސްއެވެ. މި މުބާރާތް ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ ހޯމަ ދުވަހުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ. މީގެ ކުރިން މި މުބާރާތުގެ ފައިނަލް މެޗު މި މަހުގެ 17 ވަނަ ދުވަހު ކުޅެން ހަމަޖެހިފައި އޮތް ނަމަވެސް، ފައިނަލް މެޗުގެ ހާއްސަ މެހެމާނެއްގެ ގޮތުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބައިވެރިވެވަޑައިގަންނަވާތީ، ފައިނަލް މެޗު ވަނީ 19 ވަނަ ދުވަހަށް ފަސްކޮށްފައެވެ.

ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން އެންމެ ފުރަތަމަ އިއުލާންކޮށްފައިވާ ގޮތުން ހޯމަ ދުވަހުގެރޭ ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށް ވަންނަ ދިވެހި ސަޕޯޓަރުންނަށް ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވަނީ 5،000 ލަންކާ ރުޕީސް (385 ރުފިޔާ) އަށެވެ.

އެއާއެކު ޓިކެޓުގެ އަގު ބޮޑުވުމުގެ ޝަކުވާ ދިވެހި ސަޕޯޓަރުން އުފުލާފައިވަނިކޮށް، އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެދިވަޑައިގެންނެވުމުގެ މަތިން ޓިކެޓުގެ އަގު ކުޑަކުރުމަށް ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޖޭސްވަރު އުމަރުއާ މަޝްވަރާކުރެއްވި ކަމަށެވެ. އެއާއެކު ދިވެހިންނަށް ވިއްކާ ޓިކެޓުގެ އަގު 3000 ރުޕީސް (231 ރުފިޔާ) އަށް ކުޑަކޮށްފައިވާ ކަމަށް މަޚްލޫފް ވިދާޅުވިއެވެ.

އެހެންކަމުން މަޚްލޫފް ވަނީ ލަންކާގެ ކުޅިވަރާ ބެހޭ ވަޒީރުނަމަލް ރާޖަޕަކްސަ އާއި އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޖޭސްވަރު އުމަރުއަށް ޝުކުރުއަދާކުރައްވާފައެވެ.

ލަންކާ މުބާރާތުގެ މޗުތައް ބަލަން ސަޕޯޓަރުން ވައްދާއިރު، މެޗުތަކުގެ ޓިކެޓު ވިއްކާނީ ވެކްސިނުގެ ދެ ޑޯޒު ޖަހާފައިވާ މިހުންނަށެވެ. ކޮވިޑް-19 ގެ ނުރައްކަލުގެ ތެރޭގައި ލަންކާ މުބާރާތް ބާއްވާއިރު، ލަންކާ ސަރުކާރުން މީގެ ކުރިން ވަނީ މެޗުތައް ކުޅޭ ދަނޑުގެ ޖާގައިގެ ދެބައިކުޅަ އެއް ބަޔަށް ސަޕޯޓަރުން ވައްދަން މަޝްވަރާކޮށްފައެވެ.

ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ގައުމަކަށްވާއިރު، 2008 ވަނަ އަހަރު އެ ގައުމުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގެ މެޗުތައް ބަލަން ގިނަ އަދަދެއްގެ ދިވެހި ސަޕޯޓަރުން ވަނީ ވަދެފައެވެ.

ލަންކާގައި ބާއްވާ ފޯ ނޭޝަންސް ކަޕަކީ ރާއްޖޭގެ ގައުމީ ޓީމާ ދާދި ފަހުން ހަވާލުވި އިޓަލީގެ ފްރެންސެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން ކުޅޭނެ ފުރަތަމަ މުބާރާތެވެ. މި ފަހަރުގެ މުބާރާތުގައި ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި ހޯމަ ދުވަހުގެރޭ ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. އަދި އޭގެ ފަހުން އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، ލީގު ބުރުގެ ފަހު މެޗުގައި ސީޝެލްސްއާ ކުޅޭނީ މި މަހުގެ 14 ވަނަ ދުވަހެވެ. މި މުބާރާތުގެ ފައިނަލަށް ދާނީ ލީގު ބުރުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެވެ.

ލަންކާގައި ބާއްވާ މުބާރާތުގައި މި ފަހަރު ރާއްޖެ ވާދަކުރާއިރު، ރާއްޖޭން ވަނީ މީގެ ކުރިން 2012 ވަނަ އަހަރު ލަންކާގައި ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. އެކަމަކު އެ ފަހަރު އެ މުބާރާތް ކުރިއަށްގެންދިޔައީ 23 އަހަރުން ދަށުގެ މުބާރާތެއްގެ ގޮތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
100%
0%
ކޮމެންޓް