ކ. މާލެ
|
7 ނޮވެންބަރ 2021 | އާދީއްތަ 10:00
ޔުވެންޓަސް އާއި ފިއޮރެންޓީނާ ބައްދަލުކުރި މެޗުގެ ތެރެއިން
ޔުވެންޓަސް އާއި ފިއޮރެންޓީނާ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
ފިއޮރެންޓީނާ އަތުން ފަހު ވަގުތު ޔުވެންޓަސްއަށް މޮޅެއް
 
ފިއޮރެންޓީނާ އަތުން ޔުވެންޓަސް މޮޅުވީ 1-0 ގެ ނަތީޖާއަކުން
 
ތާވަލުގެ އަށްވަނައިގައި ޔުވެންޓަސް އޮތީ 18 ޕޮއިންޓާއެކު

އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ފިއޮރެންޓީނާ އަތުން ފަހު ވަގުތު ޔުވެންޓަސް މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޔުވެންޓަސް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ހާފުގައި ލަނޑެއް ޖަހަން ޔުވެންޓަސްގެ އަލްވާރޯ މޮރާޓާ އާއި ޕައޮލޯ ޑިބާލާއަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އަދި މި ހާފުގައި އޭރިއާ ތެރެއިން ފިއޮރެންޓީނާގެ ރިކާޑޯ ސަޕޮނާރާއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

މި މެޗުގައި ފިއޮރެންޓީނާއަށް މައްސަަލަތަކެއް ދިމާވީ މެޗުގެ 74 ވަނަ މިނެޓުގައި އެ ޓީމުގެ ނިކޯލަ މިލެންކޮވިޗަށް ދެވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާއަށް ރެފުރީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކީ ޔުވެންޓަސްގެ ފެޑެރީކޯ ކިއޭސާއަށް ކުރި ފައުލަކާ ގުޅިގެންނެވެ.

އެއާއެކު ފިއޮރެންޓީނާގެ ކުޅުންތެރިއަކު މަދުވުމުގެ ފައިސާ ނަގައި ޔުވެންޓަސްއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ޓީމުން ލީޑު ނަގާފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުއާން ކުއަޑްރާޑޯއެވެ.

މި މެޗުން ފަހު ވަގުތު ޔުވެންޓަސް މޮޅުވިއިރު، މި ސީޒަނުގެ އިޓާލިއަން ލީގުގައި އެ ޓީމުގެ ފޯމު ވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ. އެގޮތުން ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުގެ ތެރެއިން އެ ޓީމު ވަނީ ހަތަރު މެޗުން ބަލިވެފައެވެ. އަދި ތިން މެޗު އެއްވަރުވެގެން ނިމުމުއިރު، އެ ޓީމު މޮޅުވެފައިވަނީ ފަސް މެޗުންނެވެ. އެއާއެކު ތާވަލުގެ ވަނައިގައި އޮތް ނާޕޮލީއަށްވުރެ އިތުރަށް އެއް މެޗު ކުޅެފައިވީ ނަމަވެސް، ނާޕޮލީ އާއި ޔުވެންޓަސްގެ ދެމެދު 13 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

އެގޮތުން ތާވަލުގެ އަށްވަނައިގައި ޔުވެންޓަސް އޮތީ ކުޅުނު 12 މެޗުން ލިބުނު 18 ޕޮއިންޓާއެކުއެވެ. އަދި ތާވަލުގެ ހަތްވަނައިގައި އޮތް ފިއޮރެންޓީނާއަށްވެސް 12 މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް