ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ރަޔޯ ވަޔެކާނޯ ބަލިކޮށް ތާވަލުގެ އެއްވަނައަށް ރެއާލް މެޑްރިޑް ޖެހިލިއިރު، ސެލްޓަ ވީގޯއިން ފަހު ވަގުތު ބާސެލޯނާއާ އެއްވަރުކޮށްފިއެވެ.
ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ރެއާލް މޮޅުވީ ވަޔެކާނޯ އަތުން 2-1 ގެ ނަތީޖާއަކުންނެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ރެއާލުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗު ފަށައިގެން 14 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓޯނީ ކްރޫސްއެވެ. އަދި މެޗުގެ 38 ވަނަ މިނެޓުގައި ކަރީމް ބެންޒެމާ ވަނީ ލަނޑެއް ޖަހައި، ރެއާލުގެ ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި ބެންޒެމާ ލަނޑު ޖެހިއިރު، މިއީ މި ސީޒަނުގެ ލީގުގައި އޭނާ ކާމިޔާބުކުރި 10 ވަނަ ލަނޑެވެ.
ދެ ލަނޑުގެ ލީޑަކާއެކު ރެއާލުން ފުރަތަމަ ހާފު ނިންމާލި ނަމަވެސް، މި މެޗުގެ ދެވަނަ ހާފުގައި އެ ޓީމަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އަދި މި ހާފުގައި ވަޔެކާނޯއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 76 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރަޑަމެލް ފަލްކާއޯއެވެ.
މި މޮޅާއެކު ތާވަލުގެ އެއްވަނައަށް ރެއާލް ޖެހިލީ ކުޅުނު 12 މެޗުން ލިބުނު 27 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށް 12 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ.
މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ސެލްޓަ އާއި ބާސާ ބައްދަލުކުރި މެޗު އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ.
މި މެޗާ ކުރިމަތިލިއިރު ބާސާއިން އެ ޓީމުގެ ކޯޗުގެ މަގާމަށް އެ ކުލަބުގެ ލެޖެންޑް ޒަވީ ހެނާންޑޭޒް ހަމަޖެއްސިކަން އިއުލާންކޮށްފައިވީ ނަމަވެސް، އޭނާ އަދި ޓީމާ ރަސްމީކޮށް ހަވާލުވެފައެއް ނުވެއެވެ. އެހެންކަމުން މި މެޗުގައިވެސް އެ ޓީމަށް އިރުޝާދުދީފައިވަނީ ވަގުތީ ކޯޗު ސާޖީ ބާހުއަންއެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ބާސާއިން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި ބާސާއަށް ލީޑުނަގައިދިނީ އަންސޫ ފަޓީއެވެ. އަދި މެޗުގެ 18 ވަނަ މިނެޓުގައި ކެޕްޓަން ސާޖީ ބުސްކެޓްސް ބާސާއަށް ލީޑު ފުޅާކޮށްދިންއިރު، މެޗުގެ 34 ވަނަ މިނެޓުގައި ޖޯޑީ އަލްބާ ނަގައިދިން ހުރަހަކުން މެމްފިސް ޑިޕާއި ވަނީ ބާސާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
މި މެޗުގައި ސެލްޓައިން ނަތީޖާ އެއްވަރުކޮށްފައިވަނީ ދެވަނަ ހާފުގައި ކާމިޔާބުކުރި ލަނޑުތަކާއެކުއެވެ. އެގޮތުން ދެވަނަ ހާފު ފަށައިގެން ހަ މިނެޓު ތެރޭ ބާސާގެ ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓެގެން ހެދި ގޯހެއްގެ ފައިދާނަގައި ސެލްޓަގެ ކެޕްޓަން އިއާގޯ އަސްޕާސް ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީފައެވެ. އަދި އޭގެ ފަހުން މެޗުގެ 74 ވަނަ މިނެޓުގައި ނޮލީޓޯގެ ލަނޑުން ސެލްޓައިން ފަރަގު ކުޑަކުރިއިރު، މެޗުގެ އިތުރު ވަގުތުގައި އަސްޕާސް ވަނީ އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި ނަތީޖާއާއެކު ބާސާ އޮތީ ތާވަލުގެ ނުވަވަނައިގައި 12 މެޗުން ލިބުނު 17 ޕޮއިންޓާއެކުއެވެ.