ކ. މާލެ
|
6 ނޮވެންބަރ 2021 | ހޮނިހިރު 23:27
ޔުނައިޓެޑާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން
ޔުނައިޓެޑާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ސިޓީން ޔުނައިޓެޑް ބަލިކުރިއިރު، ބާންލީން ޗެލްސީ ހުއްޓުވައިފި
 
ޔުނައިޓެޑް ބަލިވީ ސިޓީ އަތުން 2-0 ގެ ނަތީޖާއަކުން
 
ޗެލްސީ އާއި ބާންލީ އެއްވަރުވީ 1-1 ގެ ނަތީޖާއަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީން ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ރެލިގޭޝަނުގައި އޮތް ބާންލީން ތާވަލުގެ އެއްވަނައިގައި އޮތް ޗެލްސީއާ އެއްވަރުކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޔުނައިޓެޑް ބަލިވީ ސިޓީ އަތުން 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުން ޔުނައިޓެޑް ބަލިވިއިރު، އަމިއްލަ ދަނޑުގައި ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުންވެސް ޔުނައިޓެޑަށް މޮޅުވެފައެއް ނުވެއެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗު ފަށައިގެން ހަތްވަނަ މިނެޓުގައި ސިޓީން ވަނީ ލީޑު ނަގާފައެވެ. މި ލަނޑަކީ ޔުނައިޓެޑުގެ ޑިފެންޑަރު އެރިކް ބެއިލީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭގެ ފަހުން ސިޓީން މި މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ހަމަލާތައް ހުއްޓުވުމުގައި ޔުނައިޓެޑުގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މި މެޗުގައި ޔުނައިޓެޑަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، މުޅި މެޗުގައިވެސް އެ ޓީމަށް ސިޓީގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. އެއީ ފުރަތަމަ ހާފުގައި އޭރިއާ ތެރެއިން ޔުނައިޓެޑުގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ހަމަލާއެވެ. އެކަމަކު އެ ހަމަލާ ސިޓީގެ ގޯލްކީޕަރު އެޑަސަން ވަނީ މަތަކޮށްފައެވެ.

މި މެޗުގައި ސިޓީން ލީޑު ފުޅާކޮށްފައިވަނީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައެވެ. ޖޮއާއޯ ކަންސޭލޯ ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބެނާޑޯ ސިލްވާއެވެ.

ޗެލްސީ އާއި ބާންލީ ބައްދަލުކުރި މެޗުގެ ތެރެއިން - ގެޓީ އިމޭޖަސް

މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޗެލްސީ އާއި ބާންލީ އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 33 ވަނަ މިނެޓުގައި ރީސް ޖޭމްސް ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކައި ހަވާޓްޒްއެވެ. އޭގެ ފަހުން ލީޑު ފުޅާކުރަން ޗެލްސީން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ހަމަލާތަކުގެ ހުރަހަކަށްވީ ބާންލީގެ ގޯލްކީޕަރު ނިކް ޕޯޕެވެ.

މި މެޗުގައި ބާންލީން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗު ނިމެން 11 މިނެޓަށް ވެފައި ވަނިކޮށެވެ. ޖޭ ރޮޑްރިގޭޒް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަޓޭއި ވީޑްރާއެވެ.

މި މެޗުން މޮޅުވެގެން ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު ޗެލްސީއަށް އޮތް ނަމަވެސް، މެޗު އެއްވަރުވުމުން އެ ޓީމު އެއްވަނައިގައި އޮތީ ތިން ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެގޮތުން ކުޅުނު 11 މެޗުން ލިބުނު 26 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ޗެލްސީ އޮތްއިރު، ދެވަނައިގައި އޮތީ 11 މެޗުން 23 ޕޮއިންޓް ހަމަކޮށްފައިވާ އެންމެ ފަހުގެ ޗެމްޕިއަން ސިޓީއެވެ. އަދި ތިންވަނައިގައި އޮތް ލިވަޕޫލަށް 10 މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، އާދީއްތަ ދުވަހުގެރޭ ވެސްޓް ހޭމް ޔުނައިޓެޑް އަތުން މޮޅުވެގެން ލިވަޕޫލަށް ޗެލްސީގެ ލީޑު އެއް ޕޮއިންޓަށް ކުޑަކުރެވޭނެއެވެ.

މީގެ އިތުރުން ހޮނިހިރު ދުވަހުގެރޭ ސިޓީ އަތުން ބަލިވި ޔުނައިޓެޑް އޮތީ ތާވަލުގެ ހަވަނައިގައި 11 މެޗުން 17 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް