ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެއެމްވީއަށް ޖެންޑާ މިނިސްޓްރީން ބުނީ ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. ބެލިބެލުމުން އެމަރުކަޒުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ މަރުކަޒުގައި ޖާގައަށް ވުރެ އިތުރަށް މީހުން މަރުކަޒު ކުރަން ޖެހުމާއި ބަލިމީހުން ބެހެއްޓުމަށް އެކަށީގެންވާ އަދަދަށް މުވައްޒަފުން ނެތުމާއި، މަރުކަޒުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތަކަށް އެކަށީގެންވާ ބަޖެޓް ނުލިބުމާއި، ބަލިމީހުންނަށް މަރުކަޒުގެ ތެރެއިން ފަރުވާދޭނެ ޓެކްނިކަލް މުވައްޒަފުން މަދުވުމާއި، ބަލިމީހުން މާލެ ގެންދިއުމަށް އެކަށީގެންވާ ވަސީލަތްތައް ހުރި ލޯންޗެއް ނެތުމުގެ މައްސަލަތައް ކުރިމަތިވާ ކަމަށެވެ. އަދި މިހާރު ބަލިމީހުން މާލެ ގެންގޮސް ގެންނަނީ ލޯންޗް ފެރީގައިކަން ފާހަގަކޮށް ޖެންޑާ މިނިސްޓްރީން ބުނީ މަރުކަޒުގައި ތިބި ބަލިމީހުންނަށް ބޭނުންވާ ފަރުވާ މަރުކަޒުގެ ތެރެއިން ނުވަތަ ކ. ގުރައިދޫ ހެލްތް ސެންޓަރުން ލިބެން ނެތް ހާލަތްތަކުގައި ބަލިމީހުން މާލެ ގެންނަންޖެހޭ ކަމަށެވެ.
މީގެ އިތުރުން ޖެންޑާ މިނިސްޓްރީން ބުނީ ފަރުވާ ލިބި ޑިސްޗާޖް ކުރެވޭ ބައެއް މީހުންގެ އާއިލާތަކުން އެފަރާތްތަކާއި ހަވާލުނުވުމުގެ މައްސަލަ ވެސް ބޮޑު ކަމަށެވެ. އަދި ތަނުގެ ޖާގައިގެ ދަތިކަން ހުރުމުން ނަފްސާނީ ބަލީގެ މީހުންނާއި އެހެނިހެން ބަލި މީހުން ވަކިން ބެލެހެއްޓޭނެ އިންތިޒާމެއް ނެތުމަކީ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.
ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ގިނަ މައްސަލަތަކެއް ފާހަގަކުރެވިފާއިރު، އެމައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން ވަނީ ފަށާފައެވެ. އެގޮތުން މަރުކަޒުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ހައްލުކުރުމަށް 2021 ވަނަ އަހަރަށް ވުރެ ބޮޑު ބަޖެޓެއް 2022 ވަނަ އަހަރަށް ހުށަހަޅާފައިވެއެވެ. ޓެކްނިކަލް މުވައްޒަފުން އިތުރުކުރުމަށް މިހާރު ވަނީ 3 ނަރުހުން، 1 މެޑިކަލް އޮފިސަރ އަދި 1 ފިޒިއޯތެރަޕިސްޓް މަރުކަޒުގައި ޚިދުމަތްދޭން ފަށާފައެވެ. އަދި 1 ޑޮކްޓަރު، 1 ސައިކޭޓްރިސްޓް އަދި 5 ނަރުހުން ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.
ފަރުވާ ލިބި ޑިސްޗާޖް ކުރެވޭ ފަރާތްތަކުގެ ތެރެއިން އާއިލާއިން ހަވާލުވުމަށް އިންކާރުކުރާ ހާލަތުގައި ޝަރުއީ މަރުޙަލާގެ ތެރެއިން އެފަދަ ފަރާތްތައް އާއިލާއާއި ހަވާލުކުރުމުގެ ކަންކަމަށް މަގުފަހިވެފައި ވީކަމުގައި ވީނަމަވެސް އެކަންކަން އިތުރަށް ހަރުދަނާކުރުމަށް ގާނޫނުގެ ތެރެއިން މަސައްކަތްކުރާކަން ފާހަގަކޮށް ޖެންޑާ މިނިސްޓްރީން ބުނީ މަރުކަޒު ކުރެވޭ މީހާއަށް އާއިލާގެ ފުރިހަމަ އެއްބާރުލުން ހޯދައިދީ، ގާތް ކަން ބޭއްވުމަށް ފޯން ކޯލް ނަގައިދިނުމާއި ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދޭ ކަމަށެވެ. އަދި ފަރުވާއަށް ފަހު ބަލިމީހުން އެފަރާތްތަކުގެ އާއިލާތަކާއި ހަވާލުކުރުމުގެ މަސައްކަތްކުރެވޭ ކަމަށާއި، ހަވާލުކުރެވޭ ފަރާތްތަކުގެ ހާލަތު އިތުރަށް ބަލަމުން ގެންދާ ކަމަށެވެ.
ޖެންޑާ މިނިސްޓްރީން ބުނީ ޚާއްސައެހީއަށް އަށް ބޭނުންވާ މީހުނަށް މުޖަތަމައުގެ ތެރޭގައި ކުރާ ފުރައްސާރަ ހުއްޓުވުމަށް މީސްމީޑިއާ މެދުވެރިކޮށް އަދި ތަފާތު އެކި ހަރަކާތްތަކުގެ ތެރެއިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާ ކަމަށާއި، އެންޖީއޯ ތަކާއި ގުޅިގެން މަރުކަޒުގައި ތިބި ބަލިމީހުނަށް ސްޕޯޓްސް ޕްރޮގްރާމްތައް ކުރިއަށް ގެންދާ ކަމަށެވެ. ޖަޕާން ސަރުކާރުގެ އެހީގެ ތެރެއިން މަރުކަޒުގެ ހެލްތް ފެސިލިޓީ އިތުރަށް ތަރަށްގީކޮށް، ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ކުރިއަށް ކުރިއަށްދާ ކަމަށާއި، ސްޓެލްކޯގެ ސީއެސްއާރްގެ ދަށުން ވޯޑް 5 ގެ މަރާމާތުގެ މަސައްކަތްތައް ނިމި، އެތަނަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.