ކޮވިޑް-19ން ދިފާއުވުމަށް ވެކްސިން ލިބިފައިއޮވެ ޔޫރަޕްގެ ގައުމުތަކުގައި މިހާރު ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ ދިޔުމަކީ ދުނިޔެއަށް ދޭ އިންޒާރެއްކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.
ފާއިތުވި ހަތަރު ހަފުތާ ނުވަތަ އެއް މަސްދުވަހުގެ ތެރޭގައި ޔޫރަޕްގައި ކޮވިޑް ކޭސްތައް ވަނީ 55 އިންސައްތަ އިތުރުވެފައެވެ. އެކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޑަބްލިޔުއެޗްއޯގެ އެމަރޖެންސީ ޑިރެކްޓަރ މައިކް ރިޔާން ވިދާޅުވީ ޔޫރަޕްގެ ބައެއް ގައުމުތަކުގައި ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ކުރިޔަށް ގެންދަނީ ވެކްސިން ލިބިފައި ހުރި މިންވަރާއި އަޅާބަލާއިރު އެންމެ އެކަށީގެންވާ ގޮތެއްގައި ނޫންކަމަށެވެ.
ވެކްސިން ލިބިހުރެމެ ޔޫރަޕްގައި ކޮވިޑް ފެތުރެމުންދާ ގޮތަކީ ދުނިޔެއަށް ދެމުންދާ އިންޒާރެއްގެ ގޮތުގައި މައިކް ވަނީ ސިފަކުރައްވާފައެވެ. ޔޫރަޕްގެ 53 ގައުމުގައި ކޮވިޑް މިހާރު ފެތުރެމުން އަންނަނީ ނުރައްކާތެރި މިންވަރަކަށް ކަމަށާއި ކޭސްތައް ކުރިޔަށް އޮތްތަނުގައި ރިކޯޑް މިންވަރަކަށް މައްޗަށް ދާނެކަމަށް ޑަބްލިޔުއެޗްއޯގެ ޔޫރަޕްގެ ހެޑް, ހާންސް ކްލުގް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް ގައުމުތައް ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ހާންސް ވިދާޅުވިއެވެ.
ޔޫރަޕް ސަރަހައްދުގައި މިހާރު ކޭސްތައް އިތުރުވާ މިންވަރު ހުރީ 6 އިންސައްތައިގައެވެ. ފާއިތުވި ހަފުތާގައި މުޅި ޔޫރަޕުން 1.8 މިލިއަން ކޭސް ފެނިފައިވެއެވެ. އަދި ހަމަ މިމުއްދަތުގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 12 އިންސައްތަ އިތުރުވެފައެވެ.