ކޮވިޑް ބަލީގައި ބޮޑުވަރުވާ މިންވަރު 89 އިންސައްތަ ދަށްކޮށްދޭ ބޭހެއް ފައިޒަރ ކުންފުނިން އުފައްދައިފިއެވެ.
ކޮވިޑަށް ޕޮޒިޓިވް ވެފައިވާ، އަދި ދިފާއީ ނިޒާމުގެ ބާރުދަށް، އުމުރުން ދުވަސްވީ މީހުން މި ބޭސް ބޭނުން ކުރުމުން، ބަލި ބޮޑުވެގެން ހޮސްޕިޓަލުގައި އެނދުމަތި ކުރަންޖެހޭ މިންވަރު ނުވަތަ މަރުވާ ނިސްބަތް %89 ދަށްކޮށްދޭ ކަމަށް ކުންފުނިން ބުނެއެވެ. ފައިޒަރ ކުންފުނިން ބުނެފައިވާ ގޮތުގައި، "ޕެކްސްލޮވިޑް"ގެ ނަން ދެވިފައިވާ މި ގުޅަ ބޭހުގެ ކްލިނިކަލް ޓަރައަލްތަކުން މި ބޭހުގެ ކާމިޔާބުކަން ވަނީ ޔަގީން ކުރެވިފައެވެ. އަދި ހައި ރިސްކު، ނުވަތަ ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ މީހުންގެ ފަރާތުން ކޮވިޑް19ގެ އަލާމާތްތައް ފެންނަން ފެށުނުހާ އަވަހަކަށް މި މި ބޭސް ބޭނުންކުރުން މުހިންމު ކަމަށް ބުނެއެވެ.
ފައިޒަރއިން ބުނެފައިވާ ގޮތުގައި، މި ބޭހުގެ އެންމެ ފުރަތަމަ ޓެސްޓުތައްވެސް ކާމިޔާބުވުމުން މި ބޭހުގެ ކުލިނިކަލް ޓްރައަލްތައް އިތުރަށް ކުރިޔަށް ގެންދިއުންވެސް މިހާރު ވަނީ ހުއްޓާލާފައެވެ.
ފައިޒަރއިން ޓެސްޓު ކޮށްފައިވާ ބޭހުން ކޮރޯނާ ވައިރަސް ހަށިގަޑުގެ ތެރޭގައި އިތުރުވުމަށް ބޭނުންވާ އެންޒައިމެއް ބްލޮކް ކުރެއެވެ. މިގޮތުން، އެހެން އެންޓިވައިރަލް ގުޅަ ބޭހެއް ކަމުގައިވާ ރިޓޯނަވަޔަރ އާއިއެކު ބޭނުން ކުރުމުން، މިބޭސް ހަށިގަޑުގެ ތެރޭގައި ގިނަ ވަގުތު ދެމިހުރެއެވެ. މިބޭސް ބޭނުން ކުރަންޖެހެނީ 5 ދުވަހުގެ މުއްދަތަށް ކޮންމެ ދުވަހަކު 2 އިރު އިރަކު 3 ގުޅައެވެ.
ފައިޒަރއިން ބުނެފައިވާ ގޮތުގައި، އެކުންފުނިން މިހާރު ތައްޔާރު ވަމުންދަނީ، މި ބޭހުގެ ޓަރައަލްތަކުގެ ނަތީޖާތައް އެމެރިކާގެ ބޭސް ބޭނުންކުރުމުގެ ހުއްދަ ދޫކުރާ އެފްޑީއޭއަށް ހުށަހެޅުމަށެވެ. މިގޮތުން މިހުއްދަ ހޯދުމަށް ހުށަހަޅަނީ ފާއިތުވެދިޔަ މަހު އެކުންފުންޏަށް ދޫކޮށްފައިވާ އެމަޖެންސީ ހުއްދައިގެ ދަށުންނެވެ.
މި ގުޅަބޭހުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރުމުގެ ފުރުސަތު ލިބިގެން ދިއުމުގެ އިތުރުން ކޮވިޑް19ގެ ސަބަބުން މީހުން ބަލިވާ މިންވަރު ދަށްކޮށްދީ އަދި ކޮންމެ 10 މީހަކުން 9 މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކުރުމުން ސަލާމަތް ކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.