ކ. މާލެ
|
5 ނޮވެންބަރ 2021 | ހުކުރު 08:18
ޓޮޓެންހަމާއި ވީޓެސް ބައްދަލުކުރި މެޗުގެ ތެރެއިން
ޓޮޓެންހަމާއި ވީޓެސް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ޔުއެފާ ކޮންފަރެންސް ލީގު
ކޮންޓޭގެ ފުރަތަމަ މެޗުން ޓޮޓެންހަމަށް ހަނި މޮޅެއް
 
ވީޓެސް އަތުން ޓޮޓެންހަމް މޮޅުވީ 3-2 ގެ ނަތީޖާއަކުން
 
ނޫނޯ ވަކިކޮށް ކޮންޓޭ ވަނީ އައު ކޯޗަކަށް ހަމަޖައްސާފައި

އައު ކޯޗު އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި ޓޮޓެންހަމް ހޮޓްސްޕާއިން ކުޅުނު ފުރަތަމަ މެޗުން ބުރާސްފަތި ދުވަހުގެރޭ ޔުއެފާ ކޮންފަރެންސް ލީގުގައި ވީޓެސް އަތުން ހަނިގޮތަކަށް މޮޅުވެއްޖެއެވެ.

ކޮންފަރެންސް ލީގަކީ މި ސީޒަނުގައި ޔުއެފާއިން މުޅިން އަލަށް ފެށި މުބާރާތެކެވެ. އެ މުބާރާތަކީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގަށްފަހު ޔުއެފާގެ ތިންވަނަ ފަންތީގެ މުބާރާތެވެ.

ކޮންފަރެންސް ލީގުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން ވީޓެސް އަތުން ޓޮޓެންހަމް މޮޅުވީ އަމިއްލަ ދަނޑުގައި ކުޅެ 3-2 ގެ ނަތީޖާއަކުންނެވެ.

މި މެޗާ ކުރިމަތިލިއިރު، މިދިޔަ އަންގާރަ ދުވަހު ޓޮޓެންހަމުން ވަނީ އެ ޓީމުގެ ކޯޗުގެ މަގާމަށް އުމުރުން 52 އަހަރުގެ އިޓަލީގެ މަޝްހޫރު ކޯޗު ކޮންޓޭ ހަމަޖައްސާފައެވެ. ޓޮޓެންހަމުގެ ކޯޗަކަށް ކޮންޓޭ ހަމަޖެއްސީ ދާދި ފަހުން އެ ޓީމުގެ ކޯޗުގެ މަގާމުން އުމުރުން 47 އަހަރުގެ ނޫނޯ އެސްޕިރީޓޯ ސަންޓޯ ވަކިކުރުމަށްފަހުއެވެ.

ވީޓެސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ޓޮޓެންހަމުގެ އައު ކޯޗު އެންޓޯނިއޯ ކޮންޓޭ - ގެޓީ އިމޭޖަސް

ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ފަސް ލަނޑުވެސް ދެ ޓީމުން ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗުގެ 15 ވަނަ މިނެޓުގައި ސޮން ހުއެން-މިން ޓޮޓެންހަމަށް ލީޑު ނަގައިދިންއިރު، އޭހެ ގަތް މިނެޓު ފަހުން ލޫކަސް މޯރާ ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗުގެ 28 ވަނަ މިނެޓުގައި ޓޮޓެންހަމުން ތިންވަނަ ލަނޑެއް ޖެހިއިރު، މި ލަނޑަކީ ވީޓެސްގެ ޖޭކަބް ރަސްމުސެން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އެކަމަކު އޭގެ ފަހުން ވީޓެސްއިން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 32 ވަނަ މިނެޓުގައި ކޯނަރަކުން ރަސްމުސެން ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީފައެވެ. އަދި އޭގެ ހަތް މިނެޓު ފަހުން މަޓުސް ބެރޯ ވަނީ ލަނޑެއް ޖަހައި، ވީޓެސްއަށް ފަރަގު ކުޑަކޮށްދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، މި ހާފުގައި ތިން ރަތް ކާޑު ވަނީ ފެނިގެންގޮސްފައެވެ. އެގޮތުން ދެވަނަ ހާފު ފަށައިގެން 14 ވަނަ މިނެޓުގައި ޓޮޓެންހަމުގެ ކްރިސްޓިއަން ރޮމޭރޯއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ. އަދި މެޗު ނިމެން ގާތް ވެފައި ވަނިކޮށް ވީޓެސްގެ ޑެނީލޯ ޑޯކިޗް އާއި އެ ޓީމުގެ ގޯލްކީޕަރު މާކަސް ޝުބާޓަށްވެސް ވަނީ ރަތް ކާޑެއް ދައްކާފައެވެ.

މި މެޗުން ޓޮޓެންހަމް މޮޅުވިއިރު، ކޮންޓޭގެ ކޯޗުކަމުގައި ޓޮޓެންހަމުން ދެން މެޗެއް ކުޅޭނީ އަންނަ އާދިއްތަ ދުވަހެވެ. އެ ދުވަހުގެރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ރަށުން ބޭރުގައި ބޭރުގައި ޓޮޓެންހަމް ނުކުންނާނީ އެވަޓަނާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް