ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިވަގުތު 198 މީހުން ދިރިއުޅެމުންދާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެއެމްވީއަށް ޖެންޑަރ މިނިސްޓްރީން ބުނީ, ގުރައިދޫ މަރުކަޒަކީ 188 މީހުންގެ ޖާގައިގެ ތަނެއް ކަމަށާއި، ނަމަވެސް މިވަގުތު 198 މީހުން އެތާނގައި ދިރިއުޅެމުންދާ ކަމަށެވެ. އަދި ޖާގައިގެ ދަތިކަން ހައްލު ކުރުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މަރުކަޒުގައި އިތުރު ވޯރޑެއް އެޅުމަށް ބޭނުންވާ ފަންޑު ހޯދުމުގެ މަސައްކަތް ކުރާކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
ޖެންޑަރ މިނިސްޓްރީން ބުނީ, މަރުކަޒުން ޑިސްޗާޖްކުރެވޭ މީހުންނާއި އަމިއްލައަށް އުޅެވޭ މީހުން ވަކިކޮށް, އެމީހުން މުޖުތަމައުއަށް ރީއިންޓަރގްރޭޓް ކުރުމުގެ މަސައްކަތް ފެށުމަށް ކ. ވިލިނގިލީގައި ގާއިމުކޮށްފައިވާ ހިޔާ މަރާމާތުކުރުމުގެ މަސައްކަތް ކުރުމަށް ރޭވިފައިވާ ކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހުން ވަކި ކުރުމަށް, އެލްޑަރލީ ހޯމް މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގައި އެލްޑަރލީ ހޯމްއެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެއެވެ.
ފަރުވާ ނިމި އާއިލާއާ ހަވާލުކުރަންޖެހޭ 24 މީހުން އެބަތިބިކަން ފާހަގަކޮށް މިނިސްޓްރީން ބުނީ, އާއިލާއިން ހަވާލުނުވާ މީހުން ވެސް ދައުލަތުން ހުރިހާ ޚަރަދެއްކޮށް ބަލަހައްޓަމުންދާ ކަމަށެވެ. އަދި މަރުކަޒަށް ބަލިމީހާ ގެނައުމުގައި ބަލިމީހާގެ ބަލަދުވެރި ފަރާތާއި މިނިސްޓްރީއާ ދެމެދު ވެވޭ އެއްބަސްވުމުގައި, ބަލިމީހާ ޑޮކްޓަރ ޑިސްޗާޖު ކުރާ ހިސާބުން ހަވާލުވާން ޖެހޭ ކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން, މީހުން ބެލެހެއްޓުމަށް އެކަށީގެންވާވަރަށް ވުރެ މުވައްޒަފުން މަދު ކަމަށާއި، މުވައްޒަފުން އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ ރައްކާތެރި އަމާން މާހައުލަކަށް ހެދުމަށް މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އެތަނުގައި 18 ކެމެރާއެއް ހަރުކޮށްފައިވެއެވެ. އަދި އެތަނުގައި ދިރިއުޅޭ މީހުންނަށް ހިތްހަމަޖެހޭ ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.