Advertisement
ހދ. ކުޅުދުއްފުށި ސިޓީ
|
3 ނޮވެންބަރ 2021 | ބުދަ 19:43
އެމްޕީ ޔާސިރު، ނަސްރުގެ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
އެމްޕީ ޔާސިރު، ނަސްރުގެ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
އުއްމު ކުލްސޫމް އިބްރާހިމް
ނަސްރުގެ ދުވަހުގެ ޖަލްސާ
ޝަހީދު ޙުސައިން އާދަމްގެ ގުރުބާނީއަކީ އެބޭފުޅާއަށް ލިބިވަޑައިގެންފައިވާ ތަރުބިއްޔަތާއި ހިތްވަރުގެ މިސާލެއް: އެމްޕީ ޔާސިރު
މިއަދުގެ ދަރިންނަކީ ޝަހީދު ޙުސައިން އާދަމް ފަދަ ހިތްވަރުގަދަ ބަޔަކަށް ވުމަށް އަޒުމް ކަނޑައަޅަންޖެހޭ

1988 ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު, ޝަހީދު ޙުސައިން އާދަމް ގައުމަށްޓަކައި ވީ ގުރުބާނީ އަކީ އެބޭފުޅާއަށް ލިބިވަޑައިގެންފައިވާ ތަރުބިއްޔަތާއި އެބޭފުޅާގެ ހިތްވަރުގަދަކަމުގެ މިސާލެއްކަމުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ޔާސިރު ޢަބްދުއްލަޠީފު ވިދާޅުވެއްޖެއެވެ.

ޔާސިރު މިހެން ވިދާޅުވީ ނަސްރުގެ ދުވަހުގެ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްއާއި ޢަފީފުއްދީން ސްކޫލް ގުޅިގެން މިއަދު ބޭއްވި, ނަސްރުގެ ދުވަހުގެ ޚާއްސަ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ. ޔާސިރު ވިދާޅުވީ ނަސްރުގެ ދުވަސް އެ ބަތަލަކަށް ނިސްބަތްވާ ބަތަލު, ކުޅުދުއްފުށީ މާވާގޭ ޙުސައިން އާދަމްއަކީ އެބޭފުޅާ ކުރެއްވި ކޮންމެ ކަމެއް ވަރަށް ޝައުގުވެރިކަމާއެކު އަމިއްލަފުޅު ކަމެއްގެ ގޮތުގައި ދެކިވަޑައިގެން ކުރެއްވި ބޭފުޅެއްކަމުގައެވެ. އަދި އެބަތަލުގެ ޒިކުރާ އަޅުގަނޑުމެން އާކުރަމުންދާއިރު, މިއަދުގެ ދަރިންނަކީ އެފަދަ ހިތްވަރުގަދަ ކެރޭ ބަޔަކަށް ވުމަށް އަޒުމް ކަނޑައަޅައި އެގޮތަށް މަސައްކަތް ކުރާބަޔަކަށް ވާންޖެހޭކަމަށެވެ.

މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީކައުންސިލާއި ޢަފީފުއްދީން ސްކޫލް ގުޅގެން ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން ކުރިއަށް ގެންދިޔަ ޕޯސްޓަރު ކުރެހުމުގެ މުބާރާތާއި، ސްޓޭޖް ތަމްސީލް މުބާރާތުން ވަނަތައް ހާސިލް ކުރި ދަރިވަރުންނާއި ސްކޫލްތަކަށް, މިއަދު ބޭއްވި ޖަލްސާގައިވަނީ ޓްރޮފީއާއި ސެޓްފިކެޓް ދީފައެވެ.

Advertisement

މިއަދުގެ ޖަލްސާގައި ޝަރަފްވެރި މެހެމާންގެ އިތުރުން ކުޅުދުއްފުށީ ދެކުނުދާއިރާގެ މަޖްލިސް މެމްބަރު ޖަމްޝީދު މުޙައްމަދާއި، ކުޅުދުއްފުށީ މޭޔަރު އަދި ސިޓީކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ. މީގެއިތުރުން ސްކޫލްތަކުގެ ވެރިންނާއި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި ސްކޫލް ކުދިންގެ އިތުރުން ބެލެނިވެރިން ބައިވެރިވިއެވެ.

މިއަދު އަޅުގަނޑުމެން ފާހަގަކުރަމުން މިދަނީ 33 ވަނަ ނަސްރުގެ ދުވަހެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް