ދެ ޖިންސުގެ ހަމަހަމަކަމާ ގުޅޭ ގާނޫނެއް ރާއްޖޭގައި އެކުލަވާލާފައިވާ ކަމަށާއި އޭގެ ދަށުން ހަދަންޖެހޭ އުސޫލުތައް މިހާރު އެކުލަވާލާފައިވާ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް، އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ޖެންޑާ މިނިސްޓަރު މިހެން ވިދާޅުވީ ދެ ޖިންސުގެ ހަމަހަމަކަމާއި ބައިވެރިވުން އިތުރުކޮށް، ވަރުގަދަކުރުމަށް މީޑިއާގެ ދައުރު ފުޅާކުރުމަށް ރާއްޖެއަށް އަމާޒުކޮށްގެން ހިންގި ޚާއްސަ ވޯރކްޝޮޕްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން، މިނިސްޓަރު ވިދާޅުވީ، މުޖުތަމައެއްގައި އުޅޭ ރައްޔިތުން ކަންކަމާމެދު ދެކޭ ގޮތް ބައްޓަންކުރުމުގައި މީޑިއާއިން މުހިއްމު ދައުރެއް އަދާކުރާކަމަށެވެ. ޚާއްސަކޮށް އަންހެނުންނާއި ފިރިހެނުންގެ ދައުރާއި އެކަންކަމާމެދު ދެކޭގޮތް ބައްޓަންކުރުމުގައި މީޑިއާގެ ދައުރު ބޮޑުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މިނިސްޓަރު ވިދާޅުވީ ޖިންސީ ތަފާތުކުރުންތަކާއި، ދެ ޖިންސުގެ ތަޖުރިބާތައް ހަމަހަމަކަމާއެކު ރިޕޯޓްކުރަން މީޑިއާތަކަށް ވިސްނައި ދިނުމަކީ މުހިއްމު ކަމެއް ކަަމަށެވެ.
ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށް ދޭ އަހައްމިއްޔަތުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ދެ ޖިންސުގެ ހަމަހަމަކަމާ ގުޅޭ ގާނޫނެއް ވެސް ރާއްޖޭގައި އެކުލަވާލާފައިވާ ކަމަށާއި، އޭގެ ދަށުން ހަދަންޖެހޭ އުސޫލުތައް ވެސް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އެކްޝަން ޕްލޭންގައި ވެސް މިކަންކަން ފާހަގަކޮށްފައިވާ ކަމަށާއި، އަންނަ މަހުން ފެށިގެން އެ އެކްޝަން ޕްލޭންގެ ޓާގެޓުތަކަށް މަސައްކަތް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ޖިންސީ ހަމަހަމަކަމާ ގުޅޭ ގާނޫނުގައި މީޑިއާގެ ޚިދުމަތް ފޯރުކޮށްދޭ މީހުންގެ ޒިންމާތައް ފާހަގަކޮށްފައިވާނެ ކަމަށާއި، ދެ ޖިންސުގެ ހަމަހަމަކަން ޕްރޮމޯޓްކުރާނެ އަސާސްތައް ވެސް މި ގާނޫނުން އެނގިގެންދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ގާނޫނާއި، ހެދިފައިވާ އުސޫލުތަކާއި، ސަރުކާރުގެ އެކްޝަން ޕްލޭންގައިވާ ޓާގެޓްތަކަށް ވާސިލްވުމަށް ދެ ޖިންސުގެ ހަމަހަމަކަން، ޖިންސީ ގޮތުން ގެންގުޅޭ ތަފާތު ކުރުންތަކާއި، މީޑިއާގައި އަންހެނުންނަށް ގަދަރުކުޑަކުރާ މައްސަލަތަކަށް އެޑްރެސްކުރުމަށް މީޑިއާތައް ރެގިއުލޭޓް ކުރާ އިދާރާތަކާއި މީޑިއާ އޭޖެންސީތަކާއެކު ގުޅިގެން މަސައްކަތްކުރާނެ މެކޭނިޒަމްތަކެއް ގާއިމްކުރުމަށް މިނިސްޓްރީން ރާވާފައިވާ ކަމަށެވެ.
މީޑިއާތައް މޮނިޓަރ ކުރާނެ ރަނގަޅު މެކޭނިޒަމެއް ވެސް ބޭނުންވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.