ތިމާވެށީގެ މައްސަލަޔަކީ އެންމެންގެވެސް މައްސަލައެކެވެ. ތިމާވެށި ހިމާޔަތްކޮށް ދިރުންތައް ހިމާޔަތްކުރުމުގެ މަސައްކަތަކީ އެންމެންގެވެސް މަސައްކަތެކެވެ. އެންމެންގެ ބައިވެރިވުން ބޭނުންވާ މަސައްކަތެކެވެ. ނަތީޖާއެއް ނެރުމަށްޓަކައި އެންމެންގެ އެއްބާރުލުންވެސް ބޭނުންވާ މަސައްކަތެކެވެ. ވަކިބައެއްގެ ޒިންމާއަކަށް ހަދައިގެން ދެންތިބޭ ބަޔަކު ދުރުގައި ކުޅިބަލަން ތިބެގެން ނަތީޖާ ހާސިލް ނުވާނެ މަސައްކަތެކެވެ. ދުނިޔޭގެ ވަސީލަތްތައް ބޭނުން ކުރަމުން މިދަނީ ވަކި ބަޔަކު އިސްތިސްނާ ނުކޮށް އެންމެންނެވެ. އެހެންވީމާ ދުނިޔޭގެ ހިމާޔަތަށްޓަކައި ކުރެވޭ މަސައްކަތަކީވެސް ވަކި ބަޔަކު އިސްތިސްނާވުމެއް ނެތި އެންމެންގެ މަސައްކަތެކެވެ. ދުނިޔެއަށް ނޭވާލައި ދުނިޔޭގެ ބިމުގައި ވަޒަންވެެރިވެ އުޅޭ ހަމަ ކޮންމެ މީހެއްގެ ޒިންމާއެކެވެ.
ބައެއް މީހުން ހީކުރެއެވެ. ތިމާވެށީގެ ކަންކަން ކުރާނީ ސަރުކާރުންނެވެ. ގާނޫނުތައް ފާސްކުރާނީ މަޖިލީހުންނެވެ. ތިމާވެށީގެ މައްޗަށް ދެތިން ހަތަރު ގާނޫނެއް ވުޖޫދުކުރީމާ ނިމުނީއެވެ. މިނިސްޓްރީއަކާއި އަދި އެނޫންވެސް ދެތިން މުއައްސަސާއެއް ހުރީމާ ފުދޭނެއެވެ. މިއީ ގޯސް ހީއެކެވެ. ތިމާވެށި ހިމާޔަތް ކުރުމަކީ ސަރުކާރުގެ އެކަނި މަސްއޫލިއްޔަތެއް ނޫނެވެ. ތިމާވެށި ފެށެނީ އަދި ނިމެނީ ސަރުކާރާ ހަމަޔަކުން ނޫނެވެ. ތިމާވެށި ފެށެނީ ކޮންމެ މީހެއްގެވެސް އަމިއްލަ ގެދޮރާއި ދިރިއުޅޭ މާހައުލުންނެވެ. ނިމެނީވެސް ހަމަ އެހިސާބަށެވެ. އެހެންވީމާ މިކަމަކީ އެއްވެސް މީހަކަށް ރެކެވެން އޮތް ކަމެއް ނޫނެވެ. ސާފު ތިމާވެއްޓެއްގެ ފައިދާ އެންމެންނަށް އޮންނަ ފަދައިން ކިލަނބުވެ ނުސާފުވެފައިވާ ވެއްޓެއްގެ ގެއްލުމާއި ހަލާކުވެސް އޮތީ އެންމެންނަށެވެ.
ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގެ އެންމެ ކުރީސަފުގައި ތިބެންވާނީ އެވެށީގައި ދިރިއުޅޭ ބައެކެވެ. އެވެށީގެ ވަޒަންވެރިންނެވެ. އެކަންކުރާކަށް އެހެން ބަޔަކު ނާންނާނެއެވެ. ރަށްރަށުގެ ގޮނޑުދޮށްތައް ހިމާޔަތް ކުރުމަށްޓަކައި ވެލިނެގުން ގާނޫނަކުން އެއޮތީ މަނާކުރެވިފައެވެ. ހަމައެގޮތަށް ގަސްކެނޑުމާއި ކުޅިތަކަށް ފަސްއަޅައި ހިއްކުމާއި މިހެންގޮސް ތަފާތު ކިތަންމެ ކަމެއް ގާނޫނުތަކުން އެއޮތީ މަނާކޮށްފައެވެ. އެކަމަކު މިކަން މިމަގުން ހިނގަމުންދޭބާވައެވެ. ގާނޫނުތަކަށް އެންމެން ތަބާވޭބާވައެވެ. ޖަވާބުގައި ބުނަންޖެހެނީ އެއްބަޔަކު ތަބާވިޔަކަސް އެންމެން ތަބާނުވާކަމުގައެވެ. ވެލިނަގާބަޔަކު އަދިވެސް އެކަން ކުރަމުންދެއެވެ. ގަސްކަނޑައި ޖަންގަލިތައް ސާފުކުރާ ބަޔަކު އަދިވެސް އެކަން ކުރަމުންދެއެވެ. ގިނަފަހަރަށް ސިއްރުންނެވެ. ވަގުން ވައްކަންކުރާ ބީދައިންނެވެ.
ގާނޫނުތައް ހެދިފައި ހުންނަނީ އެންމެންނަށްޓަކައެވެ. އެންމެންގެ ހެވާއި ލާބަޔަށްޓަކައެވެ. ވަކި ރަށަކާއި ވަކިބަޔަކު އިސްތިސްނާ ކުރުމެއް ނޯވެއެވެ. ސިއްރުންވިޔަސް ފާޅުގައިވިޔަސް ވެލިނަގާ މީހާ އެކަން އެކުރަނީ އޭގެ އާޚިރު ނަތީޖާއާމެދު ވިސްނައިލުމެއް ނެތިއެވެ. ތިމާ ދިރިއުޅޭ ރަށުގެ ރައްކާތެރިކަމާއި ސަލާމަތަށް ނުރައްކާ މިކުރެވެނީ ކިހާ މިނަވަރަކަށްކަން މޭރުންވުމެއް ނެތިއެވެ. މޭރުންވާނަމަ މާދަމާގެ ޖީލުތައް ނުރައްކަލަށް ހުށައެޅިގެންދާ މިކަހަލަ ކަންކަން ކުރަން ޖެހިލުންވާނެއެވެ. ނުކުރާނެއެވެ. ގަސްކެނޑުންވިޔަސް ހަމައެފަދައެވެ. ގަސް އިންދައި ރަށް ފެހި ކުރުމުގެ ބަދަލުގައި މިހާރު ހަމަ ކޮންމެ ރަށަކުންވެސް ފެންނަނީ ގަސްކެނޑުމުގެ އަމަލުތަކެވެ. ރަށުގެ މަލަމަތިން ފެހިކަންކެނޑެމުންދާ މަންޒަރެވެ.
ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން ކޮންމެ މީހަކަށްވެސް ފަރުދީގޮތުން އަދާކުރަންޖެހޭ ޒިންމާތަކެއްވެއެވެ. ވެށި ތަޣައްޔަރުކޮށް ކިލަނބުކުރުމުގައި ތިމާގެ ބައިވެރިވުން ކުޑަކުރުމަށްޓަކައި ކުރަން މަޖުބޫރު ކަންތައްތަކެއް އެބަހުއްޓެވެ. ފަރުދީ ޒިންމާ އަދާކުރެވޭ ކަމަށްވާނީ އެކަންކަމަށް ފަރުވާތެރިވެގެންނެވެ. އެކަންކަން ފެށެނީ އަމިއްލަ ގޭގެ ތެރެއިންނެވެ. ނިމެނީވެސް އަމިއްލަ ގެއިންނެވެ. މީގެ ބައެއް މިސާލުތަކަށް ޖެހިލާނަމަ އެއް މައްސަލައެއްގެ ގޮތުގައި ކުނީގެ މައްސަލަ ނެގިދާނެއެވެ. ޕްލާސްޓިކް ކުނިބުނިން ރަށްރަށުގެ ވެށި ކިލަނބުވެފައިވާ މިންވަރު ކޮންމެ ދުވަހަކުވެސް މިދަނީ ފެންނަމުންނެވެ. ރަށުގެ ގޮނޑުދޮށާއި މަގުމައްޗާއި ވަލުތެރޭގައިވެސް ޕްލާސްޓިކެވެ. އެއީ އެހެން ބަޔަކު އެޅި ތަކެއްޗެއް ނޫނެވެ. އެއީ ހަމަ ރަށުގެ އަހުލުވެރިން އެޅިތަކެއްޗެވެ. ދުރުހެލިވާންވީ އެޒާތުގެ ކަންކަމުންނެވެ.
ޖައްވަށް ބޭރުވާ ވިހަ ގޭހުގެ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވެ ދުނިޔެ ހޫނުވުން މިދަނީ އިތުރުވަމުންނެވެ. ވެށި ހަލާކުކުރުމުގެ އަމަލުތައް އިތުރުވެ ދުނިޔޭގެ ދިރުންތައް މިދަނީ ނެތެމުން ވީރާނާވަމުންނެވެ. އިސާހިތަކު އިންސާނުންނަށްވެސް ނޫޅެވޭ މިންވަރަށް ދުނިޔެ ކިލަނބުވެދާނެއެވެ. މިކަމުގައި ޒިންމާ އުފުލާން ތިބީ ހަމަ އިންސާނުންނެވެ. ދިވެހީންވެސް ޝާމިލްވާ ގޮތުންނެވެ. ދުނިޔޭގެ އުތުރު ތަނޑިއާއި ދެކުނު ތަނޑީގައިވާ ގަނޑުފެންތައް ވިރި ކަނޑުގެ ލޮނުގަނޑު އެހެރަގެން ދަނީ އުފުލެމުންނެވެ. ދާދި އަވަހަށް ކުދި ޖަޒީރާތަކާއި ބިންތިރި ސަރަހައްދުތައް ލޮނުގަނޑުގެ އަޑިއަށް ގެނބިގެން ފޮރުވިގެން ހިނގައިދާނެއެވެ. ހަނަފަސްކަން އިތުރުވެ ދަނޑުބިންތައް އެހެރަގެން ދަނީ ހަލާކުވަމުންނެވެ. އިސާހިތަކު އިންސާނުން ކާނާއަށް ޖެހިދާނެއެވެ.
ޒާތްޒާތުގެ ތޫފާންތަކުގެ ނުރައްކާ ދުނިޔޭގެ ހަތަރު ބިތުގައިވެސް މިވަނީ އިތުރުވެފައެވެ. މޫސުން ވަނީ އެކޮޅުކޮޅުން ޖެހިފައެވެ. ތޫފާންތަކުގެ ދޭތެރެ ވަނީ އަވަސްވެފައެވެ. މޫސުމީ އެކިކަންކަމުގައި ކޮންމެ އަހަރަކުވެސް އެތައް ހާސްބަޔަކު ދަނީ ފަނާވަމުންނެވެ. މިކަންކަމުން އަރައިގަތުމަށްޓަކައި ކުރާންވީ ކަންކަމުގެ ވާހަކަ ގައުމުތަކުގެ ވެރީންގެ ފެންވަރުގައި ދަނީ ދެކެވެމުންނެވެ. މުއާހަދާތަކެއް އެކުލަވާލައި އެކި ގައުމުތަކުން ދަނީ އޭގައި ސޮއި އަޅަމުންނެވެ. އެކަމަކު މިއީ އެގޮތަށް ކުރާ މަޝްވަރާޔަކުން އަދި އަޅާ ސޮޔަކުން އެކަނި ހައްލުވާން އޮތް ކަމެއް ނޫނެވެ. ހައްލު ގުޅިފައި އޮތީ އެންމެންގެ އަމަލުތަކާއެވެ. އެންމެންގެ ބައިވެރިވުމާއެވެ. ދުނިޔެ ސަލާމަތްވާން މިހާރު އޮތީ ހަމަ ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކޮށްގެންނެވެ. އެކަން ނުކުރެވެންޏާ ހައްލެއް ނުހޯދޭނެއެވެ. އިންސާނުންނަށް ސަލާމަތުގެ އައްސޭރިއެއްވެސް ނުހޯދޭނެއެވެ.