މަސްވެރިކަމަކީ ދިވެހީންގެ ލެޔާ ގުޅިފައިވާ ދިވެހީންގެ ލޭނާރެވެ. މިއީ ކާބަފައިންގެ ޒަމާނުގައި ދިވެހީން އެންމެ ބޮޑު އާމްދަނީއެއް ހޯދި ސިނާޢަތް ވެސް މެއެވެ.
ކޮވިޑް-19ގެ ސަބަބުން މިދިޔަ އަހަރު މުޅި ދުނިޔޭގެ އިޤްތިޞާދު މަޑުޖެހި، އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖޭގެ އިޤްތިޞާދު ފުން އަނދަވަޅަކަށް ވެއްޓުނުއިރު ވެސް މަސްވެރިކަމުގެ ސިނާޢަތް މެދުކެނޑުމެއް ނެތި ދިޔައީ ކުރިއަށެވެ.
ނަތީޖާއަކަށްވީ މިދިޔަ އަހަރު އެންމެ ބޮޑަށް ކުރިއަރާފައިވާ ސިނާޢަތަކަށް ރާއްޖޭގެ މަސްވެރިކަން ވުމެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ މިކަން ފާހަގަކުރައްވާފައެވެ.
މިދިޔަ އަހަރުގެ ތެރޭގައި މަސްވެރިކަން ކިތަންމެ ރަނގަޅު ނަމަވެސް، މަސް ބޭނި މިންވަރަށް އޭގެ އުފެއްދުންތައް ތައްޔާރު ކުރެވިފައެއް ނުވެއެވެ. މިއާއެކު ރާއްޖޭގައި މަސް އުފައްދާ ކުންފުނިތަކުން އަމާޒު ހިފާފައި ހުރީ މިދިޔަ އަހަރަށްވުރެ ރަނގަޅަށް މުސްތަޤްބަލުގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ތައްޔާރު ކުރުމަށެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ މެނޭޖިންގ ޑިރެކްޓަރ އިސްމާޢީލް ފައުޒީ ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހާރު އެކުންފުނީގައި ހުރި ވަސީލަތްތައް މަރާމާތުކޮށްގެން އަންނަ އަހަރަށް މަސްވެރިކަމުގެ އުފެެއްދުންތައް އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މަސްވެރިކަމަށް ބޭނުންކުރާ ދޯނިތައް މަރާމާތު ކުރަމުން އަންނައިރު އެއް ދޯނި ފިޔަވައި އެހެން ހުރިހާ ދޯނިތައް މިހާރު މަރާމާތުކޮށް ނިމިފައިވާ ކަމަށް ފައުޒީ ވިދާޅުވިއެވެ.
މީގެ އިތުރުން އަތޮޅު ތެރޭގެ އެކި ރަށްރަށުގައި މިފްކޯގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެކުންފުނިން ވަނީ ނިންމާފައެވެ. މީގެ ސަބަބުން މަސް ކިރުވުމުގެ އިތުރުން މަސްވެރިކަމުގެ އުފެެއްދުންތައް ގިނަ ކުރެވިގެންދާނެއެވެ.
މިހާރު އަޅުގަނޑުމެންގެ ހޯލްޑިންގ ކެޕޭސިޓީ ހުރީ 4000ގަ. މި ގެނެވޭ އަޕްގްރޭޑްތަކާއެކު ހޯލްޑިންގ ކެޕޭސިޓީ 13،500ށް އިތުރު ކުރެވިގެންދާނެ. އަދި ކަލެކްޝަން ކެޕޭސިޓީ މިހާރު 500 ގައި ހުރި ނަމަވެސް ބަދަލުތަކާއެކު 1000 ޓަން ކަލެކްޓް ކުރެވޭނެ ދުވާލެއްގެ މައްޗަށްމިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ފައުޒީ
މިފްކޯއިން މިހާރު ބިލް ފޮތުގައި ހަދަމުން އަންނަ ބިލްތަކަށް ވެސް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ. އެގޮތުން ބިލް ފޮތްތަކުގެ ބަދަލުގައި އެއް ވިއުގައަކުން ގުޅާލެވި އޮންލައިންކޮށް ހުރިހާ ބިލްތަކެއް ބަލައިލެވޭނެ ނިޒާމު ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ. ފައުޒީ ވިދާޅުވީ މިހާރު މި މަސައްކަތް އޮތީ ސޮފްޓްވެއަރ ޓެސްޓު ކުރުމުގެ މަރުހަލާގައި ކަމަށެވެ. އެގޮތުން ސޮފްޓްވެއަރ ޓެސްޓު ކުރުމަށްފަހު ރަނގަޅު ކުރަންޖެހޭ ކަންތައްތައް ވަރަށް އަވަހަށް ރަނގަޅު ކުރާނެ ކަމަށެވެ. އަދި މިކަމަށް ބޭނުންވާ އެންމެ ރަނގަޅު ހާޑްވެެއަރއެއް މިހާރު ބަލަމުން އަންނަ ކަމަށް ވެސް ފައުޒީ ވިދާޅުވިއެވެ.
މި ބަދަލުތަކާއެކު އޮޑިވެރިންނަށާއި ކެޔޮޅުންނަށް އަގުތަކުގެ އިތުރުން ބިލްތައް ފޯނުން ބަލައިލެވޭނެއެވެ. މި މައުލޫމާތުތައް އޮޑިވެރިންނަށް ފަސޭހަ ކަމާއެކު ލިބެން ހުރުމުގެ ސަބަބުން މަސްދޯނިފަހަރާއި އާލާތްތައް މަރާމާތު ކުރުންފަދަ މަސައްކަތްތަކަށް ބޭނުންވާ ލޯނު ހޯދުމުގައި މަސްވެރިންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ކުންފުންޏެއް ކަމަށްވާ ހޮރައިޒަން ފިޝަރީޒް މޯލްޑިވްސްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ އާމިނަތު ޒައީމާ ރާއްޖެ އެމްވީއަށް ވިދާޅުވީ މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މަސްވެރިކަމުގެ ޑިމާންޑް ދަށް ކަމަށެވެ. އެހެންނަމަވެސް މަސްވެރިކަން ރަނގަޅުވާން ވާއިރަށް އެކުންފުންޏަށް އިތުރަށް މީހުން ހޯދައި އުފެއްދުންތެރިކަން ރަނގަޅުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހޮރައިޒަންގެ ހޯލްޑިންގ ކެޕޭސިޓީއަކީ 80 މެޓްރިކް ޓަނެވެ. އެހެންނަމަވެސް މިހާރު ބޭނުން ކުރަމުން އަންނަނީ އޭގެ އެންމެ 50 އިންސައްތައެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި އިތުރު މުއައްޒަފުންނާއެކު ވަސީލަތްތަކުގެ އެންމެ ފުރިހަމަ ބޭނުން ހިފާނެ ކަމަށް ޒައީމާ ވިދާޅުވިއެވެ.
އެންސިސްގެ ޖެނެރަލް މެނޭޖަރ ހުސައިން އަފީފް ވެސް ވަނީ މަސް ލިބުމުގައި މިހާރު ދަތިތަކެއް ހުރިކަމަށް ފާހަގަކުރައްވާފައެވެ. އެގޮތުން މި އަހަރަކީ ފާއިތުވި ފަސް އަހަރާ އަޅާބަލާއިރު އެންމެ މަދުން މަސްކިރުނު އަހަރު ކަމަށް އަފީފް ފާހަގަކުރެއްވިއެވެ.
އަފީފް އިތުރަށް ވިދާޅުވީ އެންސިސްގައި މަސްވެރިކަމުގެ އުފެއްދުންތައް ތައްޔާރުކުރުމަށް ރަނގަޅު ވަސީލަތްތައް އެބަހުރި ކަމަށެވެ. އެހެންކަމުން މަސްވެރިކަން ރަނގަޅު ވުމާއެކު މަހުގެ އުފެއްދުންތައް އިތުރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
މިހާރު ބޭނުންވާ ވަރަށް މަސް ލިބުމުގައި ދަތިތަކެއް ހުރީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަމަށް ހޮރައިޒަން އަދި އެންސިސްއިން ވެސް ފާހަގަކުރިއެވެ.
މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ދުނިޔެ ހޫނުވުމުގެ މައްސަލައާ ދުނިޔޭގެ ހުރިހާ ގައުމަކުން ވަނީ ކުރިމަތިލާން ޖެހިފައެވެ. މިކަމުގެ ސަބަބުން ރާއްޖެ ފަދަ ގުދުރަތީ ވަސީލަތްތަކަށް ބަރޯސާވާ ގައުމުތަކަށް އޭގެ ނޭދެވޭ އަސަރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ދުނިޔޭގެ ގިނަ ގައުމުތަކަކުން ބައިވެރިވާ ކޮޕް-26ގައި ރާއްޖޭއިން ވެސް ވަނީ ބައިވެރިވެފައެވެ.