ސްކޮޓްލެންޑްގެ ގްލާސްގޯގައި ކޮޕް-26 ކޮންފަރެންސް ފަށައިފިއެވެ.
މިކޮންފަރެންސް ކުރިޔަށްދާނީ އޮކްޓޯބަރ މަހުގެ 31ން ނޮވެމްބަރ 12އަށެވެ. މިފަހަރުގެ ކޮންފަރެންސްގައި 197 ގައުމަކުން ބައިވެރިވާއިރު 120 ގައުމެއްގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވައެވެ. އޭގެތެރޭގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ފްރާންސްގެ ރައީސް މެނުއަލް މެކްރޮން، އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް އެންމެ ގިނައިން ޖައްވަށް ގޭސް ދޫކުރާ ޗައިނާގެ ރައީސް ޝީ ޖިންޕިން ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާނީ އޮންލައިންކޮށެވެ. 4 ވަނައަށް އެންމެ ގިނައިން ގޭސް ދޫކުރާ ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިންވެސް ބައިވެރިވެވަޑައިގަންނަވާނީ އޮންލައިންކޮށެވެ.
ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އދ.ގެ ކްލައިމެޓް ޗޭންޖްގެ އެގްޒެކެޓިވް ސެކެޓްރީ ޕެޓްރީޝިއާ އެސްޕިނޯސާ ވިދާޅުވީ ކޮޕް-26އަކީ ކާމިޔާބު ކޮންފަރެންސްއަކަށް ވުމުގެ ފުރުސަތު އެބައޮތްކަމަށެވެ. އެކަމަށްޓަކައި އަމަލުކުރަން ޖެހޭގޮތް ކަނޑައަޅާ ވާހަކަދެއްކުމުގެ ޕްލެޓް ފޯމު އެބައޮތްކަމަށް ޕެޓްރީޝިއާ ވިދާޅުވިއެވެ. އަދި ޕެރިސް އެގްރިމެންޓާއެކު އިންސާނިއްޔަތަށް އުންމީދު ގެނުވާކަމަށް ޕެޓްރީޝިއާ ވިދާޅުވިއެވެ. ދުނިޔޭގެ ތާރީޚުގައި މިހާރު އާދެވިފައި މިތިބީ ވަރަށް މުހިންމު ހިސާބެއްގައި ކަމަށް ޕެޓްރީޝިއާ ވިދާޅުވިއެވެ.
ދުނިޔެ ހޫނުވަމުންދާ ދުވެލި 1.5 ޑިގްރީ ސެލްސިއަސްގައި ބެހެއްޓުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރުމަށް މުހިންމު ބޮޑެތި ފިޔަވަޅުތަކެއް އަޅާނީތޯ, ނުވަތަ ދުނިޔޭގެ ދިރިހުރުން ކުރިޔަށް އޮތްތަނުގައި ކުރިމަތިލާނީ ހަނަފަސްކަމާއި ދިރުމެއްނެތް ދުވަސްތަކަކަށްތޯ ކަނޑައަޅަންޖެހޭކަމަށް ޕެޓްރީޝިއާ ވިދާޅުވިއެވެ.
މިފަހަރުގެ ކޮންފަރެންސްގައި, 2015 ވަނަ އަހަރު ޕެރިސްގައި ބޭއްވި ކޮޕް ކޮންފަރެންސްގައި ގައުމުތަކުން އެއްބަސްވި ޕެރިސް އެގްރިމެންޓްގައިވާ ކަންކަންމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތްތަކެއް ގައުމުތަކުން ނިންމަންޖެހޭނެއެވެ. ދުނިޔެ ހޫނުވަމުންދާ ދުވެލި 2 ޑިގްރީ ސެލްސިއަސްއަށް ވުރެ ތިރީގައި ބެހެއްޓުމަށް ގައުމުތަކުން އެއްބަސްވި އެއްބަސްވުން ހާސިލުކުރުމަށް ގައުމުތަކުން އެކުލަވާލާފައިވާ ޕްލޭންތައް ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވާނީ ކޮޕް26އަށެވެ. އެކަމުގެ ތަފުސީލުތައް ގައުމުތަކުން ކޮޕް26 އަށް ހުށަހަޅަންޖެހޭނެއެވެ.
ދެ ހަފްތާގެ މުއްދަތަށް ކުރިޔަށްދާ މިކޮންފެރެންސްގައި ފުރަތަމަ ހަފްތާގައި ސަރުކާރުތަކުގެ އޮފިޝަލުން މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ ޓެކްނިކަލް ކަންކަމާއި ގުޅޭގޮތުންނެވެ. އެގޮތުން ކާބަން ކްރެޑިޓްސް، ތިމާވެށީގެ ގޮތުން ނާޒުކު ގައުމުތަކަށް ދޭ ފަންޑު އަދި މޫސުމީ ބަދަލުތަކަށް ގުދުރަތީ ގޮތުން ގެނެވޭނެ ބަދަލުތަކާ ގުޅޭގޮތުން ވާހަކަތައް ކުރިޔަށް ގެންދާނެއެވެ.
2 ވަނަ ހަފްތާގައި ކުރިޔަށްދާނީ ޖިންސީ ހަމަހަމަކަން، ދަތުރުފަތުރު، މޫސުމީ ބަދަލުތަކަށް ސައިންސްގެ ޒަރީޢާއިން ގެނެވޭނެ ހައްލު އަދި މައްސަލަތަކަށް ގެންނާނެ ހައްލުތަކާއި ގުޅޭގޮތުން ވާހަކަދެއްކުމެވެ.