ފާއިތުވި ދުވަސްތަކަކީ މަސްތުވާތަކެތީގެ ބޮޑެތި ޝިޕްމެންޓް ރައްޖެ އެތެރެކުރިކަން ހާމަވި ދުވަސްތަކެކެވެ. ރާއްޖެއިން ބޭރުގެ ނެޓްވާރކްތަކާ ގުޅިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަން އެއީ އެނގޭ ހަގީގަތެކެވެ. އެހެންނަވެސް އެކަން ހުއްޓުވުމަށް ކަމާގުޅުންހުރި އިދާރާތަކުން ކުރަމުން އަންނަ މަސައްކަތަށް ކުރިއެރުން ލިބެޔޭ ނުދެންނެވޭނެއެވެ.
މީގެ 14 އަހަރުކުރިން ރާއްޖެއަށް 2.7ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކުރި ބަޔަކު އަތުލައިގަތެވެ. އޭރަށް ބަލާއިރު އެއީ ބޮޑު އަދަދެކެވެ. ގިނަބަޔަކަށް އެ ޚަބަރާއެކު ސިހުން ލިބުނެވެ.
އެކަމަކު އޭގެ ހަތް އަހަރު ފަހުން އެއްފަހަރާ 24 ކިލޯގެ މަސްތުވާތަކެތި ރާއްޖެއިން އަތުލައިގަތެވެ. އޭގެ ފަސް އަހަރު ފަހުން 149 ކިލޯގެ މަސްތުވާތަކެއްޗެވެ. މިދިޔަ ހަފުތާގައި ހިންގި ދެ އޮޕަރޭޝަނެއްގައި އެ އަތުލައިގަތީ 315 ކިލޯއަށްވުރެގިނަ މަސްތުވާތަކެއްޗެވެ. ހައްޔަރުކުރި ގިނަ މީހުން މިހާރުވަނީ ދޫކޮށްލާފައެވެ.
ހަފުތާއެއްގެ ތެރޭގައި މިހާ ގިނައަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތުމުން ރާއްޖޭގައި މި ވިޔަފާރި ފުޅާވެފައިވާ މިންވަރު ހާމަވެއެވެ. ކިތަންމެ ގިނަ އަދަދަކާއެކު އަތުލައިގަތްނަމަވެސް އެކަށީގެންވާ އަދަބު އެކަމުގައި ނުދެވޭ ކަމުގެ ޝަކުވާ އާއްމުން ކުރެއެވެ. ފަޅު ރަށަކުން އަތުލައިގަތް 149 ކިލޯގެ ޑްރަގް މައްސަލާގައި ޝާމިލްވާކަމަށްބުނާ ގިނަ ބަޔަކު ދޫވެގެން ދިޔައީ ދާދިފަހުންނެވެ. އެހެންކަމުން އާދައިގެ ޑްރަގް ނެޓްވޯކްތަކުގައި ހިމެނޭ މީހުން ސަލާމަތްވެ މުޖުތަމުގައި އުޅެމުންދަނީ ކިހާ ވަރަކަށްކަން ދެނެގަތުން ފަސޭހައެއް ނުވާނެއެވެ.
ރާއްޖެއިން ބޭރުގެ ޑްރަގް ނެޓްވާރކެއްގައި މީހަކު ރަހުނުކޮށް 72 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ވާހަކަ އަޑުއިވިގެން ދިޔައީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. އެ މައްސަލައިގެ ޝަރީއަތްވެސް ދަނީ ކުރިއަށެވެ.
މަސްތުވާތަކެތީގެ ބޮޑު ވިޔަފާރި ހުއްޓުވަން ކުރާ މަސައްކަތް އިތުރުވާ މިންވަރަކަށް، އެކަން ކުރާ މީހުން ސަލާމަތްވުމަށްޓަކައި ބޭނުންކުރާ އުކުޅުތައް ވެސް އެހާ ގިނައެވެ. ޝަރުއީ މަރުހަލާގައި މިހާރު އެންބޭނުންކުރާ އެއް އުކުޅަކީ މަސްތުވާތަކެތީގެ ޒިންމާ ދައުވާލިބޭ ކޮންމެވެސް އެކަކު ނެގުމެވެ. އެމީހުންގެ ބަހުން ނަމަ "ރިސްކް" ނެގުމެވެ. އެއާއެކު އެކަމުގެ މުގުލުގައި ހުންނަ މީހާ ސަލާމަތްވެއެވެ.
މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކްތައް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރުމަށް ގިނަ ބަޔަކު ބޭނުން ކުރެއެވެ. ހަމ އެގޮތަށް އެތަކެތި ރައްކާކުރުމަށްވެސް އެހާ ގިނަ ތަންތަނާއި، އުކުޅު ބޭނުންކުރެއެވެ. ކޯޓު މަރުހަލާގައި މަސްތުވާތަކެތީގެ ޒިންމާ އެކަކު ނެގުމުން ދެން ތިބޭ މީހުން މިނިވަން ވެއެވެ. 2020ވަނަ އަހަރުވެސް ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގައި އެކަކު ޒިންމާވެ، އެ މައްސަލައިގައި ދެން ތިބި އެންމެނެ ދޫކޮށްލީއެވެ.
އެކަމަކު މަސްތުވާތަކެތީގެ ޒިންމާ އެހެން މީހަކު ނަގާފައިވާ ކަމަށް ބުނެ ދެން ތިބި މީހުން ބަންދުން ދޫކުރެވިދާނެތޯ ސުވާލު އުފެދެއެވެ. ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ގޮތުން، އެއް ކުށެއްގެ ތުހުމަތު ކުރެވޭ މީހުންނަށް އެކަމުގައި ދެން ހިމެނޭ މީހުންނާ އެއްކޮޅަށް ނުވަތަ ދެކޮޅަކަށް ހެކިބަހެއް ނުދެވޭނެއެވެ. އެހެންކަމަށްވާނަމަ، ދައުވާލިބޭ އެކަކު ކުށަށް އިއުތިރާފްވުމަކީ އެ މައްސަލާގައި ދައުވާލިބޭ ދެން ތިބި މީހުންގެ ކުށެއް ނެތް ކަމަށް ނިންމޭނެ ސަބަބެއް ނޫނެވެ.
ދެން އޮތީ ގިނަ ބަޔަކު ބައިވެރިވެގެން މަސްތުވާތަކެތި އެތެރެކުރުން ނުވަތަ ވިޔަފާރިކުރާ ހާލަތުގައި، އެކަކު އޭގެ ޒިންމާ ނެގުމުން ދެން ތިބި މީހުންނަށް ސަލާމަތް ވެވޭނެތޯ އޮތް ސުވާލެވެ. މަސްތުވާތަކެއްޗާބެހޭ ކުރީގެ ގާނޫނު އޮންނަ ގޮތުން ނަމަ، މަސްތުވާތަކެތި ގެންގުޅުމާއި އެތެރެކުރުމުގެ ކުށްތަކުގައި ކުށްވެރިވާނީ ސީދާ އެ މީހެއްގެ އަތުން ނުވަތަ އެ މީހެއްގެ ބެލުމުގެ ދަށުން މަސްތުވާއެއްޗެއް ފެނުމުންނެވެ. އެ މީހާގެ ސީދާ ކޮންޓްރޯލް ނެތް ނަމަ، އޭރު މަސްތުވާއެއްޗަކަށް ޒިންމާވާކަށް ނުޖެހެއެވެ.
އެހެން ނަމަވެސް މިހާރު އަމަލުކުރާ މަސްތުވާތަކެއްޗާބެހޭ ގާނޫނު މިކަމުގައި ވަރަށް ތަފާތެވެ. މިހާރު އަމަލުކުރާ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 146 ވަނަ މާއްދާ ބުނާގޮތުން އެކަކަށް ވުރެ ގިނަ މީހުންނަށް އެނގި ތިބެ، އޭގެ ތެރެއިން އެކަކުގެ އަތުގައި މަސްތުވާއެއްޗެހި ބެހެއްޓިޔަސް، އެ އެންމެން މަސްތުވާތަކެތި ގެންގުޅުނު ކަމަށް ބެލެވޭނެއެވެ. އަދި މަސްތުވާތަކެތި އަސްލު ގެންގުޅުނު މީހާއަށް އަންނަ އަދަބު ދެން ތިބި މީހުންނަށް ވެސް އަންނާނެއެވެ. މާނައަކީ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި އެ މަސްތުވާތަކެތި ހުރުން ލާޒިމެއް ނޫނެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތް އިތުރުވާ މިންވަރަކަށް، އެކަމުގައި ހިމެނޭ މީހުން ސަލާމަތްވާން ބޭނުންކުރާ އުކުޅުތައް ވެސް އެހާމެ ގިނައެވެ. އެފަދަ މީހުން ޝަރުއީ މަރުހަލާގެ ތެރެއިން ދޫވެގެން ދިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން އެބަޖެހެއެވެ. މަސްތުވާތަކެތި އަތުލައިގަންނަ މިންވަރު އިތުރުވިޔަސް، އެކަންކުރާ އެންމެންނަށް ހައްގު އަދަބު ނުދެވޭ ނަމަ އެދެވޭ ނަތީޖާއެއް ނުނިކުންނާނެ ކަން މިދަނީ ހާމަވަމުންނެވެ.