އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމު، އާސަންދައަށް ކުރާ ހޭދަކުޑަކުރަން އަންނަ އަހަރުން ފެށިގެން ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ނުވަތަ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމްއާރުޕީ) ކަނޑައަޅަން ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ އިޖުތިމާއީ ރައްކާތެރިކަމުގެ އޮނިގަނޑުގެ ތެރެއިން ސަރުކާރުން އެއް ކަމަކަށް އެންމެ ބޮޑު ޚަރަދެއް ކުރަމުން އަންނަނީ އާސަންދަ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ސިއްހީ ޚިދުމަތް ކަށަވަރުކުރުމަށް ކަމަށެވެ. އާސަންދަ ނިޒާމުގެ ސަބަބުން ދިވެހި ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމުގެ އިތުރުން، މާލީ ރައްކާތެރިކަން ވެސް އިތުރުކޮށްދޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް، މި ނިޒާމަކީ ލިމިޓެއް ނެތި ހުޅުވާލާފައި އޮންނަ ނިޒާމެއްކަމުން، އިސްރާފަށް މަގުފަހިވާ ބައެއް ނުރަނގަޅު އާދަތަކަށް މަގުފަހި ކުރުވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ ޓެކްސް ފައިސާއިން ހިނގާ އިސްރާފުގެ މިންވަރު ކުޑަކޮށް، ދައުލަތުގެ ބަޖެޓުންނާއި ރައްޔިތުންގެ ޖީބުން ބޭސްފަރުވާއަށް ކުރާ ޚަރަދު ކުޑަކުރުމަށް އަންނަ އަހަރު ފިޔަވަޅުތަކެއް އެޅުމަށް ރާވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިގޮތުން ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު މިއަންނަ އަހަރު ކަނޑައަޅައި، ބޭހުގެ ވިޔަފާރިން އެކަށީގެންނުވާ މަތީ މިންވަރުތަކުން ފައިދާ ނެގުމަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރެވޭނެ. މީގެ އިތުރުން، ރާއްޖެ އެތެރެކުރާ ބޭސް ޕްރޮކިއޮ ކުރުމުގެ އުސޫލުތައް ހަރުދަނާ ކޮށްގެން އިތުރަށް އަގުތައް ތިރިކުރުމުގެ ފުރުސަތު ހޯދުމަށްވެސް މަސައްކަތް ކުރާނަން.އިބްރާހީމް އަމީރު / ފިނޭންސް މިނިސްޓަރ
މިގޮތުން 2022 ވަނަ އަހަރު އާސަންދަ ސްކީމަށް ވަނީ 731 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައެވެ.
އެމްއާރްޕީ ކަނޑައެޅުމުގެ މައިގަނޑު މަޤްޞަދަކީ އަމިއްލަ ފަރުދުންގެ ޖީބުން ބޭހަށް ކުރާ ޚަރަދު ކުޑަކޮށް އިޖުތިމާޢީ ސިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމު (އާސަންދަ)ގެ ތެރެއިން ބޭހަށް ކުރާ ހޭދަ އިތުރުވަމުންދާ މިންވަރު ދެމެހެއްޓިނި މިންގަނޑެއްގައި ހިފެހެއްޓުމެވެ. ފިސްކަލް ޕޮލިސީގެ ނަޒަރުން ބަލާއިރު އެމްއާރްޕީ ކަނޑައެޅުން މުހިއްމުވާ މައިގަނޑު ސަބަބަކީ އާސަންދަ ނިޒާމުގެ ތެރެއިން ދައުލަތުން އެއް ކަމަކަށް އެންމެބޮޑު ޚަރަދެއްކުރަމުން އަންނަނީ ބޭހަށް ކަމަށްވާތީއެވެ. އެގޮތުން ރާއްޖޭގައި ބޭހުގެ އަގު ކޮންޓްރޯލެއްނެތި ބޮޑުވަމުން ދިއުމުގެ ސަބަބުން އާސަންދައަށާއި ބޭސްފަރުވާގެ އެހެނިހެން ޚިދުމަތް ދިނުމަށް ދައުލަތުގެ ހޮސްޕިޓަލްތަކުން ކުރާ ޚަރަދު އިތުރުވެ، ދައުލަތުން އެހެން ޚިދުމަތްތަކަށް ބަޖެޓުން ދެވޭ ޖާގަ ހަނިވެގެންދާކަމަށް ސަރުކާރުން ބުނެއެވެ.