ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ބްރެޒިލްގެ ޕެލޭގެ 81 ވަނަ އުފަން ދުވަހުގެ ތަހުނިޔާ ފޮނުވި އެންމެނަށް އޭނާ ޚާއްސަ ޝުކުރެއް އަދާ ކޮށްފިއެވެ.
ޕެލޭ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯގައި ބުނީ އުފަން ދުވަހުގެ ތަހުނިޔާ ކިޔާފައިވާ ބްރެޒިލްގެ މީހުންނަށާއި، ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން އޭނާގެ އުފަން ދުވަހުގެ ތަހުނިޔާ ކިޔާފައިވާ އެންމެހާ ފަރާތްތަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުއަދާ ކުރާ ކަމަށެވެ.
ޕެލޭ ވަނީ މިފަހުން ގޮހޮރުގައި ޓިއުމަރެއް އުފެދުމާއެކު ސެޕްޓެމްބަރު މަހުގެ ހަތަރުވަނަ ދުވަހު އޮޕަރޭޝަނެއްވެސް ކޮށްފައެވެ. އަދި މީގެ ކުރިން 2015 ވަނަ އަހަރުވެސް ޕެލޭ ވަނީ ބޮޑު އޮޕަރޭޝަނެއް ކޮށްފައެވެ.
އަދި އެއަށްފަހު އޭނާގެ ހާލަތު ގޯސްވާތީ އެކި ފަހަރު މަތިން ވަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންވެސް ފަރުވާ ދީފައެވެ. އޭގެ ތެރޭގައި ގޮހޮރުގެ އެކި ބަލިތަކަށްވެސް ވަނީ ތަކުރާރުކޮށް ފަރުވާ ހޯދާފައެވެ.
ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ފާހަގަކޮށްލެވޭ ޕެލޭގެ ކެރިއަރުގެ އެންމެ އުސްއައްޔަކީ ބްރެޒިލާއެކު ފީފާ ވޯލްޑް ކަޕް ތިން ފަހަރު ކާމިޔާބުކުރުމެވެ. އެއާއެކު ޕެލޭ ވެފައިވަނީ ވޯލްޑް ކަޕް ތިން ފަހަރަށް ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާއަށެވެ. މީގެ އިތުރުން ޕެލޭ ވަނީ ތަފާތު ހަތަރު ވޯލްޑް ކަޕެއްގައި ލަނޑު ޖަހާފައެވެ.
ބްރެޒިލަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑުވެސް އޮންނަ ޕެލޭ ވަނީ ބްރެޒިލް ޓީމަށް ކުޅެދިން 92 މެޗުގައި 77 ލަނޑު ޖަހާފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ކެރިއަރުގައި ކުޅުނު 1،363 މެޗުގައި ޕެލޭ ވަނީ 1،279 ލަނޑު ޖަހާފައެވެ.