ކ. މާލެ
|
30 އޮކްޓޯބަރ 2021 | ހޮނިހިރު 20:13
ދުނިޔެ ސަލާމަތް ކުރުމަށް އަމާޒު ހިފެވޭ މަހާސިންތާ ކުރިއަށްދާނީ އޮކްޓޫބަރު 31ން ނޮވެމްބަރު 12ށް ގްލާސްގޯގައި
ދުނިޔެ ސަލާމަތް ކުރުމަށް އަމާޒު ހިފެވޭ މަހާސިންތާ ކުރިއަށްދާނީ އޮކްޓޫބަރު 31ން ނޮވެމްބަރު 12ށް ގްލާސްގޯގައި
ބީބީސީ
ކޮޕް26 ސަމިޓް
ކަންފަތް ތޫނުކޮށްގެން މިތިބީ ގްލާސްގޯއިން ފައިދާވާނެ އުފާވެރި ޚަބަރުތަކުގެ އިންތިޒާރުގައެވެ.
 
ދިވެހިރާއްޖެއިން ސަމިޓުގައި ބައިވެރިވަނީ އެންމެ މަތީ ދަރަޖައިގެ ސީރިއަސްކަމުގައި
 
ކޮޕް26 ސަމިޓަކީ ދުނިޔެ ސަލާމަތްކުރަން ލިބޭނެ މިފަދަ ފަހު ފުރުސަތަށް ވެދާނެ

ދުނިޔޭގެ މޫސުމަށް ނޭދެވޭ ބަދަލުތައް އަންނަ އައުމަކީ ދޮގުކުރެވެން ނެތް ހަގީގަތެކެވެ. ތިމާވެށި ކިލަނބުވެ ދުނިޔޭގެ ދިރުންތަކަށް ނުރައްކާވަމުން ދިޔުމަކީވެސް ހަގީގަތެކެވެ. އިންސާނުންވެސް ހިމެނޭގޮތުންނެވެ. ދުނިޔޭގެ ވެށި ތަޣައްޔަރުވެ، ދުނިޔޭގެ ހޫނުމިން މަތިވެ، ދުނިޔޭގެ އުތުރު ތަނޑިޔާއި ދެކުނު ތަނޑީގައިވާ ގަނޑުފެންތައް ވިރި، ކަނޑުގެ ލޮނުގަނޑު އުފުލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ އިންސާނުންގެ އަމަލުތަކެވެ. ދިރިއުޅުން ފަސޭހަކުރުމުގެ ގޮތުން އެނގިގެންނާއި ނޭނގިތިބެ ކުރެވޭ ކަންކަމުގެ ސަބަބުންނެވެ. އިންސާނުން ދިރިއުޅެން ފެނިފައިވާ ހަމައެކަނި ގޮވައްޗަކީ މިދުނިޔެއެވެ. ހަމަ އެ އިންސާނުންގެ ސަބަބުން ދުނިޔެ ނުހަނު އަވަހަށް ބަދަލުވަމުން މިދަނީ ދިރިނޫޅެވޭ ކަހަލަ ނުރައްކާތެރި ތަނަކަށެވެ.

ދުނިޔެއަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ އަސަރުތައް އެކި ސަރަހައްދުތަކުގެ އެކި ގައުމުތަކަށް ފޯރަމުންދަނީ އެކި މިންވަރަށް އެކި ގޮތްގޮތަށެވެ. ކޮންމެވެސް ކަހަލަ އަސަރަކާއި ކޮންމެވެސް ކަހަލަ ގެއްލުމެއް ތަޖުރިބާނުކުރާ ހަމަ އެއްވެސް ގައުމެއް ނެތެވެ. މިއީ އަދި ފެށުމެކެވެ. ފެންނަމުން މިދަނީ ކުރިޔަށް އޮތް ކަންތައްތަކާމެދު ފިކުރުކުރާއިރު ދާދި ކުޑަ މިންވަރެކެވެ. ބައެއް ގައުމުތަކަށް ވާރޭވެހުން މަދުވެ ހަނަފަސްކަން ފެތުރި ދަނޑުގޮވާމުގެ ބިންތައް ނެތެމުންދަނީއެވެ. ބައެއް ތަންތަނަށް ތޫފާން އެރުން އިތުރުވެ ފެންބޮޑުވުމުގެ ގެއްލުން އިންތިހާއަށް އުފުލިގެންދަނީއެވެ. އަނެއްބައި ތަންތަނުގައި ކަނޑުގެ ލޮނުގަނޑު އުފުލި ސަރަހައްދުތައް ގިރައިގެންގޮސް ވުޖޫދުން ފޮހެވިގެން ދިޔުމުގެ ބިރުވެރިކަން ބޮޑުވަނީއެވެ. މިހެންގޮސް އަދިވެސް ކިތަންމެ ކަމެކެވެ. ކިތަންމެ ނުރައްކަލެކެވެ.

ބަޔާންކުރެވިފައިވާ ނުރައްކާތަކުގެ ތެރެއިންވެސް އެންމެ ބޮޑު ނުރައްކަލަކީ ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ދިޔުމުގެ ނުރައްކަލެވެ. ބިންތިރި ކުދި ޖަޒީރާތައް ދުނިޔޭގެ މޫނުމަތިން ފޮހެވިގެން ގެއްލިގެން ދިޔުމުގެ ބިރެވެ. ޖަޒީރާއަކަށް ނުވިޔަސް ބޮޑެތި ބައްރުތަކުގެ ތެރެއިންވެސް ބިންތިރި އައްސޭރި ސަރަހައްދުތައް ގިރައިގެންގޮސް މޫދަށް ބަދަލުވުމުގެ ބިރެވެ. މިކަން މިހާރު އޮތީ ކުރެވޭ އަންދާޒާއެއްގެ ގޮތުގައެެއް ނޫނެވެ. މިކަން މިއޮތީ ހަމަ ދިމާ ކުރިމަތިން ހަގީގަތަކަށް ބަދަލުވެފައެވެ. ރަށްގިރުމާއި ހަނަފަސްވުމާއި ފެންބޮޑުވުމާއި ތޫފާންތަކުގެ ސަބަބުން ކޮންމެ އަހަރަކުވެސް އެތައް ހާސްބަޔަކު ދަނީ ތިމާވެށީގެ ރެފިއުޖީންނަށް ބަދަލުވަމުންނެވެ. ފުރާނަ ސަލާމަތްކުރުމަށްޓަކައި ގެދޮރުދޫކޮށް ސަލާމަތްކަން މިވަގުތަކަށް ލިބޭން އޮތް ކަމަށް ފެންނަހައި ތާކަށް ހިޖުރަކުރުމުގެ އޮއިވަރެއް ވަނީ ފެށިފައެވެ.

މަސްމަހާމެހި ދަތުރުކުރާނީ ފެންފެންގަނޑަށެވެ. ދޫނިސޫފާސޫފި ދަތުރުކުރާނީ މަސްމަހާމެހި އުޅޭ ހިސާބުތަކަށެވެ. ހަމައެބީދައިން އިންސާނުންވެސް ދަތުރުކުރާނީ ކާނާލިބޭން ހުންނަ ތަންތަނަށެވެ. ދަނޑުގޮވާންކުރެވޭ އަދި ކާބޯތަކެތީގެ ކަށަވަރުކަން އޮންނަ ތަންތަނަށެވެ. ދިރިއުޅުމެއް އާރާސްތުކުރަން އެކަށީގެންވާ ތަންތަނަށެވެ. ތިމާވެށީގެ މުހާޖިރުންކަމަށް ވަމުންދާ މީހުންގެ މަންޒިލަކީވެސް ކާބޯތަކެތީގެ ކަށަވަރުކަން ލިބިދޭ މަންޒިލްތަކެވެ. މިއަދު މިފެންނަނީ އަވަށްއަވަށް ހުސްކޮށްފައި ފަޅުކޮށްފައި މީސްތަކުން ނުކުމެގެންދާ މަންޒަރެވެ. މާދަމާ ފެންނާނީ މުޅި ގައުމު އެއްކޮށް ހުސްކޮށްފައިދާން މަޖުބޫރުވެފައިވާ މަންޒަރެވެ. މުޅި ގައުމުގެ އެންމެން ތިމާވެށީގެ މުހާޖިރުންކަމުގައި ވެދާނޭ ކަމަށް ބެލެވޭ އެއްބަޔަކީ ދިވެހީންނެވެ.

އިންޑިޔާކަނޑުން ދިވެހިރާއްޖެ އާއި ޕެސިފިކް ކަނޑުން ޓުވާލޫ އާއި ކިރިބަސް އަދި ވަނުއާޓޫ ފަދަ ގައުމުތަކަކީ އުފުލެމުންދާ ކަނޑުތަކުގެ ތެރޭގައި ގެނބިގެން ގިރައިގެން ނެތިގެން ފަނާވެގެންދާނެ ކަމަށް އަންދާޒާކުރެވިފައިވާ ގައުމުތަކެވެ. މިއީ އައު ވާހަކައެއް ނޫނެވެ. މިއީ އައު އިންޒާރެއްވެސް ނޫނެވެ. ސައިންސްވެރިން މިވާހަކަ ގޮވާތާ ލައްކަ ގިނަދުވަސްވެއްޖެއެވެ. އެކަމަކު ތިމާވެށި ހަލާކުކުރާ އެކިކަހަލަ ސިނާއަތްތަކުގެ ނުފޫޒުގެ ދަށުވެފައިވާ ސިޔާސީ ފަރާތްތަކަށް މިއަޑު އިވޭން ފެށިތާ އަދި ގިނަދުވަސްތަކެއް ނުވެއެވެ. އެފަދަ ބައެއް ލީޑަރުންނަށް އަދިވެސް ރަނގަޅަށް މިއަޑު އިވޭކަމަކަށް ނުވެއެވެ. ދުނިޔެ ސަލާމަތް ކުރުމަށްޓަކައި ކުރުން ލާޒިމު ކަންކަން ކުރުމަށް ގައުމުތަކުން ފަސްޖެހި ފަހަތު ފަޔަށް ބުރަވެގެން މިތިބޭ ތިބުމުގެ ސިއްރަކީ އެއީއެވެ.

ކުދި ޖަޒީރާ ގައުމުތަކުގެ ފަރާތުން ދިވެހިރާއްޖެއިން މިވާހަކަ ގޮވައި ދިވެހީންގެ ހާލަތާއިމެދު އިންޒާރު ދެމުންދާތާ ވިހި ފަންސަވީސް އަހަރު ވެއްޖެއެވެ. ރާއްޖެ އަދިވެސް ދެމިއޮތީ މިކަމަށް ވަކާލާތު ކުރުމުގައެވެ. އެންމެންވެސް ބުނެއެވެ. ތިޔައީ ރަނގަޅު ވާހަކައެކެވެ. އެކަމަކު އަމަލީގޮތުން އަޅަންވާ ފިޔަވަޅުތަކެއް ނާޅައެވެ. މިވާހަކަތައް ދިވެހިރާއްޖެއިން އަނެއްކާވެސް މިހަފުތާޔާއި ކުރިއަށް އޮތް ހަފުތާގައިވެސް އަޑަށް ބާރުލާފައި ދައްކާނެއެވެ. ސްކޮޓްލެންޑުގެ ގްލާސްގޯގައި އޮކްޓޫބަރު 31 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު 12 ވަނަ ދުވަހާ ހަމަޔަށް ކޮޕް26 ގެ ނަމުގައި ކުރިއަށް ގެންދާ ދުނިޔޭގެ ބޮޑު މަހާސިންތާޔަކީ ދުނިޔެ ސަލާމަތްމުރުމަށްޓަކައި އައު ލަނޑުދަނޑިތަކަށް ވާސިލްވުމަށް އަހުދުކަށަވަރު ހިފުމުގެ މަހާސިންތާއެވެ.

އެއީ ދުނިޔޭގެ ގާތްގަޑަކަށް ދުއިސައްތަޔާ ގާތްކުރާ އަދަދެއްގެ ގައުމުތަކުގެ ވެރިން އެއްތަންވެގެން ކުރާ ސައްލާއެކެވެ. މީގެ 6 އަހަރު ކުރިން ޕެރިހުގައި ބޭއްވުނު މަޝްހޫރު މަހާސިންތާޔަށްފަހު މިއީ ދެން އެންމެ މުހިއްމު އެންމެ ބޮޑު މަހާސިންތާއެވެ. ދުނިޔޭގެ ދެމިއޮތުމާއި ނެތިދިޔުން ގުޅިފައިވަނީ މި މަހާސިންތާޔާއެވެ. ދުނިޔެ ސަލާމަތްކުރަން އިންސާނުންނަށް ދެން މާކަގިނަ ވަގުތެއް ނެތެވެ. ކުރެވޭންހުރި ކަމަކާއި އެޅޭން ހުރި ފިޔަވަޅުތަކެއްގެ ވަގުތަކީ މިވަގުތެވެ. އަރައިރުންވުމާއި ކަންދެއްކުމުގައި މިފަހަރު ވަގުތު ބޭކާރުކޮށްލެވިއްޖެނަމަ ދެން މިކަހަލަ އެހެން ފުރުސަތެއް ނުވެސް ހޯދޭނެއެވެ. ރާއްޖެ ފަދަ ގައުމުތަކުން މި މަހާސިންތާގައި ބައިވެރިވަނީ މިއީ ދިވެހީންނާއި ދިވެހީންގެ ގައުމު ސަލާމަތް ކުރުމަށް ލިބޭ ފަހު ފުރުސަތު ކަމަށް ބަލައިގެން ގައުމީ އެންމެ މަތީ ލެވެލްގެ ސީރިއަސްކަމުގައެވެ.

އެންމެހައި ދިވެހީންގެ ކަންފަތްތައް ތޫނުކޮށްގެން މިތިބީ ގްލާސްގޯއިން ލިބޭނޭ އުފާވެރި ޚަބަރެއްގެ އިންތިޒާރުގައެވެ. އެކަހަލަ ޚަބަރެއް ފައިދާނުވެއްޖެނަމަ އެންމެ ބޮޑަށް މާޔޫސްވާނޭ އެއްބަޔަކީ ހަމަ ދިވެހިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި